އެމްއެމްޕީއާރުސީގެ ފައިސާ އިން ޒިޔަތު ގަތް ގެއެއް ދައުލަތަށް ނަގަނީ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރުސީ)ގެ ފައިސާ އިން އެތަނުގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ހުޅުމާލެ އިން ގަނެފައިވާ ގެއެއް ޝަރީއަތް މެދުވެރިކޮށް ދައުލަތަށް ނަގަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް މިއަދު ފޮނުވައިފި އެވެ. މި މައްސަލާގައި އޭސީސީން ވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ދައުވާ ވެސް ޒިޔަތުގެ މައްޗަށް ކުރަން ހުށަހަޅައިފަ އެވެ.


އޭސީސީން ނެރުނު ބަޔާނުގައި ބުނީ ހުޅުމާލެ 10721 ގޯއްޗާއި އެތަނުގައިވާ އިމާރާތަކީ އެމްއެމްޕީއާރުސީ ހިންގުމާ ޒިޔަތު ހަވާލުވެ ހުންނެވިއިރު އއ. މަތިވެރި ފިނޮޅު ކުއްޔަށް ދީގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ އިން އޭނާގެ ކޮއްކޮގެ ނަމުގައި ގަނެދީފައިވާ އިމާރާތާއި ގޯއްޗެއް ކަން ތަހުގީގަށް ސާބިތުވެފައިވާ ކަމަށެވެ. ހުޅުމާލެ އިން ގެއެއް ގަނެދިނީ ޒިޔަތުގެ ކޮން ކޮއްކޮއަކަށް ކަމެއް އޭސީސީން ނުބުނެ އެވެ.

އެމްއެމްޕީއާރުސީގެ ފައިސާތަކަކަށް ހިޔާނާތްވި ކަމުގެ ކުށް ސާބިތުވެ ޒިޔަތު ވަނީ ފަސް އަހަރަށް ޖަލަށް ލައިފަ އެވެ.

އޭސީސީން ބަޔާނުގައި ބުނިގޮތުގައި ހުޅުމާލެ އިން ޒިޔަތު ގެއެއް ގަނެފައި ވަނީ ފަސް މިލިއަން ރުފިޔާ އަށެވެ. މި ގަނެވިއްކި ވިޔަފާރީގެ އަގްދަކީ ސައްހަ އަގުދެއް ކަމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފައިވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ތަހުގީގު ޓީމުން ބެލިބެލުމުން މަތިވެރި ފިނޮޅު ކުއްޔަށް ދިނީ ގެ ވިއްކި ފަރާތަށް ކަމަށާއި އެ ރަށުގެ އެކުއިޒިޝަން ކޯސްޓަށްވާ ފައިސާގެ ތެރެއިން އެއްބައިގެ ގޮތުގައި 300،000 ޑޮލަރު (ގާތްގަނޑަކަށް 4.6 މިލިއަން ރުފިޔާ) ސެޕްޓެމްބަރު 23، 2014 ގައި އެމްއެމްޕީއާރުސީ އަށް ދައްކާފައިވާ ކަމަށް ބަޔާނުގައިވެ އެވެ. އަދި އެކުއިޒިޝަން ކޯސްޓަށްވާ ފައިސާގެ ތެރެއިން 100،000 ޑޮލަރު (ގާތްގަނޑަކަށް 1.5 މިލިއަން ރުފިޔާ) އެމްއެމްޕީއާރުސީ އަށް ދައްކާފައިވާ ކަމަށް ލިޔެކިޔުންތަކުން އެނގޭ ކަމަށް ބަޔާނުގައިވެ އެވެ.

އެކަމަކު އެ ފައިސާ އެމްއެމްޕީއާރުސީގެ ނަމުގައި ހުޅުވާފައިވާ އެއްވެސް އެކައުންޓަކަށް ޖަމާކޮށް، ދައުލަތަށް ލިބިފައި ނުވާ ކަމަށާއި މި ފައިސާއާ ހަވާލުވީ ޒިޔަތު ކަން ތަހުގީގަށް ސާބިތުވާ ކަމަށް އޭސީސީން ބުންޏެވެ.

އޭސީސީން ބުނީ މަތިވެރި ފިނޮޅުގެ އެކުއިޒިޝަން ފީގެ ގޮތުގައި އެމްއެމްޕީއާރުސީ އަށް ޖަމާކުރަން ޖެހޭ 400،000 ޑޮލަރު (ގާތްގަނޑަކަށް 6.1 މިލިއަން ރުފިޔާ) ޒިޔަތުގެ ދެބެންގެ ދެދަރި މީހެއްގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކޮށް އެ ފައިސާ އަލުން ނަގައި ގޯތި ވިއްކި ފަރާތުގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށެވެ.

އެހެންވެ މި މުއާމަލާތަކީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިން މައްސަލައެއް ކަމަށް އޭސީސީން ވަނީ ނިންމައިފަ އެވެ.

އެމްއެމްޕީއާރުސީގެ ފައިސާ އަށް ހިޔާނާތްވި މައްސަލަ ބޮޑު ތަހުގީގެއްގެ ގޮތުގައި އޭސީސީން ވަނީ ނިންމައިފަ އެވެ. އެކަމަކު ރިޕޯޓް އާއްމުކުރާނެ ދުވަހެއް އެ ކޮމިޝަނުން އަދި ނުބުނެ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ދައުލަތަށް 1.2 ބިލިއަން ރުފިޔާ ގެއްލިފައިވާ ކަމަށް އޮޑިޓަ ޖެނެރަލްގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.