ޕީޕީއެމް ހަރުދަނާ ކުރަން ބެލިއިރު، އިސް މީހުން ތިބީ ރަޖާލައިގެން ގޭގައި: ރައީސް

ޕީޕީއެމް އަލަށް އުފައްދައި، ޕާޓީ ހަރުދަނާ ކުރަން ބެލިއިރު އޭރު ވެސް ޕާޓީގެ އިސް ބޭފުޅުން ތިއްބެވީ "ރަޖާލައިގެން ގޭގައި" ކަމަށް އެ ޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީން ގއ. ގެމަނަފުށީގައި ރޭ ވިދާޅުވެއްޖެ އެވެ.


މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރަން ގެމަނަފުށީގައި ބޭއްވި ޖަލްސާގައި، ޕީޕީއެމްގެ ތެރޭގައި އުފެދިފައިވާ މައްސަލައާ ގުޅޭގޮތުން ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމް އުފެދުނުއިރު، އެކި ސަބަބުތަކާ ހެދި ރަށްރަށުގައި ތިބި ކައުންސިލަރުން ދިޔައީ ވަކިވަމުން ކަމަށެވެ. އެހެންކަމުން ޕީޕީއެމަކީ ސިޔާސީ ގޮތުން ކިހާ ބުރަދަނެއް ހުރި ޕާޓީއެއްތޯ ބެލުމުގެ ފުރުސަތު ވަރަށް ފުޅާކޮށް ލިބިގެން ދިޔަ ކަމަށް ވިދާޅުވި އެވެ.

ޕާޓީ އުފެދިގެން ފުރަތަމަ ވާދަކުރަން ޖެހުނީ ގދ. ގައްދޫ ބައި އިލެކްޝަނުގައި ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ އިންތިހާބުގައި ވެސް ޕާޓީގެ އިސް ބޭފުޅުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރައްވާފައި ނުވާ ކަމަށެވެ. އެކަމަކު، އެ އިންތިހާބުގައި ވެސް އެމަނިކުފާނާ އެކު ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާނާއި އެހެން ބައެއް ބޭފުޅުން ގައްދު އަށް ވަޑައިގެންނެވި ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"ބޮޑު އިންތިހާބެއް [ގައްދޫ ބައި އިލެކްޝަން] ނިންމިއިރު އަޅުގަނޑުމެންގެ އެކިއެކި ބޭފުޅުން ރަޖާލައްވައިގެން ތިއްބެވީ ގޭގައި. ބައެއް ބޭފުޅުން ތިއްބެވީ ރާއްޖެ އިން ބޭރުގައި،" ރައީސް ވިދާޅުވި އެވެ.

އެއީ އޭރުގެ ހާލަތު ކަމަށާއި އެތައް ބައެއްގެ މަސައްކަތުން ޕީޕީއެމަށް ވެރިކަން ލިބި، ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ފުރުސަތު ލިބުމުން ސަރުކާރާ ދެކޮޅަށް މިހާރު އެ ޕާޓީން މަސައްކަތް ކުރަންވީ ކީއްވެތޯ ރައީސް ޔާމީން ސުވާލު އުފެއްދެވި އެވެ. ސިޔާސީ ކޮންމެ ޕާޓީއަކުން ވެސް ބޭނުން ވާނީ ވެރިކަމުގައި ތިބުން ކަމަށާއި ކުރު މުއްދަތެއްގެ ތެރޭގައި ޕީޕީއެމް ވަނީ ސިޔާސީ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކުރަން ޖެހޭނެ މަސައްކަތަކީ ޕާޓީ ތެރޭގައި ހުރި މަސައްކަތްތައް، ބޭރުގައި ހަގީގަތާ ހިލާފަށް އޮއްސާލުމެއް ނޫން. އަޅުގަނޑުމެން ކުރަން ޖެހޭ ކަމަކީ އަޅުގަނޑުމެން ގަބޫލުކުރާ ފިކުރާއި އުސޫލްތަކާ އެކީގައި މަސައްކަތް ކުރިއަށް ގެންދިއުން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ޕީޕީއެމްގެ އާއްމު މެމްބަރުން ބޭނުން ވާނީ ޕާޓީ މިހާރު އޮތް ހިސާބުން ކުރިއަށް ގެންދިއުމެވެ.

"އަސުރު މަލުގެ ކުލަ އަކީ އަބަދުވެސް އަޅުގަނޑުމެންނަށް ރީތި ކުލައެއްގެ ގޮތުގައި ފެނިގެން ދާން ޖެހޭނެ. އަސުރު މަލުގެ ކުލަ އަކީ އެއްގޮތަކަށް ވެސް އެއްވެސް އިރެއްގައި އެއްވެސް މޫސުމެއްގައި، 24 ގަޑިއިރުގެ ތެރޭގައި އަދި އެއްވެސް ސާއަތެއްގައި ވެސް ބަނަކަމެއް ނާންނަ މަލެއްގެ ގޮތުގައި ވުމަށް،" ރައީސް ވިދާޅުވި އެވެ.

ޕީޕީއެމްގެ އެތޭރެގެ ކޯޅުމުގައި، އެ ޕާޓީ ވަނީ ދެ ފަޅިވެފައިވާ މައްސަލަ އަށް އަދިވެސް ހައްލެއް ނުލިބެ އެވެ. ރައީސް ޔާމީންގެ ފެކްޝަނުން ޕީޕީއެމްގެ އިދާރީ ހުރިހާ ކަމެއް ކުރާއިރު، ޕާޓީގެ ނަމުގައި، ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް މަސައްކަތްޕުޅު ކުރައްވަ އެވެ.