މަރުވި ދެ ކުދިން ވެސް މާރާމާރީގައި ބައިވެރިވި، އެއީ އުފެދުނު ހަމަނުޖެހުމެއްގެ ބަދަލު ހިފުމެއް: ޕޮލިސް

މާލޭގައި މިދިޔަ ހުކުރު ދުވަހު ހިނގި މާރާމާރީގައި މަރުވި 14 އަހަރުގެ ދެ ކުދިން ވެސް މާރާމާރީ ހިންގަން އަމަލީ ގޮތުން ބައިވެރިވި ކަމަށް ފުލުސް އޮފީހުން މިއަދު ބުނެފި އެވެ. ތަހުގީގަށް މިހާތަށް ލިބިފައި ހުރި ހެކިތަކުން ފުލުހުން ބުރަވަނީ، އެއީ ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި ހަމަޖެހުމެއްގެ ބަދަލު ހިފަން ހިންގި މާރާމާރީއެއް ކަމަށެވެ. ނަމަވެސް ސީދާ ސަބަބެއް ފުލުހުން ނުބުނެ އެވެ.


ހުކުރު ދުވަހު ހަވީރު 5:30 ހާއިރު ހިނގި މާރާމާރީގައި ކަރަށް ވަޅި ހަރާލުމުން މަރުވީ، ކ. ކާށިދޫ އަހްމަދު އިރުޝާން އެވެ. އޭގެ ތިން ގަޑިއިރު ފަހުން ބުރަކައްޓަށް ވަޅި ހެރުމުން ފަރުވާދެނިކޮށް މަރުވީ މާލެ އަށް ނިސްބަތްވާ ފާތިރު މުހައްމަދެވެ.

މިދިޔަ ހުކުރު ދުވަހު މާލޭގައި ހިނގި މާރާމާރީއާ ބެހޭ ގޮތުން ފުލުހުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ.

މާލެ ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލި މާރާމާރީ އަށް 48 ގަޑިއިރު ފަހުން ފުލުހުން ފުރަތަމަ ފަހަރަށް ބޭއްވި ނިއުސް ކޮންފަރެންސްގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ވިދާޅުވީ ދެ ކުދިންގެ މަރާ ގުޅިގެން ދެ ކުދިން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މާރާމާރީ ހިންގަން އަމަލީ ގޮތުން ބައިވެރިވި އިތުރު ބަޔަކު ހޯދަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ދެ މާރާމާރިއާ ގުޅިގެން ވަރަށް ގިނަ މަސައްކަތްތައް ކުރެވި ވަރަށް ގިނަ އެވިޑެންސް ވަނީ ލިބިފައި،" ނަވާޒް ވިދާޅުވި އެވެ.

މާލޭގައި މާރާމަރީ ގިނަވެ، ދެ ކުއްޖަކު މަރާލުމާ ގުޅިގެން ފުލުހުން ފެށި އޮޕަރޭޝަނުގައި ކުއްތާ ބޭނުންކޮށްގެން ބަލައި ފާސްކުރަނީ -- ފޮޓޯ: ހުސެއިން ޝަޔާހު/ މިހާރު

އިރުޝާންގެ ކަރަށް ވަޅި ހެރީ ދެ ގްރޫޕުގެ ތަޅާލުމުގެ ތެރެއިން

މާރާމާރީގައި ދެ ކުދިން މަރުވީ ސީދާ ކޮން ކަމަކާ ހެދި އުފެދުނު ދެބަސްވުމެއްގެ ތެރެއިން ކަން ފުލުހުން ނުބުނި ނަމަވެސް، އެ ދެ މާރާމާރީ ހިނގި ގޮތުގެ ސީސީޓީވީ ފުޓޭޖް ފުލުހުން ވަނީ ނޫސްވެރިންނާ ހިއްސާކޮށްފަ އެވެ. އެ ވީޑިއޯ އިން ފެންނަ ގޮތުގައި، ރާނބާ ރެސްޓޯރެންޓް ކައިރީގައި ތިބޭ ވައިކަންމަތި ގްރޫޕްގެ ކުދިން އެ ދުވަހު ތިބީ މަޖީދީ މަގުގެ ދެކުނު ފަރާތުގައި ޕާކުކޮށްފައި އޮތް ޕިކަޕެއްގެ ތެރޭގަ އެވެ. އެ މީހުން ވާހަކައިގައި ތިއްބައި އީގަލްސް ގްރޫޕަށް ނިސްބަތްވާ ބަޔަކު ފެނުމާއެކު އެންމެންތައް ޕިކަޕުން ފުންމާލައި ދެބައި މީހުން ހަމަލާ ބަދަލުކުރަން ފަށަ އެވެ. އޭގެ ތެރޭގައި މަރުވި އިރުޝާން ވެސް ހިމެނެ އެވެ.

