ޓީސީ - އީގަލްސް: ގައުމީ ފައިނަލުގައި ޒުވާން ގިނަ މޫނުތަކެއް!

ކްލަބް އީގަލްސް އާއި ޓީސީ ސްޕޯޓްސް ކްލަބަކީ މި ފަހަރު ފުރަތަމަ ޑިވިޝަންގައި ވާދަކުރި އަށް ކްލަބްގެ ތެރެއިން އެންމެ ޒުވާން ކުޅުންތެރިން ގިނަ ދެ ދެ ޓީމެވެ. މި ދެ ޓީމަކީ މި ފަހަރުގެ ޔޫތު ޗެމްޕިއަންޝިޕްގައި ވެސް އެންމެ ރަނގަޅު ނަތީޖާނެރެ ފައިނަލުގައި ވެސް ކުޅުނު ދެ ޓީމެވެ. ގައުމީ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި މާދަމާ ހަވީރު އީގަލްސް އާއި ޓީސީ ވާދަކުރާއިރު، ޒުވާން ގިނަ މޫނުތަކެއް ފެނިގެންދާނެ އެވެ.


އީގަލްސް އަކީ ނުވަދިހައިގެ ތެރެއިން ފެށިގެން ވެސް ފުރަތަމަ ޑިވިޝަނަށް ކުޅުންތެރިން ނެރެދީފައިވާ ކްލަބެކެވެ. ގޯލްކީޕަރު އިމްރާން މުހައްމަދާއި މުހައްމަދު ހުސެއިން (އޮއިއްޓޭ) އަދި ސޮބާހް މުހައްމަދަކީ އެ ކްލަބުން ތައާރަފްކުރި ކުޅުންތެރިންނެވެ. ފާއިތުވި ހަތަރު އަހަރު އެ އަދަދު އައީ އަހަރަކަށް ވުރެ އަހަރެއް އިތުރު ވަމުންނެވެ.

އީގަލްސްގެ ސީނިއާ ޓީމުން ފާހަގަކޮށްލެވޭ ޒުވާން ކުޅުންތެރިންގެ ތެރޭގައި ޝިފާން ހަސަން، ހުސެއިން ޝިފާއު، އިބްރާހިމް މުބީން (މުއްކި)، އަންސަރު އިބްރާހިމް (އަންކޮ)، އަހުމަދު ރިޒުވާން (ރިޒޭ)، އިބްރާހިމް އައިސަމް އަދި ހަސަން ރާއިފް އަހުމަދު (ހަންނަ) ފާހަގަކޮށްލެވެ އެވެ. މި ކުޅުންތެރިންނަކީ މި ފަހަރު އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ތިން ވަނަ އީގަލްސް ހޯދިއިރު ގިނަ މެޗުތަކުގައި ފުރަތަމަ އެގާރައިގައި ވެސް ކުޅުނު ކުޅުންތެރިންނެވެ.

އީގަލްސް އިން މި ފަހަރު އެންމެ ރަނގަޅު ކުރިއެރުމެއް ހޯދި ކުޅުންތެރިޔަކީ އައްޑޫ އަށް އުފަން އުމުރުން 18 އަހަރުގެ ހަންނަ އެވެ. ހަންނަ އަކީ މި ފަހަރު އީގަލްސް އިން ޔޫތު މުބާރާތް ކާމިޔާބު ކުރިއިރު މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިޔެކެވެ. އަދި ފުރަތަމަ ޑިވިޝަންގައި ފުރަތަމަ ފަހަރަށް ކުޅުނުއިރު ވެސް އޭނާ ދެއްކި މޮޅު ކުޅުން ފާހަގަވި އެވެ.

އީގަލްސްގެ މުޖުތާޒް (ކ) ކައިިރިން ޓީސީގެ ހާފިޒް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ޔޫތު މުބާރާތް ވެސް އީގަލްސްއާ އެކު ލިބިއްޖެ. ދެން އަމާޒަކީ ބޮޑު މުބާރާތެއް ހޯދުން. ވަރަށް އުފާވޭ ކުރު މުއްދަތެއްގެ ތެރޭ ގައުމީ ފައިނަލެއްގައި ކުޅެލަން ފުރުސަތު ލިބޭތީ. އީގަލްސް އިން ދިން ފުރުސަތަށް ޝުކުރު އަދާކުރަން. ހާއްސަކޮށް ކޯޗަށާއި ޓީމުގެ މެނޭޖްމަންޓަށް ޝުކުރު އަދާކުރަން،" މިދިޔަ އަހަރު މިނިވަން ޗެމްޕިއަންޝިޕްގައި ހިތަދޫ ޓީމަށް ކުޅުނު ހަންނަ "މިހާރަ"ށް ބުންޏެވެ.

