އޮބްޒާވަރުންގެ ގޮތުގައި ހުށަހެޅި ގިނަ ނަންތަކެއް އީސީން ބަލައެއް ނުގަތް: އެމްޑީޕީ

އަންނަ މާޗު މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އޮބްޒާވަރުންގެ ގޮތުގައި އެމްޑީޕީން ހުށަހަޅާފައިވާ ގިނަ ނަންތަކެއް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބަލައިނުގަތް ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.


އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ އަތޮޅު ފޯކަލް ޕޮއިންޓުތަކުން އޮބްޒާވަރުންގެ ފޯމު ބަލައިގަންނާނެ ކަމަށް އީސީން ބުންޏަސް، އެގޮތަށް ބައެއް ފޯކަލް ޕޮއިންޓުތަކުން އަމަލުކޮށްފައި ވެސް ނުވާ ކަމަށެވެ. އެކަމަކު އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފައި ނުވަނީ ކިހާ ފޯމެއް ކަމަށް ބަޔާނުގައި ބުނެފައެއް ނުވެ އެވެ.

އެ އިންތިހާބުގެ މިނިވަންކަމާއި އިންސާފުވެރިކަން ނެތިގެންދާގޮތަށް އިލެކްޝަންސް ކޮމިޝަނުން އެތައް ގޮތަކަށް އަމަލުކޮށްފައިވާ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ. އޭގެ ތެރޭގައި މަންދޫބުންނާއި މީޑިއާތަކުން މޮނީޓަރުން ކަނޑައަޅަން ދިން މުއްދަތު އިއްޔެ ހަމަވިއިރު، އެކި އުކުޅުތައް ބޭނުންކޮށްގެން އެ ފުރުސަތަކަށް އިލެކްޝަންސް އިން ހުރަސް އަޅާފައިވާ ކަމަށް ބުންޏެވެ.

އޮބްޒާވަރުންނާއި މޮނީޓަރުންނަށް ވާން އެދި އިލެކްޝަންސް އަށް ފޯމް ހުށަހަޅަންޖެހޭނީ ފޯމަކުން އިންޓަނެޓުގެ ޒަރިއްޔާއިން ކަމަށާއި ނަމަވެސް މުއްދަތު ހަމަވެގެން ދިޔައިރު ވެސް އެ ކޮމިޝަންގެ ސާވާ ބިޒީވެ، ކޮމިޝަނުން އެދުނުގޮތަށް އިންޓަނެޓުގެ ޒަރިއްޔާއިން ހުށަހަޅަން ހުރަސްތަކެއް ކުރިމަތިވިކަން އެމްޑީޕިން ފާހަގަކުރި އެވެ.

"މިކަމުގެ ސަބަބުން އޮބްޒާވަރުންނާއި އަދި މޮނީޓަރުންގެ ނަންތައް ހުށަހެޅުމުގެ ފުރުސަތު އެތަކެއް ކެންޑިޑޭޓުންނަށް ގެއްލިގޮސްފައިވާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. އަދި މިއީ އިލެކްޝަންސް ކޮމިޝަނުން އެ ފުރުސަތަށް ހުރަސް އެޅުމަށް ހީލަތްތެރިކަމާ އެކު ހިންގި އަމަލެއް ކަމަށް ދެކެމެވެ. އަދި މި ޝަކުވާތަކާ ގުޅިގެން، އިންޓަނެޓުގެ ޒަރިއްޔާއިން ނޫންގޮތަށް ވެސް ހުށަހެޅިދާނެ ކަމަށް އެ ކޮމިޝަނުން ސިޔާސީ ޕާޓީތަކަށް ސިޓީއަކުން އަންގާފައި ވަނީ ވެސް އެ މުއްދަތު ހަމަވަނިކޮށް ހުކުރު އަދި ހޮނިހިރު ބަންދަކާ ދިމާކޮށެވެ،" އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.

ބަޔާނުގައި ބުނެފައިވާ ގޮތުގައި އެފަދަ ކަންތައްތަކުގެ ސަބަބުން ސިޔާސީ ޕާޓީތަކާއި ކެންޑިޑޭޓުންނާއި މީޑިއާގެ ފަރާތްތަކަށް ވޯޓު ގުނާއިރު ހާޒިރުވެ ތިބުމާއި އަދި ނަތީޖާ ލިިޔެ ބެލެހެއްޓުމަށް ގާނޫނާ ހިލާފަށް ހުރަސްއެޅިގެންދެ އެވެ. އެހެންކަމުން އެގޮތަށް ކަންތައްތައް ކުރުން ވަގުތުން ހުއްޓާލުމަށާއި ރައްޔިތުންނަށް މިނިވަންކަމާއި އިންސާފުވެރިކަމާއެކު ވޯޓު ލުމުގެ ހައްގު ފުރިހަމައަށް އަދާކުރަން ސަރުކާރަށާއި އިލެކްޝަންސް ކޮމިޝަނަށް އެމްޑީޕީން ވަނީ ގޮވާލައިފަ އެވެ.