އޭއެފްސީ ކަޕުގެ ފޯމެޓަށް ބަދަލު ގެންނަނީ

އޭޝިއާގެ ދެ ވަނަ ފަންތީގެ ކްލަބް މުބާރާތް ކަމަށްވާ އޭއެފްސީ ކަޕުގެ ފޯމެޓަށް ބަދަލު ގެންނަން އޭއެފްސީ މުބާރާތް ކޮމިޓީން މަޝްވަރާ ކޮށްފި އެވެ.


ޔޫއޭއީގައި ބޭއްވި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވަނީ ވެސްޓް ޒޯން ނުވަތަ މެދުއިރުމަތީގެ ގައުމުތައް ހިމެނޭ ޒޯނާއި އޭޝިއާގެ އެހެން ގައުމުތައް ހިމެނޭ އީސްޓް ޒޯނުގައި ވަކިން މުބާރާތް ކުރިއަށް ގެންދިއުމެވެ.

އޭއެފްސީ ކޮމްޕެޓިޝަން ކޮމިޓީގެ ވިސްނުން ހުރީ ފާއިތުވި އަހަރުތަކުގައި މި މުބާރާތުގައި އެންމެ ރަނގަޅު ނަތީޖާތައް ނެރުނު ކްލަބްތައް ހިމެނޭ ވެސްޓް ޒޯނަށް މާ ބޮޑު ބަދަލުތަކެއް ނުގެނެސް ވަކިން ކުރިއަށް ގެންދިއުމަށެވެ. އަދި މި ޒޯންގެ ކްލަބްތަކުގެ މެދުގައި މުބާރާތެއް ކުރިއަށް ގެންގޮސް މި ފަޅިން އެއް ޓީމު ފައިނަލަށް ހޮވޭ ގޮތަށެވެ.

އީސްޓް ޒޯނުގައި މުބާރާތް ކުރިއަށްދާނީ ސަބް ޒޯންތަކެއްގެ އުސޫލުންނެވެ. އެއީ ސެންޓްރަލް ޒޯނާއި ސައުތު ޒޯނާއި އީސްޓް ޒޯން އަދި އާސިއާން ޒޯނުގައި މުބާރާތެއް ކުޅެ އޭގެ ތެރެއިން ކޮންމެ ޒޯނަކުން ހޮވޭ ޓީމުތަކުގެ މެދުގައި ބުރެއް ކުޅޭށޭވެ. އީސްޓް ފަޅިން ފައިނަލަށް ހޮވޭނީ އޭގެ ތެރެއިން އެއް ޓީމެވެ.

މާނައަކީ ދެން ރާއްޖޭގެ ޓީމުތައް ފުރަތަމަ ކުޅެން ޖެހޭނީ އީސްޓް ޒޯނުގެ ސަބް ޒޯނެއް ކަމަށްވާ ސައުތު ޒޯނުގަ އެވެ. އެހެންވެ ގްރޫޕް ސްޓޭޖުގައި އެންމެ ވަރުގަދަ ޓީމުތަކާ ކުޅެން ނުޖެހޭނެ އެވެ. އަދި މެދުއިރުމަތީގެ ގައުމެއްގެ ޓީމަކާ ދެން ވާދަކުރަން ޖެހުނަސް ޖެހޭނީ ފައިނަލުގަ އެވެ.

އޭއެފްސީ ކަޕް މިހާރު އޮންނަ ފޯމެޓަށް ބަލާއިރު ގްރޫޕް ސްޓޭޖުގައި އީސްޓާއި ވެސްޓް ޒޯން ވަކިން ގްރޫޕް ބަހާފައި އޮތް ނަމަވެސް ދެ ވަނަ ބުރާ ހަމައިން ދެ ޒޯންގެ ޓީމުތައް ބައްދަލުކުރަން ޖެހެ އެވެ. ވެސްޓް ޒޯނުގެ ޓީމުތައް ވަރުގަދަވުމާ އެކު، ގިނައިން ފައިނަލުގައި ކުޅެނީ އެ ދެ ޒޯނުގެ ޓީމުތަކެވެ. އެކަމަކު އާ އުސޫލުގެ ދަށުން ދެ ޒޯނުގެ ޓީމުތަކަށް ވެސް ފައިނަލަށް ދަތުރުކުރުމަށް ހަމަހަމަ ފުުރުސަތެއް ލިބޭނެ އެވެ. ފޯމެޓަށް ގެންނަ މި ބަދަލުގެ ސަބަބުން ކޮންމެ އަހަރެއްގެ ފައިނަލުގައި ކުޅޭނީ އީސްޓް ޒޯންގެ އެއް ޓީމާއި ވެސްޓް ޒޯންގެ އެއް ޓީމެވެ.

އޭއެފްސީ ކޮމްޕެޓިޝަން ކޮމިޓީން މި ބަދަލު ގެންނަން ހުށަހަޅަން ނިންމި އެއް ސަބަބަކީ އީސްޓާއި ވެސްޓް ޒޯންގެ ޓީމުތަކަށް ހަމަހަމަ ފުރުސަތެއް މި މުބާރާތުން ދިނުމުގެ ވިސްނުމުގައި އަދި މުބާރާތް ފޯރިގަދަ ކުރުމަށެވެ. އަދި ކުދި މެންބަރު އެސޯސިއޭޝަން ގައުމުތަކުގެ ކްލަބްތަކަށް ވެސް މުބާރާތުގައި ވާދަކުރުމަށް ފަސޭހަގޮތްތަކެއް ހޯދައިދިނުމަށް ކަމަށް ބުނެ އެވެ.

އޭއެފްސީ ކޮމްޕެޓިޝަން ކޮމިޓީން މި ހުށަހެޅި ބަދަލާ މެދު ގޮތެއް ނިންމާނީ އަންނަ މަހު އެއް ވަނަ ދުވަހު އަބޫ ދާބީގައި ބާއްވާ އޭއެފްސީ އެގްޒެކްޓިވް ކޮމިޓީގެ ބައްދަލުވުމުގަ އެވެ. އޭއެފްސީން މި ބަދަލު ގެންނަން އެއްބަސްވެއްޖެނަމަ އެގޮތަށް އަމަލުކުރަން ފަށާނީ 2018 ވަނަ އަހަރުގެ މުބާރާތުން ފެށިގެން ކަމަށް ބެލެވެ އެވެ.

ސެންޓްރަލް ޒޯން: އަފްގާނިސްތާން، އީރާން، ކިރްގިސްތާން، ތަޖިކިސްތާން، ތުރުކުމެނިސްތާން، އުޒްބެކިސްތާން

ސައުތު ޒޯން: ދިވެހިރާއްޖެ، އިންޑިއާ، ބަންގްލަދޭޝް، ބޫޓާން، ސްރީ ލަންކާ، ޕާކިސްތާން، ނޭޕާލް

އީސްޓް ޒޯން: ޗައިނާ، ގުއާމް، ހޮންކޮން، ޖަޕާން، ނޯތު ކޮރެއާ، ސައުތު ކޮރެއާ، މަކާއޫ، މޮންގޯލިއާ

އާސިއާން ޒޯން: އޮސްޓްރޭލިއާ، ބުރުނާއީ، ކެމްބޯޑިއާ، އިންޑޮނީޝިއާ، ލާއޯސް، މެލޭޝިއާ، ސިންގަޕޫރު، ފިލިޕީންސް، ތައިލެންޑް، ވިއެޓްނާމް.