އަމާޒަކީ އޭއެފްސީ ކަޕަށް ކޮލިފައިވޭތޯ ބެލުން: މޯހަން

ކުރިއަށް އޮތް ސީޒަނަށް ކްލަބް އީގަލްސްގެ ޕްރެކްޓިސް މި ފެށުނީ ތަންކޮޅެއް ލަހުން ކަމަށާއި އެކަމަކު އެންމެ ބޮޑު އަމާޒަކީ އަންނަ އަހަރުގެ އޭއެފްސީ ކަޕަށް ކޮލިފައިވޭތޯ ބެލުން ކަމަށް އީގަލްސްގެ ކޯޗު މުހައްމަަދު ޝިޔާޒް (މޯހަން) ބުނެފި އެވެ.


ކުރިއަށް އޮތް ސީޒަނަށް އީގަލްސް އިން ޕްރެކްޓިސް ފެށީ މިދިޔަ އާދިއްތަ ދުވަހު އެވެ. އީގަލްސް އަށް ސީޒަން ފެށުން އޮތީ އަންނަ މަހު ނުވަ ވަނަ ދުވަހު ކުޅޭ ޗެރިޓީ ޝީލްޑް މެޗުގައި މާޒިޔާއާ ދެކޮޅަށް އޮތް ކުރިމަތިލުމުންނެވެ. ދިވެހި ޕްރިމިއާ ލީގުގެ ޝެޑިއުލްގައިވާ ގޮތުން އަންނަ މަހު 13 ގައި އީގަލްސް ކުޅޭނީ އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އާ ދެކޮޅަށެވެ.

މޯހަން ބުނީ އީގަލްސް އިން ޕްރެކްޓިސް ފަށައިގެން ތައްޔާރުވަނީ ސީޒަން ފަށާ މެޗަށް ނޫން ކަމަށާއި މިހާރު ވަގުތު އޮތްގޮތުން އެ މެޗަށް އެންމެ ރަނގަޅަށް ތައްޔާރުވެސް ނުވެވޭނެ ކަމަށެވެ. އެކަމަކު އެންމެ ބޮޑަށް ވިސްނަނީ މެޗަކަށް ފަހު މެޗެއް ރަނގަޅުކޮށް އަންނަ އަހަރުގެ އޭއެފްސީ ކަޕާ ހަމައަށް ދާއިރު އެންމެ ރަނގަޅު ހާލަތުގައި ޓީމު ބޭއްވުމަށް ކަމަށެވެ.

"ލީގުގެ ފުރަތަމަ މެޗަށް ފިޓްނުވިޔަސް ތިން ހަތަރު މެޗެއް ދާ ފަހުން ފިޓްވާނީ ކުޅުންތެރިން. އެހާ ދުވަސްނަގާނެ. ޑިސެމްބަރު މަސް ނިމޭއިރު ހަމަޔަކަށް އެޅިފައި އޮންނާނީ. އެހެން ނަމަވެސް ކޮންމެ މެޗަކީ ވެސް މޮޅުވާން ކުޅޭ މެޗެއް،" ފުރަތަމަ ޑިވިޝަނުގެ ގިނަ ޓީމަކަށް ކޯޗުކޮށްދިން މޯހަން ބުންޏެވެ.

"އިރާދަކުރެއްވިއްޔާ މި ފަހަރު އެންމެ އެންމެ މުހިއްމު މަގުސަދަކީ އޭއެފްސީ ކަޕަށް ކޮލިފައިވޭތޯ ބެލުން. އަދި މިއޮތީ ޕްލޭއޮފް ޖާގައެއް އެހެންވީމަ އެ ހިސާބަށް ދާއިރަށް ޓީމު ވަރަށް ރަނގަޅަށް ތައްޔާރުވެވޭނެއޭ ދަންނަވާނީ އިންޖަރީ އެއްޗެހި ނައިސް ކުރިއަށް ދެވިއްޖިއްޔާ."

އީގަލްސްގެ ފަރިތަކުރުންތަކުގެ ތެރެއިން އެ ޓީމުގެ ކުޅުންތެރިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭއެފްސީ ކަޕްގައި އީގަލްސް ކުޅެން ޖެހޭ ހިސާބެއް ޔަގީންވާނީ އަންނަ އަހަރުގެ މުބާރާތުގެ ގުރުއަތުލުން ނިމުމުންނެވެ. މީގެ ކުރިން ރާއްޖޭގެ ޓީމުތައް ކޮލިފައިން ބުރުގައި ކުޅެނީ ޕްރިލިމިނަރީ ބުރުން ފަށައިގެންނެވެ. މިހާތަނަށް އޭއެފްސީ ކަޕްގެ ކޮލިފައިން ބުރު ފަހަނައަޅައި ގްރޫޕް ސްޓޭޖުން ފުރުސަތު ހޯދި ހަމައެކަނި ރާއްޖޭގެ ޓީމަކީ މާޒިޔާ އެވެ.

