ރޭހުގެ ބައިވެރިން ހުޅުމާލެ އަށް ދިއުމަށް ހާއްސަ އިންތިޒާމްތަކެއް ހަމަޖައްސައިފި

ހުޅުމާލޭގައި މާދަމާ ބާއްވާ ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ ބައިވެރިން ހުޅުމާލޭ އަށް ދިއުމަށް ހާއްސަ އިންތިޒާމްތަކެއް ދިރާގުން ހަމަޖައްސައިފި އެވެ.


ތިން ހާސް ދުވުންތެރިން ބައިވެރިވެފައިވާ މި ރޭހުގެ ދުވުންތެރިން ހުޅުމާލެ އަަށް ގަޑިއަށް ދެވޭނެ ގޮތް ހެދުމަށްޓަކައި ދިރާގުން ވަނީ ހާއްސަ ފެރީތަކެއް އިންތިޒާމްކޮށްފަ އެވެ. އެގޮތުން މާދަމާ މެންދުރުފަހު 14:00 އިން 14:30 އާ ދެމެދު ރަސްމީ ފާލަން ސަރަހައްދުން ފެރީތައް ފުރުމަށް ހަމަޖެހިފައިވާއިރު އެނބުރި އައުމަށް އިރުއޮއްސި 18:30 އިން 19:30 އަށް ހުޅުމާލޭގައި ހާއްސަ ފެރީތައް އޮންނާނެ އެވެ.

އެކަމަކު މިއީ ސީދާ ދުވުންތެރިންނަށް ހާއްސަ ފެރީތަކަށް ވާއިރު ފެރީން ދަތުރުކުރުމަށްޓަކައި މިއަދު މެންދުރުފަހު 14:00 އިން ފެށިގެން ދިރާގު ހެޑްއޮފީހުން ހާއްސަ ޓިކެޓެއް ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ. ޓިކެޓް ދޫކުރާނީ އައިޑީ ކާޑާ އެކު ވަޑައިގަތުމުންނެވެ. އަދި ފުރަން ދާއިރު ބިބާއި ޓިކެޓް ގެންދަން ޖެހޭނެ އެވެ.

ދިރާގުގެ ސީނިއާ އޮފިޝަލަކު ބުނީ މިއީ ދުވުންތެރިންނަށް ސީދާ ރޭސް އޮންނަ ގަޑިއަށް ހުޅުމާލެ އަށް ދެވޭނެ މަގު ތަނަވަސްކުރުމުގެ ގޮތުން އިންތިޒާމްކުރާ ފެރީތަކެއް ކަމަށާއި ޓިކެޓް ދޫކުރާނީ ކުރިން ވަޑައިގަންނަވާ ބޭފުޅުންނަށް ކަމަށެވެ. އަދި ކޮންމެ ބިބަކަށް ދޫކުރާނީ އެއް ޓިކެޓް ކަމަށް އޭނާ މައުލޫމާތު ދިނެވެ.

"މިއީ ސީދާ ދުވުންތެރިންނަށް ބާއްވާ ފެރީތަކެއް. މި ފެރީން ދަތުރުކުރެވޭނީ އަޅުގަނޑުމެން ދޫކުރާ ޓިކެޓާއި ބިބް އޮންނަ ފަރާތްތަކަށް،" އޮފިޝަލް ބުންޏެވެ.

"އަޅުގަނޑުމެންގެ އެދުމަކީ އާއިލާތަކާ އެކު ވަޑައިގަންނަވާ ބޭފުޅުން ވެސް ވީހާ ވެސް ކުރިން ހުޅުމާލެ އަށް ދިއުން. އެހާ ގިނަ ބަޔަކު ހުޅުމާލެ އަށް ވަޑައިގަންނަވާއިރު ދަތިތަކެއް ކުރިމަތިވެދާނެ. އެހެންކަމުން ހަމައެކަނި މި ފެރީއަށް ބަރޯސާނުވެ ވީހާ ވެސް ކުރިން ވަޑައިގަތުމަށް އަޅުގަނޑުމެން އިލްތިމާސްކުރަން."

ހުޅުމާލޭ ފެރީ އޮޕަރޭޓްކުރާ އެމްޓީސީން ވަނީ ދިރާގުގެ އެދުމުގެ މަތިން މާދަމާ މެންދުރުފަހު އިތުރު ފެރީތަކެއް ވެސް ހުޅުމާލޭ ފެރީ ޓާމިނަލުން ބާއްވަން ނިންމައިފަ އެވެ.