ކޮރަޕްޝަން ހުއްޓުވާނެ ގޮތް ދެނެގަތުމަށް މަހާސިންތާއެއް ބާއްވަނީ

ރާއްޖޭގައި ކޮރަޕްޝަނާ ދެކޮޅަށް ހޭލުންތެރި ކުރުމަށް މިހާރު ހިންގާ ޕްރޮގްރާމްތައް ބައްޓަންކޮށްފައިވާ ގޮތް ބަދަލުކޮށް، ކޮރަޕްޝަން ހުއްޓުވާނެ އާ ގޮތްތައް ދެނެގަތުމަށް އަންނަ އަހަރު މަހާސިންތާއެއް ބާއްވާނެ ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް ހަސަން ލުތުފީ މިއަދު ވިދާޅުވެއްޖެ އެވެ.


ކޮރަޕްޝަނާ މެދު އާއްމުން ދެކޭގޮތް ބެލުމަށް މިދިޔަ އެޕްރީލް މަހު ފުވައްމުލަކުގައި ކުރި ދިރާސާގެ ރިޕޯޓް އާއްމު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ލުތުފީ ވިދާޅުވީ، ކަމާގުޅޭ މުއައްސަސާތަކާއި ކުންފުނިތަކާއި ޔުނިވަސިޓީތައް މަހާސިންތާގައި ބައިވެރިކުރާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮރަޕްޝަން ހުއްޓުވަން އޭސީސީން މަސައްކަތް ކުރާ ގޮތް ވެސް ބަދަލުކޮށް، ތަހުގީގުތައް ކުރިމަގުގައި އިތުރަށް ވަރުގަދަ ކުރާނެ އެވެ.

"ފުވައްމުލަކުގައި މި ކުރެވުނު ދިރާސާގެ އަލީގައި ވެސް ގެންނަން ޖެހޭ ބަދަލުތައް ގެންނާނެ،" ލުތުފީ ވިދާޅުވި އެވެ.

ކޮރަޕްޝަނާ ގުޅޭ ގޮތުން ދުނިޔޭގައި ކޮށްފައިވާ ދިރާސާތަކަށް އަލިއަޅުވާލައްވަމުން ލުތުފީ ވިދާޅުވީ 2011 ގެ ކުރިން އެންމެ ގިނަ ފައިސާ ހޯދަނީ މަސްތުވާތަކެތި ވިޔަފާރިކޮށްގެން ކަމަށެވެ. އެކަމަކު މިހާރު ބޭނުންކުރަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިންގާ ޖަރީމާތައް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވީމަ މިއީ ވެސް އަޅުގަނޑުމެން ވިސްނާލަން ޖެހޭ ކަންކަން. މިކަންކަމާ މެދު ވިސްނައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކާއި މަސައްކަތް ކުރާ ގޮތް ވެސް ބަދަލުކުރަން ޖެހޭ،" ލުތުފީ ވިދާޅުވި އެވެ.

ފުވައްމުލަކުގައި ކުރި ދިރާސާ ރިޕޯޓުގައިވާ ގޮތުން، ކޮރަޕްޝަން ނައްތާލަން ކުރަން ޖެހޭ އެންމެ މުހިއްމު ކަމަކީ މުޖުތަމައުގެ ދީނީ އަގީދާ ވަރުގަދަކުރުން ކަމަށް އެ ދިރާސާގައި ބައިވެރިވި 59 ޕަސެންޓް މީހުން ދެކެ އެވެ.