ޓީސީ ބަލިކޮށް ޕްރެޒިޑެންޓްސް ކަޕް އީގަލްސް ކާމިޔާބުކޮށްފި

ދެ ޓީމު އެއްވަރުވުމުން ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގެ ތެރޭ އަހުމަދު ރިޒްވާން (ރިޒޭ) ވައްދާލި ލަނޑާ އެކު ޓީސީ ސްޕޯޓްސް ކްލަބް 1-0 އިން ބަލިކޮށް ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައި ކްލަބް އީގަލްސް އިން އެ ކްލަބުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ފުރަތަމަ ޑިވިޝަނުގެ ތަށްޓެއް ކާމިޔާބުކޮށްފި އެވެ.


ފުރަތަމަ ޑިވިޝަނުގެ އާދައިގެ ޓީމެއްގެ ގޮތުގައި އޮތް އީގަލްސް އިން މިދިޔަ ތިން އަހަރު ވަރުގަދަ ބާރެއްގެ ގޮތުގައި ފެނުނުއިރު އެ ޓީމު ވަނީ 2012 ވަނަ އަހަރުގެ އެފްއޭ ކަޕް ފައިނަލުން އަދި 2014 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލުން ބަލިވެފަ އެވެ. މާފަންނަށް ނިސްބަތްވާ، 27 އަހަރުވީ ކްލަބުގެ ތާރީހުގައި ހޯދި އެންމެ ބޮޑު ކާމިޔާބީއާ އެކު ކްލަބުގެ ކުޅުންތެރިންނާއި އޮފިޝަލުން އަދި ސަޕޯޓަރުން ވަރަށް ބޮޑަށް އުފާފާޅުކުރި އެވެ.

މިއީ ރާއްޖޭން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުުކުރިއިރު ގައުމީ ޓީމުގެ އެސިސަންޓް ކޯޗަކަށް މަސައްކަތްކުރި އިހުސާން އަބްދުލްގަނީ (ސާންތީ) ހެޑްކޯޗަކަށް ހުރެ ހޯދި ފުރަތަމަ ކާމިޔާބީ ވެސް މެ އެވެ. ޒުވާން އާ ކުޅުންތެރިންތަކެއް ގެނެސް ޓީމެއް ބިނާކޮށް އީގަލްސް އިން މިރޭ މި ހޯދި ކާމިޔާބީގެ އެންމެ ބޮޑު ޝުކުރެއް ހައްގުވާ އެއް ފަރާތަކީ ވެސް ސާންތީ އެވެ.

އަނެއްކޮޅުން މިއީ މިދިޔަ އަހަރު ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރަން ފެށި ޓީސީ އަށް މި ސީޒަނުގައި ގެއްލުނު ތިން ވަނަ ފައިނަލެވެ. އެފްއޭ ކަޕުގެ ފައިނަލުން ކްލަބް ވެލެންސިއާ އަތުން ބަލިވިއިރު ޔޫތު ޗެމްޕިއަންޝިޕުގެ ފައިނަލުން ބަލިވީ އީގަލްސް އަތުންނެވެ. މުހައްމަދު ނިޒާމާ އެކު މިދިޔަ އަހަރާއި މި އަހަރުގެ ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ މަގާމް ޓީސީން ހޯދިއިރު އޭނާ އަށް މިވަނީ ޖެހިޖެހިގެން ދެ ވަނަ ފައިނަލުން ބަލިވުމުގެ ހިތްދަތިކަމާ ކުރިމަތިލާން ޖެހިފަ އެވެ.

އީގަލްސްގެ ރިޒޭ (ކ) ބޯޅަ ކޮންޓްރޯލްކުރާއިރު ޓީސީގެ ކުޑޫސް ސަމާލުވެގެން: ލަނޑު ޖެހީ ރިޒޭ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

މިރޭގެ މެޗަށް ފަހު، ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތަށި އީގަލްސްގެ ކެޕްޓަން އިމްރާން ނަޝީދު (އިންމަ) އަށް ހަވާލުކޮށްދެއްވީ ރައީސް އަބްދުﷲ ޔާމީނެވެ. އީގަލްސްގެ ކުޅުންތެރިންނާއި އޮފިޝަލުންގެ ކަރުގައި ރަން މެޑަލް އަޅުވައިދެއްވީ ކުޅިވަރާ ބެހޭ ވަޒީރު އިރުތިޝާމް އާދަމެވެ.

