"މިއީ ދިވެހި ފުޓްބޯޅައިގެ މުސްތަގުބަލް ފެންނާނެ މެޗެއް"

ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލުގައި މިއަދު ހަވީރު ކްލަބް އީގަލްސް އާއި ޓީސީ ސްޕޯޓްސް ކްލަބް ބައްދަލުކުރާ މެޗަކީ ދިވެހި ފުޓްބޯޅައިގެ މުސްތަގުބަލް ފެންނާނެ މެޗެއްގެ ގޮތުގައި އީގަލްސްގެ ކޯޗު އިހުސާން އަބްދުލްގަނީ (ސާންތީ) ސިފަކޮށްފި އެވެެ.


މި ދެ ޓީމަކީ މި އަހަރުގެ ޔޫތު ޗެމްޕިއަންޝިޕުގެ ފައިނަލުގައި ވެސް ވާދަކުރި ދެ ޓީމަށްވާއިރު، ދެ ޓީމުގައި ވެސް ގިނައީ ޒުވާން ކުޅުންތެރިންނެވެ. އީގަލްސް އަށް ބަލާއިރު ހަސަން ރާއިފް (ހަންނަ) އާއި އަހުމަދު ރިޒްވާން (ރިޒޭ) އިބްރާހިމް އައިޝަމް ފާހަގަކުރެވެ އެވެ. ޓީސީން ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި އިބްރާހިމް ވަހީދު (އިއްބެ) އާއި ނާއިޒް ހަސަން (ދާދު) އަދި އަލީ ހާފިޒް (އައްޔަ) ހިމެނެ އެވެ.

ސާންތީ ބުނީ ދެ ޓީމުގެ ސަޕޯޓަރުންގެ އިތުރުން ފުޓްބޯޅައަށް ހެޔޮއެދޭ އެންމެން ވެސް ދަނޑަށް އަންނަން ދައުވަތުދޭ ކަމަށެވެ.

"ފުޓްބޯޅައިގެ އަރަމުން އަންނަ ގިނަ ޕްލޭޔަރުން ތިބީ މި ދެ ޓީމުގައި. މިއީ އެ ކުޅުންތެރިންގެ ހުނަރު ފެންނާނެ މެޗެއް. ދިވެހި ފުތްބޯޅައިގެ މުސްތަގުބަލް އޮތްގޮތެއް އަންދާޒާކޮށްލައި ކުޅުންތެރިންގެ ހުނަރު ޖަޖްކޮށްލަން މިއީ ލިބޭ ފުރުސަތެއް،" ސާންތީ ބުންޏެވެ.

ގަލޮޅު ދަނޑުގައި ކުޅޭ ފައިނަލް މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރުފަހު 3:50 ގަ އެވެ.