މާލޭގައި މާރާމާރީ ގިނަވެ، ދެ ކުއްޖަކު މަރާލުމާ ގުޅިގެން ސަލާމަތީ ބާރުތަކުން ހިންގާ އޮޕަރޭޝަނުގައި ސިފައިން ފޯރިމަރަނީ

ދެ ގްރޫޕުން ހިންގި މާރާމާރީގައި، އަނިޔާވެރިކަމާ އެކު އެކަކު އަނެކަކަށް ހަމަލާދިނީ ގައިގެ ވަކި ތަނެއް ނުބަލަ އެވެ. އޭރު މަޖީދީ މަގުން ދުއްވާފައި ދިޔަ ކާރުތަކާއި ސައިކަލްތައް ވެސް އެ މަންޒަރު ބަލަން މަޑުކުރި ތަން ވީޑިއޯ އިން ފެނެ އެވެ. އެކަމަކު އެކަކު ވެސް އެކަން ހުއްޓުވި ތަނެއް ނުފެނެ އެވެ.

ދެބައި މީހުންގެ ތަޅާލުމުގެ ތެރެއިން އިރުޝާންގެ ކަރަށް ވަޅި ހެރީ މަޖީދީމަގުގެ އުތުރު ފަރާތު ޕޭވްމަންޓް މަތީގައި ހުއްޓަ އެވެ. ވަޅި ހެރުމާއެކު އޭނާގެ ގައިން ހޯސްލާފައި ލޭ ފައިބާ ތަން ވީޑިއޯ އިން ފެނެ އެވެ. ވަކި ހިސާބަކުން، އެއް ގްރޫޕް އެ ސަރަހައްދުން ދިޔައިރު، ވީޑިއޯ އިން ފެންނަ ގޮތުގައި، އިރުޝާން ހޮސްޕިޓަލަށް ގެންދިޔައީ ވައިކަންމައްޗަށް ނިސްބަތްވާ ކުދިންނެވެ.

މި ހާދިސާގެ ތަފްސީލް ދެއްވަމުން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަތީހް ވިދާޅުވީ ހުކުރު ދުވަހުގެ މާރާމާރީގައި އިރުޝާން އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް ސީރިއަސް ޒަހަމްތަކެއް އޭނާ އަށް ލިބިފައިވާ ކަމަށް ހޮސްޕިޓަލުން ބުނެފައިވާ ކަމަށެވެ. އިރުޝާން ކަރަށް ފުންކޮށް ވަޅި ހަރާލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މާރާމާރީ ހިންގީ ހުކުރު ދުވަހުގެ ހެނދުނު ހިނގައިދިޔަ ކަމަކާ ގުޅިގެން ކަމަށް ޝަތީހް ވިދާޅުވި އެވެ.

"މާރާމާރީގައި ބައިވެރިވި ގިނަ ކުދިންނަކީ 14 އަހަރުގެ ކުދިން ކަން ފާހަގަކުރެވޭ،" ޝަތީހް ވިދާޅުވި އެވެ.

ފާތިރަށް ހަމަލާދިނީ ގޭތެރެއަށް ވަދެ

ފާތިރަށް ހަމަލާ ދޭ ވީޑިއޯ އިން ފެންނަ ގޮތުގައި، ހުކުރު ދުވަހުގެ ރޭ 9:30 ހާއިރު ފާތިރު ދިރިއުޅޭ، މ. ޝަރުމާގޭ ދޮރު އޭނާ ހުޅުވީ ފޯނެއްގައި ހުރެ އެވެ. ދޮރު ހުޅުވާލުމާ އެކު ގޭތެރެއަށް ދެ މީހަކު ވަނުމުން ފާތިރު ކުޑަކޮށް ފަސްޖެހުނެވެ. ދެ މީހުން ފެނުމާއެކު ފާތިރު ފަހަތަށް ޖެހެމުން ދަނިކޮށް، ކުއްލިއަކަށް އޭނާގެ އަތުގައި ހިފަހައްޓައި އަރިކައްޓަށް ދެ ފަހަރަށް ވަޅި ހަރާލަ އެވެ. ވަޅިހެރުމުން ސިޑިން މައްޗަށް އަރަން ވެސް އޭނާ މަސައްކަތް ކުރި އެވެ. އެކަމަކު ހިފަހައްޓާފައިި ތިން ވަނަ ފަހަރާއި ހަތަރު ވަނަ ފަހަރު ވެސް އެ ކުއްޖާގެ ގަޔަށް ވަޅި ހަރަ އެވެ. އެކަކު ވަޅިހެރިއިރު އަނެކަކު ހުރީ ފަހަތުގަ އެވެ.

