ދިވެހި އަތުކުރި ގަޑި "މޯލްޑިވްސް ވޭވް"ގެ އެމްބަސަޑަރަކަށް ދަގަނޑޭ

ރާއްޖޭގެ ފަހުރުވެރި އަތުކުރި ގަޑި ބްރޭންޑް "މޯލްޑިވްސް ވޭވް" ގެ ބްރޭންޑް އެމްބަސަޑަރެއްގެ ގޮތުގައި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ހަމަޖައްސައިފި އެވެ.


ދުނިޔޭގެ ފުޓްބޯޅަ ޗާޓުތަކުގެ ވަނަތައް ހޯދަމުން އަންނަ ދަގަނޑޭ އެމްބަސަޑަރަކަށް ހަމަޖެއްސީ ރާއްޖޭގެ އުފެއްދުންތައް ޕްރޮމޯޓްކުރުމުގައި ރާއްޖޭގެ އިތުރުން ބައިނަލްއަގުވާމީ މައިދާނުގައި ވެސް މަގުބޫލު ބްރޭންޑަަކަށްވާތީ ކަމަށް މޯލްޑިވްސް ވޭވްސް އިން ބުނެ އެވެ.

މޯލްޑިވްސް ވޭވްގެ ފައުންޑަ މުހައްމަދު ޒާޖީ އިސްމާއިލް ވިދާޅުވީ މޯލްޑިވްސް ވޭވް ކުރިއަށްދާހާ ދުވަހެއްގައި ދަގަނޑޭއާ އެކު ކުރިއަށްދާން ބޭނުންވާ ކަމަށެވެ.

"ދަގަނޑޭ ޗޫސް ކުރި އެންމެ ބޮޑު ސަބަބަކީ އޭނަ އަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ވާތީ. ދުނިޔޭގެ ފުޓްބޯޅައިގެ ވެސް މަޝްހޫރު ކުޅުންތެރިއަކަށް ވެފައި އޭނާ އަކީ ބްރޭންޑަކަށް ވީތީ ވެސް މެ. ދިވެހި ބްރޭންޑެއްގެ މޯލްޑިވްސް ވޭވް އަކީ. މި ބްރޭންޑްގެ މަގުބޫލުކަން އިތުރުކުރަން ބޭނުންވަނީ ދިވެހި މަޝްހޫރު މީހުންގެ އަތުކުރިން،" ޒާޖީ ވިދާޅުވި އެވެ.

ދަގަނޑޭ (މ) އާއި މޯލްޑިވްސް ވޭވްގެ ފައުންޑާ ޒާޖީ.-- ފޮޓޯ: ޑިޒައިނަރ އަޒްމަތު

ޒުވާން ޑިޒައިނަރެއް ކަމަށްވާ އަޒްމަތު އިބްރާހިމްގެ ބުރަ މަސައްކަތުން އަމިއްލަ ޑިޒައިނަކަށް ތައްޔާރުކުރާ މި ގަޑިތައް ފަރުމާކުރުމުގައި ލިޔެލާ ޖެހުން ފަދަ ޑިޒައިންތައް ބޭނުންކޮށް ވީހާ ވެސް ބޮޑަށް ރާއްޖެ ރަމްޒުކޮށްދޭ ގޮތްތައް ހިމަނަ އެވެ. މޯލްޑިވްސް ވޭވްގެ މަގުސަދަކީ މި ބްރޭންޑުގެ ޒަރިއްޔާ އިން ވެސް ރާއްޖޭގެ ސަގާފަތް ދެމެހެއްޓުމެވެ.

"އަޅުގަނޑުގެ ވިސްނުމަކީ ހޯލް އޮފް ފޭމްގެ އައިޑިއާ. ލިޔެލާ ޖެހުން ފަދަ ކަންކަމަކީ އަޅުގަނޑު ދެކޭ ގޮތުގައި ވަރަށް ޝާހީ މަސައްކަތެއް. އެ ވިސްނުމުގައި އެ ޑިޒައިނަށް ގަޑިއެއް ގެނެސްދީ ދިވެހި މަގުބޫލު ކޮންމެ މީހެއްގެ އަތުން ދިވެހިވަންތަ ގަޑިއެއް ފެނުން އެއީ އަޒުމަކީ،" ޒާޖީ ވިދާޅުވި އެވެ.

މީގެ ކުރިން މޯލްޑިވްސް ވޭވްގެ އެމްބަސަޑަރަކަށް ވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމް ވެސް ހަމަޖައްސައިފަ އެވެ. އަދި މި ދުވަސްވަރަކީ ކޮވިޑް-19ގެ ސަބަބުން މާލީ ދަތިތަކެއް ކުރިމަތިވާ ވަގުތެއް ކަމަށްވާތީ އާންމުންނަށް ގަޑި ވިއްކުމުގައި ޑިސްކައުންޓް ރޭޓުތަކެއް ވެސް ހަމަޖައްސައިދެމުންދާ ކަމަށް މޯލްޑިވްސް ވޭވް އިން މައުލޫމާތު ދެ އެވެ.

މޯލްޑިވްސް ވޭވްގެ ލިޔެލާ ކަލެކްޝަންގެ ގަޑިއެއް.

ދަގަނޑޭ އޭނާގެ ސޯޝަލް މީޑިއާގައި ބުނެފައިވަނީ ރާއްޖޭގެ ފުރަތަމަ އަތުކުރި ގަޑީގެ ބްރޭންޑްގެ އެމްބަސަޑަރަށް ވުމަކީ ލިބިގެންދިޔަ ހިތްހަމަޖެހުމެއް ކަމަށެވެ.

އުމުރުން 35 އަހަރުގެ ދަގަނޑޭ މި ވަގުތު ފުޓްބޯޅަ ކުޅޭ ކުޅުންތެރިންގެ ތެރެއިން ގައުމީ ޓީމުގެ ހުރިހާ އުމުރުފުރަތާތަކެއްގައި ކުޅުނު ރަސްމީ މެޗުތަކާއި ހުރިހާ ޑިވިޝަނެއްގައި ކުޅުނު ކްލަބް މެޗުތައް ހިމަނައިގެން، މުޅި ދުނިޔޭން ހަ ވަނަ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމާއި މެޗުގެ ނިސްބަތުން ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިންގެ ލިސްޓުގެ ދެ ވަނައިގައި އޮތް ދަގަނޑޭ ވަނީ ކެރިއަރުގައި މިހާތަނަށް ކުޅުނު މެޗުތަކުގައި 473 ގޯލު ޖަހައިފަ އެވެ. ދަގަނޑޭ ވަނީ ރާއްޖޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހަ ފަހަރެއްގެ މަތިން ހޯދައިފައެވެ.