އިދިކޮޅު އިއްތިހާދުގެ ހަރަކާތްތައް އިންޑިއާގައި ވަރުގަދަ ކުރަނީ

މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) ގެ ހަރަކާތްތައް އިންޑިއާގައި ފުޅާ ދާއިރާއެއްގައި ހިންގުމަށް ހާއްސަ ވަފްދެއް އެ ގައުމަށް ދިއުމަށް ނިންމައިފި އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒް މިއަދު ވިދާޅުވި ގޮތުގައި އެމްއޯޔޫ ނުވަތަ އިދިކޮޅު އިއްތިހާދުގެ ވަފްދެއް އިންޑިއާއަށް ދިއުމަށް ނިންމީ އިދިކޮޅު ހަރަކާތްތައް މަޑު ޖެހިފައިވާތީ އެވެ.

އެ ގޮތުން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވޯޓުލާ މީހުންގެ ތެރެއިން، ރަޖިސްޓްރީ ވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓްރީ ވުމަށް ހުޅުވައިލި ފުރުސަތުގައި އިންޑިއާގައި ދިރިއުޅޭ ދިވެހިންގެ ފަރާތުން ލިބުނު ތަރުހީބު ކުޑަ ކަމަށް ވެސް ނިޔާޒް ވިދާޅުވި އެވެ.

އެހެންވެ އިއްތިހާދުން ނިންމީ އިންތިހާބުތަކުގައި ހަރަކާތްތެރިވާނެ ކެމްޕެއިން ޓީމެއް އެކުލަވައިލުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ހާއްސަ ވަފްދެއް ދާން ނިންމީ އިންޑިއާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކޮށް މައުލޫމާތު ދޭން. އެ ގައުމުގައި ރަޖިސްޓްރޭޝަންގެ ކަންތައްތައް ވަރަށް ދަށްކޮށް ދިޔައީ،" ނިޔާޒް ވިދާޅުވި އެވެ.

މި ވަފްދުގައި ނިޔާޒްގެ އިތުރުން އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒާއި ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު އަހްމަދު ނާޒިމާއި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައެއް މެމްބަރުން ބައިވެރިވަޑައިގަންނަވާނެ ކަމަށް އެ ޕާޓީން ބުންޏެވެ. އެމްޑީޕީން ބުނި ގޮތުގައި އިންޑިއާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލު ކުރުން އޮންނާނީ އަންނަ ހޮނިހިރު ދުވަހު ހަވީރު އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕެއިން ކުރިއަށް ގެންދާ ގޮތާއި އިންތިހާބާ ގުޅޭ މައުލޫމާތުތައް މި ބައްދަލުވުމުގައި ދިވެހިންނަށް ފޯރުކޮށްދޭނެ ކަމަށް އެމްޑީޕީން ޕާޓީން ބުންޏެވެ. އަދި ދިވެހިންނަށް އިންޑިއާގައި ކުރިމަތިވާ ދަތިތަކާ ގުޅޭ މައުލޫމާތު ހޯދުމަށް ވަނީ ހަމަޖެހިފަ އެވެ.

އެމްޑީޕީން އަންނަނީ ރާއްޖެ އާއި ރާއްޖޭން ބޭރުގައި ތިބި ދިވެހިންނާ ބައްދަލުކޮށް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޔޫއޯގެ ފަރާތުން ކުރިމަތިލި މީހުންނަށް ވޯޓު ދިނުމަށް އެދި ކެމްޕެއިން ކުރަމުންނެވެ.