މާލޭގައި މާރާމަރީ ގިނަވެ، ދެ ކުއްޖަކު މަރާލުމާ ގުޅިގެން ފުލުހުން ފެށި އޮޕަރޭޝަނުގައި ކުއްތާ ބޭނުންކޮށްގެން ބަލައި ފާސްކުރަނީ -- ފޮޓޯ: ހުސެއިން ޝަޔާހު/ މިހާރު

ފުލުހުން ސީސީޓީވީ ފުޓޭޖް ހޯދީ އެ ގޭގައި ހަރުކޮށްފައިވާ ކެމެރާ އަކުންނެވެ.

ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ ފާތިރުގެ ގައިގެ ހަތަރު ތަނަކަށް ވަޅި ހަރައި ޒަހަމްކޮށްލާފައިވާ ކަމަށެވެ. އޭނާ އަކީ އެ ދުވަހު ހަވީރު ހިންގި މާރާމާރީގައި އަމަލީ ގޮތުން ބައިވެރިވި ކުއްޖެއް ކަން އެނގިފައިވާ އޭނާ ވިދާޅުވި އެވެ.

"އޭނާ އަށް ހަމަލާ ދޭން ދިޔަ ދެ ކުދިންނަކީ ވެސް މަޖީދީ މަގުގައި ހިނގި މާރާމާރީގައި ބައިވެރިވި ދެ ކުދިން ކަން އެނގިފައިވޭ،" ރިޔާޒް ވިދާޅުވި އެވެ.

ފާޑުކިޔުންތަކަށް ފުލުހުންގެ ރައްދު

މާރާމާރީގައި ދެ ކުއްޖެއްގެ މަރާ ގުޅިގެން ފުލުހުންނަށް ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ. މާރާމާރީ ހިންގި ރޭ މާލެ ތެރެއިން 19 މީހަކު ހައްޔަރުކޮށް، ބަންދުގައި ބޭތިއްބޭވަރަށް ހެކި ނެތިގެން އެ މީހުން ދޫކޮށްލުމުން ވެސް ސުވާލު އުފެއްދި އެވެ.

ނަވާޒް ވިދާޅުވީ ހުކުރު ދުވަހުގެ ހަވީރު ހިނގި މާރާމާރީ އަށް ފަހު ފުލުހުން މާލެތެރެ ބެލެހެއްޓުން ވަރުގަދަކޮށް، ހާއްސަ އޮޕަރޭޝަނެއް ހިންގި ކަމަށެވެ. އެ އޮޕަރޭޝަންގެ ތެރެއިން ގިނަ ބަޔަކު ހައްޔަރުކުރީ މާލެތެރެ ވީހާވެސް އަމާންކޮށް ބޭއްވުމަށް ކަމަށާއި އެއީ މާރާމާރީއާ ގުޅުން ހުރި ބައެއް ނޫން ކަމަށް އޭރު ވެސް ފުލުހުން ބުނެފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަވާޒް ވިދާޅުވި ގޮތުގައި އެ ރޭ ދެ ވަނަ މާރާމާރީ ހިންގިއިރު އެކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައެއް ނުވެ އެވެ. އެކަމަކު ފުލުހުން ތިބީ މާރާމާރީއާ ގުޅިގެން ސަލާމަތީ ކަންކަން ބަލަހައްޓަން ކަމަށް ވިދާޅުވި އެވެ.

"ދެ ވަނަ މާރާމާރީއަކީ ވެސް ރޭވިގެން އެ ކުއްޖަކު ހުރި ތަނެއް އެނގި، އެ ގޭތެރެއަށް ވަދެ ހިންގާފައިވާ މާރާމާރީއަކަށް ވާތީ ފުލުހުންނަށް ސީދާ އެކަން އެނގިފައި ނެތީ. އެއީ އެއްވެސް ހާލެއްގައި ފުލުހުން އެކަން ހުއްޓުވަން މަސައްކަތް ނުކުރުމެއް ނޫން، އަދި އެފަދަ ކަންކަމާ އަޅާނުލުމެއް ވެސް ނޫން، މީޑިއާގެ ބަހުން ބުނާނަމަ ހިމޭނުން ތިބުމެއް ވެސް ނޫން،" ނަވާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވ ގޮތުގައި މާރާމާރީއަކާ ގުޅިގެން، އޭގައި ހިމެނޭ މީހުން ވަގުތުން ހައްޔަރުކުރަން ދަތިތަކެއް ކުރިމަތިވެ އެވެ. މިސާލެއް ނަންގަވަމުން ވިދާޅުވީ އެކަމުގައި ޝާމިލްވާ މީހުން ފިލައިގެން ވެސް އުޅެ އެވެ. އެކަމަކު މި ދެ މާރާމާރީގައި ވެސް ހިމެނޭ ހުރިހާ އެންމެންނާއި ގިނަ ހެކިތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.