އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި، އިންތިހާބު އަންނަ އަހަރުގެ ފެބްރުއަރީގައި

ހުސްވެފައިވާ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީން އިއްޔެ ހުޅުވާލައިފި އެވެ.

އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ޗެއާޕާސަންގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި އަލީ ވަހީދު މިދިޔަ މަހުގެ 28 ގައި އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މިދިޔަ އަހަރުން ފެށިގެން އަލީ ވަހީދު ދިރިއުޅުއްވަމުން ގެންދަވަނީ ސިޔާސީ ހިމާޔަތް ހޯއްދަވައިގެން އިނގިރޭސި ވިލާތުގަ އެވެ.

އެމްޑީޕީން ބުނީ، އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ހަފުތާގެ ބުދަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށެވެ. އިންތިހާބު ބާއްވަނީ އަންނަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހަސަން ލަތީފު ވަނީ ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ އިންތިހާބުވެ ވަޑައިގެންފި ނަމަ، ޕާޓީގެ އިދާރީ އެންމެހައި ކަންކަން ފުރިހަމަކޮށް، ސިޔާސީ ކަންކަން ހިންގުމަށް މަގު ފަހިކޮށްދިނުމަަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ޗެއާޕާސަންގެ މަގާމުން އަލީ ވަހީދު އިސްތިއުފާ ދެއްވުމަށް ފަހު، ވިދާޅުވީ ބޭރު ގައުމެއްގެ ހިމާޔަތުގައި ހުންނަވައި، އިތުރަށް މަގާމު ދެމެހެއްޓުމަށް ވުރެ ރާއްޖޭގައި ދިރިއުޅޭ މީހުންނަށް އެ ޕާޓީ އަށް ހިދުމަތް ކުރުމުގެ ފުރުސަތު ދޭން ޖެހޭ ކަމަށެވެ.