އެމްޔޫއޯގެ ނައިބު ލީޑަރަކަށް ޝިފާ އައްޔަންކޮށްފި

އިދިކޮޅު ފަރާތްތައް ގުޅިގެން އުފައްދާފައިވާ މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) ގެ ނައިބު ލީޑަރަކަށް މާލޭގެ ޑެޕިއުޓީ މޭޔަރު އަދި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ޝިފާ މުހައްމަދު މިއަދު އައްޔަންކޮށްފި އެވެ.

އެމްޑީޕީގެ ސަރުކާރުގައި އެޑިއުކޭޝަން މިނިސްޓަރު ކަން ވެސް ކުރެއްވި ޝިފާ، އެމްޔޫއޯގެ ނައިބު ލީޑަރަކަށް އައްޔަންކުރީ، ކުރިން އެ މަގާމުގައި ހުންނެވި އަލީ ވަހީދު މިދިޔަ ނޮވެމްބަރު މަހު އިސްތިއުފާ ދެއްވުމުންނެވެ. އަލީ ވަހީދު ވަނީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން ވެސް އޭރު އިސްތިއުފާ ދެއްވައިފަ އެވެ.

އަމިއްލަ އަށް އަރުވާލެވިގެން އިނގިރޭސި ވިލާތުގައި ހުންނެވި އަލީ ވަހީދު އެ ދެ މަގާމުން އިސްތިއުފާ ދެއްވީ ރާއްޖޭގައި ތިއްބެވި ބޭފުޅުންނަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް ވަނީ ވިދާޅުވެފަ އެވެ.

އެމްޔޫއޯ އަކީ އަމިއްލައަށް އަރުވާލެވިގެން އިނގިރޭސި ވިލާތުގައި ތިއްބެވި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލުގެ އިތުރުން ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ޖަލުގައި ހުންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ފަރާތުންނާއި އަދާލަތު ޕާޓީ ގުޅިގެން އުފެއްދި ކޯލިޝަނެކެވެ.

އެމްޔޫއޯގެ ލީޑަރަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޖަމީލެވެ.