ޝަރަފްވެރިކަން ލިބުނު ތިން ބޭފުޅުން (ކ-ވ)، ސައީދު، ލަތީފް އަދި ހުސެއިން ރަޝީދު.
ކުޅިވަރުގެ ދާއިރާ އިން ޝަރަފްވެރިކަމުގެ ގައުމީ އިނާމް ކުރީގެ ފުޓްބޯޅަ އެސިސްޓަންޓް ރެފްރީ މުހައްމަދު ސައީދު އާއި ކުރީގެ ޓީޓީ ކުޅުންތެރިޔާ ސީވީޑް އަހުމަދު ލަތީފް އަދި ކުރީގެ ބެޑްމިންޓަން ކުޅުންތެރިޔާ ހުސެއިން ރަޝީދު ހަސަނަށް ސަރުކާރުން ރޭ ދީފި އެވެ.
މި ތިން ބޭފުޅުންނަށް އިނާމް ދިނީ ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
ދެކުނު ކޮރެއާ އާއި ޖަޕާނުގައި 2002 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕުގައި ރޮނގު ބެލެހެއްޓި ސައީދަކީ 1980 އިން ފެށިގެން 2005 އަށް ރާއްޖޭގެ އެންމެ ހަރަކާތްތެރި އެސިސްޓަންޓް ރެފްރީ އެވެ. އޭނާ ވަނީ ބައިނަލްއަގްވާމީ ގިނަ މެޗުތަކެއްގައި ރޮނގު ބަލަހައްޓައިފަ އެވެ. އެގޮތުން ވޯލްޑް ކަޕުގެ އިތުރުން ކޮންފެޑެރޭޝަންސް ކަޕާއި ފީފާ ޔޫތު ވޯލްޑް ކަޕާއި އެފްރިކަން ނޭޝަންސް ކަޕާއި އޭޝިއަން ކަޕާއި އޭއެފްސީ ޗެމްޕިއަންސް ލީގުގެ މުހިއްމު މެޗުތަކުގައި ވެސް ރޮނގު ބެލެހެއްޓި އެވެ. ސައީދު ވަނީ އޭޝިއާގެ އެންމެ މޮޅު އެސިސްޓަންޓް ރެފްރީގެ މަގާމް ވެސް ހޯދައިފަ އެވެ.
ސީވީޑް ލަތީފަކީ ރާއްޖޭން ބައިވެރިވި ބައިނަލްއަގްވާމީ ފުރަތަމަ ކުޅިވަރު މުބާރާތް ކަމަށްވާ 1973 ވަނަ އަހަރުގެ ތުރީއޭ ގޭމްސްގައި ވާދަކުރި ޓީޓީ ޓީމުގެ ކުޅުންތެރިއެކެވެ. އަދި 1979 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވެސް ކުޅުއްވި އެވެ. މީގެ އިތުރުން ގައުމީ ފެންވަރުގައި ވޮލީބޯޅަ އާއި ކްރިކެޓް ވެސް ކުޅުއްވާފައިވެ އެވެ. އޮލިމްޕިކް ކޮމިޓީގެ މިހާރުގެ ނައިބް ރައީސް ވަނީ ޓީޓީ އެސޯސިއޭޝަނުގެ ރައީސްކަން ވެސް ކުރައްވައިފަ އެވެ. އޭނާ އަކީ 2017 ވަނަ އަހަރުން ފެށިގެން އޭޝިއަން ޓޭބަލް ޓެނިސް ޔޫނިއަން އިން ސައުތު އޭޝިއާއަށް ކަނޑައަޅާފައިވާ ނައިބު ރައީސެވެ.
ހުދުރުވާގޭ ހުސެއިން ރަޝީދު ހަސަން ވަނީ މެދުނުކެނޑި 45 އަހަރު ބެޑްމިންޓަން ކުޅުއްވައި ގައުމީ ސިންހަލްސް އަދި ޑަބަލްސް ޗެމްޕިއަންކަން ގިނަ އަހަރުތަކެއްގައި ހޯދައިފަ އެވެ. އޭނާ ވަނީ ކޯޗެއްގެ ގޮތުގައި ވަރަށް ގިނަ ބެޑްމިންޓަން ކުޅުންތެރިންނަށް ތަމްރީންދީ ފުރަތަމަ ޑިވިޝަނަށް ނެރެފަ އެވެ. އަދި ރާއްޖޭގެ އަތޮޅުތަކަށް ބެޑްމިންޓަން ހަރަކާތްތައް ފުޅާކުރުމަށް އެސޯސިއޭޝަން ކުރި މަސައްކަތުގައި ބޮޑު ހިއްސާއެއްވި އެވެ.