ރާއްޖޭގެ އެންމެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތުގެ 66 ވަނަ ފައިނަލް މެޗު ބެލުމަށް ތިންހާހެއްހާ ސަޕޯޓަރުން ވަދެ ގޮނޑި ބަރި އޮތީ ފުރާލައިފަ އެވެ. މިއީ ފަހަކަށް އައިސް ދަނޑަށް އެންމެ ގިނަ ބަޔަކު ވަން އެއް މެޗެވެ.

މެޗުގެ 90 މިނެޓު ހަމަވިއިރު ދެ ޓީމު ވެސް ލަނޑެއް ނުޖެހި އެއްވަރުވެފައި އޮތުމުން 15 މިނެޓުގެ ދެ ހާފު ކުޅުނުއިރު އީގަލްސް އިން މެޗުގެ ހަމައެކަނި ލަނޑު ޖެހީ އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ފުރަތަމަ މިނެޓުގަ އެވެ. މި ގޯލް އީގަލްސްގެ އުއްމީދީ ކުޅުންތެރިޔާ ރިޒޭ ޖެހީ ޓީސީގެ ގޯލްކީޕަރު މުހައްމަދު އިމްރާނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މެސެޑޯނިއާގެ ތަޖުރިބާކާރު ފޯވާޑް ރިސްޓޭ ނައުމޯވް ދިން ހިތްގައިމު ބޯޅައަކުންނެވެ. އީގަލްސް އިން ގޯލަށް ފޮނުވާލި ބޯޅައެއް، ކީޕަރު އިމްރާން ޕަންޗުކޮށް ކުޅުމުގެ ތެރެއަށް ފޮނުވާލި ވަގުތު ލިބުނީ ރިޒޭ އަށެވެ. އޭނާ އެ ބޯޅަ ރިސްޓޭ އަށް ދިނުމުން، ރިސްޓޭ ވަނީ ރިޒޭ ހުސްވި ވަގުތު އެ ބޯޅަ އަލުން ރިޒޭ އަށް ފޯރުކޮށްދީފަ އެވެ. ރިޒޭ ވަނީ އިމްރާނަށް އެއްވެސް ފުރުސަތެއް ނުދީ ބޯޅަ ގޯލުގެ ތިރީ ކަނަށް ވައްދާލައިފަ އެވެ. މި ލަނޑާ އެކު އީގަލްސްގެ ކުޅުންތެރިންނާއި ބެންޗުގައި ތިބި އޮފިޝަލުން ވަނީ ސަޕޯޓަރުންނާ އެކު ވަރަށް ބޮޑަށް ފޯރި ނަގައިފަ އެވެ.

މިއަދުގެ މެޗުގެ ފަށައިގެން ކޮންޓްރޯލްކޮށްގެން ކުޅުނީ އީގަލްސް އިންނެވެ. ޓީސީގެ އިތުބާރު މިޑްފީލްޑަރު ޝަމްވީލް ގާސިމް (ބޮންޑާ) އަނިޔާގެ ސަބަބުން ފުރަތަމަ އެގާރައިގައި ނުކުޅޭއިރު އެ ޓީމުން މި ހާފުގައި ބޮޑަށް ކުރިއަށް ޖެހިފައިވަނީ ކައުންޓާ އެޓޭކްތަކާ އެކު އެވެ.

ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުސަތެއް ފުރަތަމަ ލިބުނީ ޓީސީ އަށެވެ. އެ ޓީމުގެ އަލީ ފާސިރު (ސެންޓޭ) ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަންނަން މަސައްކަތްކުރަނިކޮށް، ޑީ އޭރިއާ ތެރެއިން އީގަލްސްގެ އެލްހުސައިނީ މަހުމޫދު، ސެންޓޭ ވައްޓާލުމުން ރަނގަޅު ހިސާބަކުން ހިލޭ ޖެހުމެއް ލިބުނެވެ. އެކަމަކު ފަހަކަށް އައިސް އެންމެ ގިނައިން ހިލޭ ޖެހުމުން ގޯލް ޖަހާ ސެންޓޭ ނެގި ހިލޭ ޖެހުން ދިޔައީ ގޯލާ އަމާޒުނުވެ ބޭރުންނެވެ.

ޓީސީގެ އައްޒާމް (ވ) އާއި އީގަލްސްގެ ސެޑިކް ބޯޅައަށް މަސައްކަތްކުރަނީ --ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭގެ ތިން މިނެޓު ފަހުން އީގަލްސް އިން ގޯލެއް ޖެހުމާ ވަރަށް ގާތަށް ދިޔަ އެވެ. އަރިމަތިން ބޭރު ރޮނގު ކައިރިން ކެޕްޓަން އިމްރާން ނަޝީދު (އިންމަ) ހިލޭ ޖެހުމަކުން ހުރަސްކުރި ބޯޅައަށް އޭރިއާ ތެރެއިން ރިސްޓޭ ފުންމައިގެން އެރި ނަމަވެސް އެ ބޯޅަ އޭނާގެ ބޮލުގައި ކޭއްތިލާފައި ލިބުނީ ޓީސީގެ ކީޕަރު އިމްރާން އަތަށެވެ. ރިސްޓޭ ހުރީ ހުސްކޮށް ކަމަށްވާތީ، ބޮލުގައި ރަނގަޅަށް އެ ބޯޅަ ޖެހުނު ނަމަ ގޯލް ތެރެއިން ބޯޅަ ނެރެން ޖެހުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

މެޗުގެ 30 ވަނަ މިނެޓުގައި ޓީސީން ރަނގަޅު ފުުރުސަތެއް ހޯދި އެވެ. ނާއިޒް ހަސަން (ދާދު) ކޯނަރަކުން ހުރަސްކުރި ބޯޅަ، އޭރިއާ ތެރެއިން އިބްރާހިމް ވަހީދު ހަސަން (އިއްބެ) ބޮލުން ޖެހުމުން ދިޔައީ ދަނޑި ކައިރިން ބޭރަށެވެ. ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް އީގަލްސް އިން އަނެއްކާ ވެސް ހަމަލައެއް އުފެއްދި އެވެ. މި ފަހަރު އޭރިއާ ތެރެއަށް އައި ބޯޅަ، ހުސްކޮށް ހުރި އަހުމަދު ރިޒްވާން ފައިގައި ރަނގަޅަށް ލައްވާނުލައި ދިޔައީ ބޭރަށެވެ.

ދެ ވަނަ ހާފު ފަށައިގެން 61 ވަނަ މިނެޓުގައި އީގަލްސްގެ މުހައްމަދު ސެޑިކް އޭރިއާ ތެރެއިން ބާރު ޝޮޓެއް ފޮނުވާލި ނަމަވެސް ދިޔައީ ގޯލް މަތިންނެވެ. އޭގެ އިރުކޮޅެއް ފަހުން ޒުވާން ކުޅުންތެރިޔާ ހަސަން ރާއިފް އަހުމަދު (ހަންނަ) އަރައި އީގަލްސްގެ ކުޅުން އަވަސްކުރި އެވެ. އޭނާ މެދުތެރެއިން އުފެއްދި ހަމަލައެއްގައި، އޭރިއާ ތެރެއިން ސެޑިކަށް ދިން ބޯޅަ މި ފަހަރު ވެސް ދިޔައީ ގޯލް މަތިންނެވެ.

ޓީސީން ދެ ވަނަ ހާފުގައި ބޮންޑާ އެރުވިިއިރު މި ހާފުގައި އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ 83 ވަނަ މިނެޓުގައި ސެންޓޭ އަށެވެ. އެކަމަކު އޭރިއާ ތެރެއިން އޭނާ އަށް ލިބުނު ބޯޅަ، ވަށައިގެން ތިބި އީގަލްސްގެ ތިން ޑިފެންޑަރުން ކައިރިން ނައްޓަން އުޅެން ހަދައިގެން ވަނީ ގެއްލިފަ އެވެ.