ފުޓްބޯޅައިގެ އެންމެ މަތީ ކޯޗިން ލައިސަންސް ކަމަށްވާ އޭއެފްސީ ޕްރޯ ލައިސަންސް ހާސިލްކޮށްފައިވާ މޯހަން ބުނީ އޭނާ އަކީ ވެސް އޭއެފްސީ ކަޕަށް އާ ކޯޗެއް ކަމަށާއި އެކަމަކު ލިބިފައިވާ އެހެން ބައިނަލްއަގުވާމީ ތަޖުރިބާތަކާއި އީގަލްސްގައި ތިބި ގައުމީ ޓީމުގައި ކުޅެފައި ތިބި ކުޅުންތެރިންގެ އެހީތެރިކަމާ އެކު ރަނގަޅު ފައިޓެއް ދެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.

އާންމު ގޮތެއްގައި އޭއެފްސީ ކަޕްގައި ވާދަކުރާ ޓީމުތަކުން ފެންވަރު ރަނގަޅު ދިވެހި ކުޅުންތެރިންނާއި ބިދޭސީ ރަނގަޅު ކުޅުންތެރިން ގެނެ އެވެ. އީގަލްސް އިން ވަނީ ބްރެޒިލްގެ ގޯލްކީޕަރެއް ކަމަށްވާ އަންދްރެއާ ރެގްލީ ގެނެސްފަ އެވެ. އިތުރު ކުޅުންތެރިން ގެންނަން ބަލާނީ ޓީމަށް ލިބޭ ބަޖެޓަށް ފައްތައިގެން ކަމަށް އެ ޓީމުގެ މެނޭޖްމަންޓުން ވަނީ މީގެ ކުރިން ބުނެފަ އެވެ.

މޯހަންގެ ނަޒަރުގައި އީގަލްސްގައި ތިބި ޒުވާން ކުޅުންތެރިންގެ ކުރިއެެރުމަށް ބަލާއިރު އޭއެފްސީ ކަޕްގެ މި މެޗުތަކުގެ ބޭނުން ހިފިދާނެ އެވެ.

"މި ކުޅުންތެރިންގެ ފިއުޗާ އަޅުގަނޑަށް ވަރަށް ބޮޑަށް ފެނޭ. ވަރަށް މޮޅެތި ކުޅުންތެރިންތަކެއް މި ތިބީ. މިސްޓޭކްސްތަކެއް ހެދިގެން ނޫނީ ހަދުވައިގެން ރަނގަޅުވެގެން ކުރިއަށްދާނީ. އެ ފުރުސަތު ނުދޭ ކަމަށް ވެއްޖިއްޔާ 25، 26 އާއި 27 ވާއިރު އުމުރުން ދުވަސްދާނީ އެކަމަކު މެޗަށް ހުންނާނީ އާވެފައި. އެ ގޮތް އަޅުގަނޑު ބޭނުމެއް ނުވޭ. ވީހާވެސް ޅަ އިރު ފުރުސަތު ދިނުން އެންމެ މުހިއްމުކަމަކަށް ވާނީ. އިންޓަނޭޝަނަލް އެކްސްޕީރިއަންސާ އެކީ އެ ކުޅުންތެރިން އިމްޕްރޫވްވުން އުއްމީދަކީ،" މޯހަން ބުންޏެވެ.

އީގަލްސްގެ ފަރިތަކުރުންތަކުގެ ތެރެއިން ހައިޝަމް (ކ) އާއި ޖުމައިލް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ފުރަތަމަ ޑިވިޝަން ޓީމުތަކުން ޕްރެކްޓިސް ފެށުމަށް ފަހު އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ދެކުނީ ކުޅުންތެރިންގެ ފިޓްނަސް މައްސަލަ އެވެ. އަށެއްކަ މަހު ނުކުޅެ ތިބުމަށް ފަހު ކުއްލިއަކަށް ނުކުމެ ޕްރެކްޓިސްތަކެއް ކޮށްލައިގެން މަދު ދުވަސްކޮޅެއްގެ ތެރޭގައި އެންމެ ރަނގަޅު ލެވަލަށް ފިޓްނަސް ނުގެއްދެވޭނެ ކަމަށް މޯހަން ވަނީ ބުނެފަ އެވެ.

މޯހަން ބުނީ ކުޅުންތެރިންގެ ފިޓްނަސް ކުއްލިއަކަށް ރަނގަޅުކުރަން ބަލާއިރު ރިސްކުތަކެއް ވެސް އެބަހުރި ކަމަށާއި އެއީ ކުޅުންތެރިންގެ ކަންތައްތައް ހަމަޖެހިފައި ހުންނަނީ އެންމެ ޕްރޮފެޝަނަލްކޮށް ކަމަށް ނުވާތީ ކަމަށެވެ. އެހެންވެ ކޮންމެ ޕްލޭނެއްގައި ކުރިއަށްދާއިރު ވެސް ކުޅުންތެރިންނަށް އަނިޔާނުވާނެ ގޮތަކަށް ކުރިއަށްދިއުން މުހިއްމުކަމަށް މޯހަން ދެކެ އެވެ.

އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އީގަލްސް އިން އަންނަނީ ދެއިރު ޕްރެކްޓިސް ކުރަމުންނެވެ.