މިދިޔަ އަހަރު އަލަށް ފުރަތަމަ ޑިވިޝަންގައި ޓީސީ ވާދަކުރަން ފެށިއިރު ވެސް އެ ޓީމުގައި ޒުވާން ކުޅުންތެރިން ގިނަ އެވެ. ޓީސީގައި އެންމެ ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ޒުވާން ކުޅުންތެރިންގެ ތެރޭގައި މުރުތަލާ އަދުނާން، އަލީ ހާފިޒް، މުހައްމަދު މާޒިން، ނާއިޒު ހަސަން (ދާދު)، މުހައްމަދު އަޖުފާން، އިބްރާހިމް ވަހީދު ހަސަން (އިއްބެ) އަދި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އައްސަދު އަބްދުލްގަނީގެ ދަރިފުޅު މުހައްމަދު އަރާޝް އައްސަދު ހިމެނެ އެވެ.

ޓީސީ އަށް މިިދިޔަ ދެ އަހަރުގައި ވެސް އެންމެ ފާހަގަކޮށްލެވޭ މޮޅު ކުޅުމެއް ދެއްކި އެއް ކުޅުންތެރިޔަކީ ދާދު އެވެ. ދެން އެންމެ ފާހަގަކޮށްލެވޭ ކުޅުމެއް ދެއްކި ކުޅުންތެރިޔަކީ އިއްބެ އެވެ. އިއްބެ ބުނީ ސީޒަނުގައި ދެ ފައިނަލުން ބަލިވެފައި ވުމުން ގައުމީ ފައިނަލަށް ނުކުންނާނީ އިތުރު ހިތްވަރަކާ އެކު ކަމަށެވެ.

"ޔޫތު ފައިނަލާއި އެފްއޭ ކަޕް ފައިނަލުން ޓީސީ ބަލިވެއްޖެ. ތިން ފައިނަލުން ބަލިވާން ބޭނުމެއް ނޫން. ވަރަށް ހިތްވަރާ އެކު ގައުމީ ފައިނަލަށް ނުކުންނާނީ. މުޅި ޓީމު އޮތީ މި ތަށި ނަގަން ވަރަށް ބޮޑު ހިތްވަރެއްލާން ތައްޔާރުވެގެން. އިރާދަކުރެއްވިއްޔާ ކާމިޔާބު ލިބޭނެ،" 2013 ވަނަ އަހަރު ނިއު ރޭޑިއަންޓުން ސީޒަނުގެ ހުރިހާ މުބާރާތެއް ކާމިޔާބުކުރި އިރު ސްކޮޑުގައި ހިމެނުނު އިއްބެ ބުންޏެވެ.

ލަނޑު ޖެހުމަށް ފަހު ޓީސީގެ އިއްބެ އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މާދަމާގެ މެޗަށް ނުކުންނައިރު މިއީ އެންމެ ޒުވާން ދެ ސްކޮޑެއް ފައިނަލުގައި ފެންނަ ފުރަތަމަ ފަހަރަށް ވުމުގެ ފުރުސަތު ބޮޑެވެ. އީގަލްސްގެ ސްކޮޑުގެ އެވްރެޖް އުމުރަކީ 23 އަހަރެވެ. ޓީސީގެ ސްކޮޑުގެ އެވްރެޖް އުމުރަކީ 27 އަހަރެވެ. އީގަލްސްގެ ސްކޮޑުގައި ހިމެނޭ އެންމެ ދުވަސްވީ ދިވެހި ދެ ކުޅުންތެރިންނަކީ އަހުމަދު ޒާދު އާއި އިމްރާން ނަޝީދު އެވެ. އެ ދެ ކުޅުންތެރިންގެ އުމުރަކީ 28 އަހަރެވެ. އީގަލްސްގެ ސްކޮޑުގައި ހިމެނޭ އެންމެ ދުވަސްވީ ކުޅުންތެރިޔަކީ މެސެޑޯނިއާގެ ފޯވާޑް ރިސްޓޭ ނައުމޯވް އެވެ. އޭނާގެ އުމުރަކީ 35 އަހަރެވެ.

ޓީސީން ސްކޮޑުގައި ތިބި ކުޅުންތެރިންގެ ތެރެއިން މިހާރު ކުޅެމުން އަންނަ ކުޅުންތެރިންގެ ތެރެއިން އެންމެ ދުވަސްވީ ދެ ކުޅުންތެރިންނަކީ ޝަމްވީލް ގާސިމް (ބޮންޑާ) އާއި މުހައްމަދު ޝައްފާޒް (ސައްޕޭ) އެވެ. މި ދެ ކުޅުންތެރިންގެ އުމުރަކީ 34 އަހަރެވެ.

ޔޫތު ފައިނަލުން އީގަލްސް އަތުން ޓީސީ ބަލިވީ 5-3 އިންނެވެ. މި ދެ ޓީމަކީ މި ސީޒަނަށް ބަލާއިރު ސީނިއާ ލެވެލްގައި ވެސް އެންމެ ވާދަވެރި ދެ ޓީމެވެ. އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ޓީސީން ހޯދީ އީގަލްސް ފަހަތަށް ޖައްސާލައިފަ އެވެ. އަދި އެފްއޭ ކަޕުން އީގަލްސް ކެޓީ ކުއާޓާގައި ޓީސީ އަތުންނެވެ. މާދަމާ ހަވީރު ފައިނަލަށް މި ދެ ޓީމު ނުކުންނައިރު ދެ ޓީމަށް ވެސް ފުރަތަމަ ޑިވިޝަންގައި އަދި މުބާރާތެއް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ.