ސެމީ ފައިނަލްގެ ވޯޓުލުން ފަށައިފި، ދަގަނޑޭ ކުރީގައި

ސަޕޯޓަރުންގެ މެދުގައި ފޯރިގަދަކޮށް މިހާރު ކުރިއަށްދާ އޭއެފްސީ ކަޕުގެ މޮޅު ގޯލު ހޮވުމުގެ ބްރެކެޓް ޗެލެންޖްގެ ސެމީ ފައިނަލުގައި ރާއްޖޭގެ އަލީ އަޝްފާގު (ދަގަނޑޭ) އާއި ވިއެޓްނާމްގެ ހަނޯއީގެ ގުޔެން ހުއާންގެ ކުރިމަތިލުމުގެ ވޯޓުލުން ފެށިއްޖެ އެވެ.


އޭއެފްސީ ކަޕުގައި ޖަހާފައިވާ ފާހަގަކޮށްލެވޭ ގޯލްތަކުގެ މެދުގައި އޭއެފްސީން ނަގާ ޕޯލުގައި މިހާތަނަށް ދަގަނޑޭ އަށް ރަނގަޅު ކާމިޔާބެއް ހޯދައިދިނުމުގައި ދިވެހި ފުޓްބޯޅަ ސަޕޯޓަރުން ވަނީ ތަފާތު ރޫހެއް ދައްކައިފަ އެވެ. ބްރެކެޓް ޗެލެންކް ފެށި ފަހުން ދަގަނޑޭ ވަނީ ކުވޭތު އެސްސީގެ ރޮޖެރީނިއޯ އާއި ބަންގްލަދޭޝްގެ ޑާކާ އަބަހާނީގެ ސޮހޭލް ރާނާގެ އިތުރުން ހަނޯއިގެ ގުޔެން ވެން ޔުޔެޓްގެ މައްޗަށް ކުރިހޯދައިފަ އެވެ. އެންމެ ފަހުން ކުއާާޓާ ފައިނަލުގައި ގުޔެންގެ މައްޗަށް ދަގަނޑޭ ކުރިހޯދިއިރު އޭނާ އަށް ވަނީ 135،000 އަށް ވުރެން ގިނަ ވޯޓު ލިބިފަ އެވެ.

ސެމީ ފައިނަލުގެ ވޯޓުލުން ފެށުމާ އެކު ދިވެހި ސަޕޯޓަރުން އަންނަނީ ދަގަނޑޭ އަށް ވޯޓު ގިނަކޮށް ބޮޑު ލީޑެއް ނަގައިދީފަ އެވެ. އެ ގޮތުން މި ވަގުތަށް ބަލާއިރު ދަގަނޑޭ އުޅެނީ 98.9% ގަ އެވެ. ހަނޯއީގެ ގުޔެން ހުއާން އަށް އަދި ލިބިފައިވަނީ 1.9% ވޯޓެވެ. ވޯޓުލުން ކުރިއަށްދާނީ އަންނަ އާދިއްތަ ދުވަހު ރާއްގެ ގަޑިން މެންދުރު ފަހު 1 ޖެހުމާ ހަމައަށެވެ.

ދަގަނޑޭ އަށް ވޯޓު ހޯދައިދިނުމަށް ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާ ކެމްޕެއިންތައް ބާއްވަމުންނެވެ. އޭގެ ތެރޭގައި ކުޅިވަރުގެ އިތުރުން އެކި އެކި ދާއިރާގައި ފާހަގަކޮށްލެވޭ މީހުންނާއި ކްލަބް ޖަމިއްޔާތައް ވެސް ހިމެނެ އެވެ. ކުއާޓާ ފައިނަލުގައި ދަގަނޑޭ އަށް ކާމިޔާބުވުމުން އޭނާ ވަނީ އެކަމަށްޓަކައި ސަޕޯޓަރުންނަށް ވަރަށް ބޮޑަށް ޝުކުރުއަދާކޮށްފަ އެވެ.

ސެމީ ފައިނަލްގައި ދަގަނޑޭ މޮޅުކޮށްދޭން މިހާރު ވެސް ގިނަ ޒުވާނުން ވަނީ އޮންލައިން ކެމްޕެއިން ފަށައިފަ އެވެ. ސޯޝަލް މިޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އަންނަނީ ކެމްޕެއިންގެ ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ.

ބްރެކެޓް ޗެލެންޖްގައި ހިމެނޭ ދަގަނޑޭގެ ގޯލަކީ 2013 ވަނަ އަހަރުގެ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގައި ނިއު ރޭޑިއަންޓުގެ ޖާޒީގައި އިންޑޮނީޝިއާގެ ޕާސިބޯ ކޮޅަށް އޭނާ ޖެހި ގޯލެވެ. ދަގަނޑޭ 2013 ވަނަ އަހަރުގެ އޭއެފްސީ ކަޕުގައި ނިއު އަށް ޖަހައިދިން އެ ގޯލް ވަނީ އޭއެފްސީ ކަޕުގައި ޖަހާފައިވާ ސޯލޯ ގޯލްތަކުގެ ތެރެއިން އެންމެ މަގުބޫލު ގޯލަކަށް މިދިޔަ ޖޫން މަހު ވެސް ހޮވިފަ އެވެ.