ދެ ޓީމު ހަމަހަމަވެގެން މެޗު ނިމުނުއިރު އީގަލްސްގެ ރިޒޭ ވަނީ އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ފުރަތަމަ މިނެޓުގައި ގޯލް ޖަހައިފަ އެވެ. އޭގެ ފަހުން އީގަލްސް އަށް ތަފާތު ބޮޑުކުރަން ރަނުގެ ދެ ފުރުސަތު ލިބުނެވެ. ހަތް ވަނަ މިނެޓުގައި ހަންނަ އޭރިއާ ބޭރުން އަރިމަތިން ގޯލަށް ފޮނުވާލި ބޯޅަ ކީޕަރު އަތުގައި ޖެހިފައި ނުކުތުމުން އިބްރާހިމް އައިސަމް ޖެހުމުން ދިޔައީ ދަނޑި ކައިރިން ބޭރަށެވެ. އެ ބޯޅަ ފުރަތަމަ ވެސް ހަންނަ، ހުސްކޮށް ހުރި އައިމަން އަށް ދިން ނަމަ ވަރަށް ނުރައްކާ ވީހެވެ.

އީގަލްސްގެ ކޯޗު ސާންތީ (ވ) އާއި އެސިސްޓަންޓް ކޯޗު ނިމާ (ކ) އެހެން އޮފިޝަލަކާ އެކު އުފާފާޅުކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

އީގަލްސް އަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ނުވަ ވަނަ މިނެޓުގަ އެވެ. އޭރިއާ ތެރެއިން ރިސްޓޭ އަށް ލިބުނު ބޯޅަ އޭނާ ހުސްކޮށް ހުރެ ބޮލުން ޖެހުމުން ޖެހުނީ ހުރަސް ދަނޑީގަ އެވެ. ދެ ވަނަ ފަހަރަށް އެ ބޯޅަ އޭނާ ޖަހަން އުޅުނު ވަގުތު ޓީސީގެ ޑިފެންޑަރެއްގެ ޕްރެޝަރާ އެކު ވެއްޓުނު އިރު އީގަލްސް އިން ޕެނަލްޓީއަކަށް ވަރަށް ބޮޑަށް އެޕީލްކުރި އެވެ.

އިތުރު ވަގުތުގެ ދެ ވަނަ ހާފުގައި އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ސެންޓޭ އަށެވެ. އެކަމަކު އޭނާ ގޯލަށް ޝޫޓްކުރި ބޯޅަ ދިޔައީ ސީދާ ނުވެ މަތިންނެވެ. މެޗު ނިމެނިކޮށް ޓީސީގެ ކެޕްޓަން ޔާމީން އިބްރާހިމް (ޔާންބެ) އަށް ވަނީ ރަތްކާޑެއް ދައްކައިފަ އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޔާންބެ އަށް ރެފްރީ ޒައީމް އަލީ ސީދާ ރަތެއް ދެއްކީ، އީގަލްސްގެ މުޖުތާޒް މުހައްމަދު (މުޖޭ)، ޓީސީގެ އެޓޭކަށް ހުއްޓުވުމާ އެކު، ބޯޅަ ނެތީސް އޭނާ އަށް ހަމަލާދިނުމުންނެވެ.

އީގަލްސް އަކީ މިދިޔަ 36 އަހަރުތެރޭ ގައުމީ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ތަފާތު ހަތް ވަނަ ކްލަބެވެ. މި މުއްދަތުގެ ތެރޭގައި ގައުމީ ޗެމްޕިއަންކަން ހޯދާފައިވަނީ ވިކްޓަރީ ސްޕޯޓްސް ކްލަބް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް، ކްލަބް ވެލެންސިއާ، ކްލަބް ލެގޫންސް، ވީބީ އައްޑޫ އެފްސީ އަދި މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަން ކްލަބެވެ.