ޓީސީ އަށް ކާމިޔާބު އަހަރެއް، ނިޒާމްބެ އަށް ކާމިޔާބެއް ނޫން

މިއީ ޓީސީ ސްޕޯޓްސް ކްލަބަށް ކާމިޔާބު އަހަރެއް ކަމަށާއި އެކަމަކު ކޯޗެއްގެ ހައިސިއްޔަތުން އޭނާ އަށް ކާމިޔާބު ސީޒަނެއް ނޫން ކަމަށް ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.


މިއީ މިދިޔަ އަހަރު ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރަން ފެށި ޓީސީ އަށް މި ސީޒަނުގައި ގެއްލުނު ތިން ވަނަ ފައިނަލެވެ. އެފްއޭ ކަޕުގެ ފައިނަލުން ކްލަބް ވެލެންސިއާ އަތުން ބަލިވިއިރު ޔޫތު ޗެމްޕިއަންޝިޕުގެ ފައިނަލުން ބަލިވީ އީގަލްސް އަތުންނެވެ. ނިޒާމާ އެކު މިދިޔަ އަހަރާއި މި އަހަރުގެ ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ މަގާމް ޓީސީން ހޯދިއިރު އޭނާ އަށް މިވަނީ ޖެހިޖެހިގެން ދެ ވަނަ ފައިނަލުން ބަލިވުމުގެ ހިތްދަތިކަމާ ކުރިމަތިލާން ޖެހިފަ އެވެ.

"ހެދުނީ އެންމެ ގޯހެއް އޭގެ އަދަބު މި ލިބުނީ. ވަރަށް ވާންކޮށް ދިޔަ އުނދަގޫ މެޗެއް. އެނގޭ ކުރިން ލަނޑު ޖަހާ ޓީމަކަށް މި މެޗުގެ އެޑްވާންޓޭޖް ބޮޑުކަން،" މެޗަށް ފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެމުން ނިޒާމްބެ ބުންޏެވެ.

ޓީސީން މި ސީޒަނަށް ކަނޑައެޅި ޓާގެޓަކީ ގަދަ ހަތަރެކެވެ. އެހެން ނަމަވެސް އެފްއޭ ކަޕް ފައިނަލުން ޖާގަ ލިބުމުން މި އަހަރު ތަށްޓަކާ އެކު ނިންމާލުމަށް އެ ޓީމުން އަމާޒު ހިފި އެވެ. ނިޒާމްބެ ބުނީ ތަށްޓެއް ނުލިބުމަކީ އޭނާ އަށް ލިބުނު ނާކާމިޔާބީއެއް ކަމަށެވެ.

"ދެ ފައިނަލެއް ކުޅެ ތަށްޓެއް ނުލިބި ދިޔުމަކީ ކޯޗެއްގެ ގޮތުން ނާކާމިޔާބީ އެއް. އެހެން ނަމަވެސް ފުރަތަމަ ޑިވިޝަންގައި ދެ އަހަރުވީ ކްލަބެއް ހުރިހާ މުބާރާތެއްގައި ދެ ވަނައިގައި ނިންމާލުމަކީ ކްލަބަށް ލިބޭ ކާމިޔާބެއް. މީގެ ކުރިން (އަލަށް ފަށައިގަންނަ) ޓީމުތައް ދެ ވަަނަ އަހަރަށް ނުކުންނައިރު އޮންނަނީ މައްސަލައެއް ތެރޭގައި އެހެން ނަމަވެސް ޓީސީ މި ފަހަރު ވެސް ފެންވަރު ހިފަހައްޓައިފި،" ކުރިން ވިޔަންސާ އަށް ކޯޗުކޮށްދިން ނިޒާމްބެ ބުންޏެވެ.

އޭނާ ބުނީ ކްލަބެއްގެ ގޮތުގައި ޓީސީ ދާނީ ކުރިއަށް ކަމަށާއި އެ ޓީމުގެ މުސްތަގުބަލު އުޖާލާ ކަމަށެވެ.

"މި ސީޒަނުގައި ތަށި ހޯދި ކްލަބްތަކުގެ ފަހަތުގައި އެބައޮތް 20، 10، 15 އަދި 12 އަހަރު ވަރު. އެކަމަކު ޓީސީ އަދި މިވީ ދެ އަހަރު. އެކަމަކު ވެސް މި ފެނުނީ ވަރުގަދަ ބާރެއްގެ ގޮތުގައި. މިއީ މެނޭޖްމަންޓާއި ކުޅުންތެރިން ކަރު އެލުވާލައިގެން ތިބޭ ވަރަށް ވުރެ ބޮޑު ކާމިޔާބެއް،" ނިޒާމްބެ ބުންޏެވެ.

ޓީސީ އަކީ މި އަހަރު އެންމެ ގިނަ މެޗު ކުޅުނު ކްލަބެވެ. ސީޒަނުގެ ހުރިހާ މުބާރާތެއްގެ ދެ ވަނައިގައި އެ ޓީމު ނިންމާލިއިރު 28 މެޗު ކުޅުނެވެ. އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ސީޒަނުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީ ޓީސީގެ އަލީ ފާސިރު (ސެންޓޭ) އެވެ. ސެންޓޭ ވަނީ މި ސީޒަނުގައި 34 ލަނޑު ޖަހައިފަ އެވެ.