ރޭގެ ޖަލްސާގައި ވަނީ ކުޅިވަރުގެ ދާއިރާ އިން ހިތްވަރުދިނުމުގެ ގައުމީ އިނާމް ފަސް މީހަކަށް ދީފަ އެވެ.
ކުޅިވަރުގެ ދާއިރާ އިން މީހުން ތަމްރީންކުރުމުގެ ރޮނގުން އިނާމް ލިބުނު ސުޖާއު ސަލީމް ވަނީ އެތުލެޓިކްސް ކޯޗެއްގެ ގޮތުން ސްކޫލް ފެންވަރުގައި ގިނަ ހިދުމަތްތަކެއްކޮށްދީފަ އެވެ. މީގެ އިތުރުން ޖަމާލުއްދީން ސްކޫލުގެ ސްޕޯޓްސް ސުޕަވައިޒަރަކަށް ވެސް ގިނަ ދުވަސްތަކެއް މަސައްކަތްކުރި އެވެ. ކުޅިވަރުގެ ދާއިރާއިން މޫދު ކުޅިވަރު އާލާކޮށް ތަރައްގީ ކުރުމުގެ ރޮނގުން ލިބުނު އިބްރާހިމް ހަސަން (އިއްބަޑޭ) އަކީ މަޝްހޫރު ފްލައިބޯޑް އެތުލީޓެކެވެ. އަދި އެ ކުޅިވަރު ރާއްޖޭގައި އާލާކޮށް ތަރައްގީކުރުމުގައި ވެސް އޭނާ ބޮޑު ހިއްސާވި އެވެ. އޭނާ ވަނީ ފުރަތަމަ ޑިވިޝަނުގައި ފުޓްބޯޅަ ވެސް ކުޅެފަ އެވެ.
ކުޅިވަރުގެ ދާއިރާއިން މޫދު ކުޅިވަރު އާލާކޮށް ތަރައްގީ ކުރުމުގެ ރޮނގުން ގައުމީ އިނާމް ލިބުނީ މަޝްހޫރު ރާޅާ އެޅުންތެރިޔާ އަބްދުﷲ އަރީފް (ފުކޫ) ރާއްޖެ އާއި ސައުތު އީސްޓް އޭޝިއާގެ އެންމެ ހުނަރުވެރި އެއް ބޮޑީބޯޑަރު އަލީ ޚުސްރުވާން އަހުމަދު (ކުޑަ އައްޔަ) އަށެވެ. ކުޅިވަރުގެ ދާއިރާއިން؛ މީހުން ތަމްރީނު ކުރުމުގެ ރޮނގުން އިނާމް ލިބުނީ ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ އަދި ސްކޫލް ފެންވަރާއި ޔޫތު ޑިވެލޮޕްމަންޓް ފެންވަރުގައި ކޯޗުކޮށްދޭ ޔޫސުފް އަޒީމް (ޔޫއްޓޭ) އަށެވެ/
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޟާނު
29 December 2020
ޝުޖާ ސަލީމަށް ލިބުނުގޮތެއް ނުވިސްނޭ ކޮން އެތްލީޓުންނެއްބާ އޭނަ ޓަރެއިންކުރީ
ޢަހުމަދު ބެ ، ބޯގަންވިލާ
28 December 2020
ސުޕުން އައް ނުލިބޭތަ ކުޅިވަރު ގެ ރޮނގުން ވަނަ އެއް ، 25 އަހަރު ހިދު މަތް ކޮއްފި ލޮލޮ
ރަދީފްއޮފިޝިއަލް
27 December 2020
ވެލްޑިޒާވްޑް.ކޮންގްރާ.