ދިރާގު ރޯޑް ރޭހުގެ ބިބް ދޫކުރަން މާދަމާ ފަށަނީ

އަންނަ ހުކުރު ދުވަހު ހުޅުމާލޭގައި ބާއްވާ ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ ބައިވެރިންނަށް ބިބް އަދި ޓީޝާޓް ދޫކުރަން މާދަމާ ފަށާނެ އެވެ.


ބިބް އަދި ޓީޝާޓް ދޫކުރުން އޮންނާނީ ދިރާގު ހެޑް އޮފީހުގައި މާދަމާ އިން ފެށިގެން ހޯމަ ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހެއްގެ ހެނދުނު 10-12 އަށް، މެންދުރުފަހު 2-6 އަށް އަދި ރޭގަނޑު 8-10 އަށެވެ.

ދުވުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުން، އައިޑީ ކާޑާ އެކު އައުމުން ބިބް ދޫކުރާނެ އެވެ. އަދި މަދުވެގެން 30ރ. ހަދިޔާކުރުމުން ޓީޝާޓެއް ލިބޭނެ އެވެ. ޓީޝާޓުން ލިބޭ ފައިސާ ހަދިޔާކުރުމަށް ހަމަޖެހިފައިވާ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކަށެވެ.

ރޭހަށް ދޫކޮށްފައިވާ 3000 ޖާގަ ފުރިފައިވާއިރު ޖާގަތަކެއް ހުސްވެއްޖެ ނަމަ އަންގާރަ ދުވަހު އަލުން ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ދިރާގުން ބުނެ އެވެ.

ދުވުންތެރިން ރޭސް ނިންމާ ޓައިމިން ބެލުމަށް ހަމަޖެހިފައިވަނީ ދިރާގުން ދޫކުރާ ބިބުގައި ހަރުކޮށްފައިވާ އިލެކްޓްރޯނިކް ޗިޕް މެދުވެރިކޮށެވެ. ދިރާގުން ރޭހަށް ތައްޔާރުކޮށްފައިވާ މޯބައިލް ފޯން އެޕްލިކޭޝަނުން ދުވުންތެރިން ދުވަމުންދާ ރާސްތާގެ އިތުރުން ރޭސް ނިންމާ ޓައިމިން ވަގުތުން ބަލާލެވޭނެ އެވެ.

ޕްރޮފެޝަނަލް ދުވުންތެރިންގެ އިތުރުން ކަސްރަތަށް ދުވާ ފަރާތްތައް ވެސް ބައިވެރިވާ މި ރޭހުގައި ހިމެނޭ މައިގަނޑު ދެ ކެޓަގަރީ އަކީ ފަސް ކިލޯ މީޓަރު ރޭހާއި 10 ކިލޯ މީޓަރު ރޭހެވެ.

ދިރާގުން އެންމެ ފުރަތަމަ މިރޭސް 2006 ގައި ފެށީ ދިރާގު ބްރޯޑް ބޭންޑް ރޯޑް ރޭސްގެ ނަމުގަ އެވެ. ދިރާގު މޯލްޑިވްސް ރޯޑް ރޭސްގެ ނަމަށް ބަދަލުކުރުމުގެ އިތުރުން މިހާރު މިއީ ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ ދުވުމުގެ ރޭހެއް ވެސް މެ އެވެ. ރޭސް ބޭއްވުމުގެ ކުރިން ދުވާ ސަރަހައްދުގެ މިން އަޅަނީ ވެސް ބައިނަލްއަގުވާމީ ސެޓްފިކެޓް އޮންނަ ތަޖުރިބާކާރުންނެވެ.