ކުޅުންތެރިން އަމިއްލަ މަސައްކަތުން ޖެހި ފާހަގަކޮށްލެވޭ ފަސް ގޯލާ އެކު އޭއެފްސީގެ ވެބްސައިޓުގައި ހުޅުވާލި ޕޯލްގައި ދަގަނޑޭގެ ގޯލަށް އެ ފަހަރު 54 ޕަސެންޓް ވޯޓް ލިބުނެވެ. ޕޯލްގެ ދެ ވަނަ އަށް ދިޔަ އިންޑިއާގެ ޗާޗިލް ބްރަދާސްގެ ފޯވާޑް ބަލްވަތު ސިންގް ޖެހި ގޯލަށް ލިބުނީ 22 ޕަސެންޓް ވޯޓެވެ.

އެ ގޯލަކީ 2013 ވަނަ އަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އެ އަހަރުގެ މާޗު 12 ގައި ޕާސިބޯ އަތުން 7-0 އިން ރާއްޖޭގެ ނިއު ރޭޑިއަންޓް މޮޅުވި މެޗުގައި ދަގަނޑޭ ޖެހި ފަސް ގޯލުގެ ތެރެއިން، ތިން ކުޅުންތެރިން ކައިރިން ނައްޓާލާފައި ޖެހި ގޯލެވެ. އިންޑޮނީޝިއާގެ ސުރަކަރްޓާގައި ބޯވާރޭގެ ތެރޭގައި ކުޅުނު އެ މެޗުގައި މުހައްމަދު އުމެއިރަށް މެދުތެރެއިން އެ ބޯޅަ ލިބުމާ، ދަގަނޑޭ، އޭނާ އަށް ލޯ އަޅަމުން ދިޔަ ޕާސިބޯގެ ޑިފެންޑަރު، ކައިރިން ކުރިއަށް ދެމިގަތުމާ ދެމެދު ސިކުންތެއް ވެސް ނުހިނގަ އެވެ. އެއާ އެކު އުމެއިރު ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު ދަގަނޑޭ އަށް ބޯޅަ ފޯރުކޮށްދިނީ އެވެ. ދަގަނޑޭ ބޯޅަ ހިފައިގެން އެ ދިޔަ ބާރުމިނުގައި ގޮސް ބޮޑު އޭރިއާ މަތިން ކީޕަރު ކައިރިން ދެމި ގަތް ވަގުތު، އޭނާ ފަހަތުން އައި ޑިފެންޑަރު ދަގަނޑޭ ކުރިއަށް އަރައި ޖާގަ ބައްދާލި އެވެ. ދަގަނޑޭ ފަސޭހަކަމާ އެކު އޭނާ ކައިރިން ނައްޓާލައި ގޯލަށް ބޯޅަ ފޮނުވާލަނެ ޖާގަ ހޯދި އެވެ. އެކަމަކު، އޭރު އަނެއްކާ ވެސް ކީޕަރު އަރާ ހުރުމާ އެކު ދަގަނޑޭ މަޑުމަޑުން އަރިމައްޗަށް ޖެހެންޖެހުމުން ގޮސް ކީޕަރަށް އޮޅުވާލައި އޭނާ ލައްވާ ޑައިވެއްކުރުވި އެވެ. އަދި މިސްރާބު ބަދަލުކޮށްލައި ރަނގަޅަށް ވާތު ފަޔަށް ބޯޅަ ހެޔޮވަރުކޮށްލައި ގޯލުގައި ބޯޅަ ތަތްކޮށްލީ، ތިން ފަހަރަށް ތެދުވި ކީޕަރަށާއި ގޯލް ރޮނގު ބަލަހައްޓަން އެރި ޑިފެންޑަރަށް އެއްވެސް ފުރުސަތެއް ނުދީ އެވެ.

ދަގަނޑޭ އަކީ އޭއެފްސީ ކަޕުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ ހަތް ވަނައިގައި އޮތް ކުޅުންތެރިޔާ އެވެ. އެއީ ކްލަބް ވެލެންސިއާ، ނިއު އަދި ވީބީ އައްޑޫ އެފްސީ އަށް ޖަހައިދިން 29 ގޯލާ އެކު އެވެ. އެއް ވަނައިގައި އޮތީ 35 ގޯލް ޖަހާފައިވާ ފިލިޕީންސްގެ ސެރެސް-ނެގްރޯސް އަށް ކުޅުނު ސްޕެއިނުގެ ބިއެންވެނިޑޯ މަރަނޯން އެވެ. ލިސްޓުގެ އެއް ވަނަ އަށް އަރަން ދަގަނޑޭ އަށް ބޭނުންވަނީ ހަ ގޯލެވެ.