ހައްގުތައް ރައްކާތެރިކޮށްދޭން މުއައްސާތައް ވަނީ ނުކުޅެދިފައި: އެމްޑީޕީ

ސިޔާސީ ހަރަކާތްތަކަށް ސަރުކާރުން ހުރަސް އަޅަމުން ދާ އިރު، ސިޔާސީ އިދިކޮޅު ފަރާތްތަކުގެ ހައްގުތަކާއި ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށްދިނުމަށް މިނިވަން މުއައްސާތަކުން ނުކުޅެދިފައިވާ ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފި އެވެ.


ލޯކަލް ކައުންސިލް އިންތިހާބު ފަސްކޮށްފައިވާ މައްސަލައިގައި އިދިކޮޅު އިއްތިހާދުން ރޭ އައްޑޫގެ ހުޅުމީދޫގައި ބޭއްވި ޖަލްސާ އަށް ފުލުހުން ހުރަސް އެޅުން ކުށްވެރިކޮށް އެމްޑީޕީން ނެރުނު ބަޔާނެެއްގައި ބުނީ ރޭގެ ޖަލްސާ ބޭއްވުމަށް ހޯލެއް ހޯދުމަށް އެދި ހުށަހަޅާފައި ވިޔަސް ހޯލް ލިބިފައި ނުވާ ކަމަށެވެ. އެހެންވެ، ސުލްހަވެރި ސިޔާސީ ހަރަކާތްތައް ހިންގުމަށް ލިބިފައިވާ ހައްގުގެ ދަށުން މަގުމަތީގައި ޖަލްސާ ބޭއްވުމަށް ސްޓޭޖެއް ތައްޔާރު ކުރި ކަމަށާއި އެކަމަކު ފުލުހުން އިއްޔެ ހަވީރު ގޮސް އެ ސްޓޭޖް ރޫޅާލާފައިވާ ކަމަށް ބުންޏެވެ.

ލޯކަލް ކައުންސިލް އިންތިހާބު ފަސްކޮށްފައިވާ މައްސަލައިގައި އިދިކޮޅު އިއްތިހާދުން ރޭ ހުޅުމީދޫގައި ބޭއްވި ޖަލްސާ ފުލުހުން ރޫޅާލަނީ.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

އެމްޑީޕީން ބުނީ ސްޓޭޖް ރޫޅާލުމުން މަގުމަތީގައި ޖަލްސާ ކުރިއަށް ގެންދަނިކޮށް ރަޔަޓް ގިޔަރުގައި ތިބި ގިނަ އަދަދެއްގެ ފުލުހުން ގޮސް، ޕޯޑިއަމް އާއި މަގުގެ އެއްފަރާތުގައި ޖަހާފައި ހުރި ގޮނޑިތައް ގެންގޮސްފައިވާ ކަމަށެވެ. އަދި ބުނީ އެ ޖަލްސާގައި ބައިވެރިވި އެކަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

"ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް އެމްޔޫއޯ އިން ފުރިހަމަ އަށް ތައްޔާރުވެ، ކެންޑިޑޭޓުން އައްޔަނުކޮށް ކެމްޕޭން ފަށާފައިވާ އިރު، ސަރުކާރު ހިންގާ ޕީޕީއެމްގެ މެޝްތަޝާރުގެ ފެކްޝަނަށް އެ އިންތިހާބަށް ތައްޔާރުވެފައި ނުވުމުގެ ސަބަބުން އިލެކްޝަން ކޮމިޝަނާއި ކޯޓުތައް މެދުވެރިވެގެން ގާނޫނާ ހިލާފަށް އެ އިންތިހާބު ލަސްކޮށް، އިދިކޮޅު ފަރާތްތަކުން ހިންގާ ކެމްޕޭނުތަކަށް މިފަދަ ހުރަސް އަޅަމުން ދިއުމަކީ ސަރުކާރުން ހިންގާ ވަރަށް ދަށު ދަރަޖައިގެ އަމަލެކެވެ،" ބަޔާނުުގައިވެ އެވެ.

އެމްޑީޕީން ބުނި ގޮތުގައި މި ކަންކަން ހިންގަމުން ދަނީ މިނިވަން މުއައްސަސާތަކުން ބަލަން ތިއްބަ އެވެ. ސިޔާސީ އިދިކޮޅު ފަރާތްތަކާއި ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށްދިނުމަށް އެ ފަރާތްތަކުން ނުކުޅެދިފައިވުމުން ހާމަވަނީ ރާއްޖޭގެ ޑިމޮކްރަސީ އާއި މިނިވަންކަން ވަޅުޖެހެމުން ދާކަން ކަމަށް އެ ޕާޓީން ބުންޏެވެ.

"ނަމަވެސް ޑިމޮކްރަސީ އާއި މިނިވަންކަމުގެ ހައްގުގެ ދިފާއުގައި މި ޕާޓީ ސާބިތުކަމާ އެކު ދެމި އޮންނާނޭ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވަމެވެ،" ބަޔާނުގައިވެ އެވެ.