ވާރިސުން ބޭނުންވަނީ މަރަށް މަރު ހިފަން ކަމަށް ވާތީ އިއުތިރާފް އެއްބަސްވުމެއް ސާލިމާ އެކު ނުހަދަން ނިންމާފައިވާ ކަމަށް ދައުލަތުން ބުނި. ސާލިމް ވަނީ ކުށަށް މާފަށް އެދިފައި.
ޝާ އަލޮމް މިއާ (ސާލިމް): އޭނާ ވަނީ ކުށަށް އިއުތިރާފްވެފައި
19 ޖެނުއަރީ 2022 - 11:02
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އދ. ދަނގެތީގައި އެ ރަށު ވިޔަފާރިއެއް ކަމަށްވާ މަހްމޫދު އަބޫބަކުރު މަރާލި މައްސަލާގައި ހައްޔަރުކުރި ބަންގްލާދޭޝް މީހާ ކަމަށްވާ ޝާ އަލޮމް މިއާ (ސާލިމް) ގެ މައްޗަށް އުފުލާފައިވާ ގަސްތުގައި މީހަކު މެރުމުގެ ދައުވާ އާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ދައުވާ އަށް އޭނާ ޝަރީއަތުގައި އިއުތިރާފްވެއްޖެ އެވެ.
ސާލިމްގެ އިއުތިރާފަށް ފަހު، އޭނާ އަށް ދައުލަތުން ހަމަޖައްސައިދީފައިވާ ވަކީލް މަޖީދު އަލީ ވިދާޅުވީ ސާލިމް ވަނީ މިއީ ޝައިތޯނާ ބޮލަށް އެރިގެން ކުރެވުނު އަމަލެއް ކަމަށާއި އެކަމަށް މާފަށް އެދޭ ކަމަށް ތަހުގީގުގައި ސާލިމް ބުނެފައިވާ ކަމަށެވެ. އެހެންވެ މި މައްސަލާގައި އިއުތިރާފް އެއްބަސްވުމަކަށް އެދިފައި ވާނެ ކަމަށް ވިދާޅުވި އެވެ.
މި މައްސަލާގައި މިއަދު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ދައުލަތުން ދައުވާ އިއްވުމުން، ތަރުޖަމާނެއްގެ އެހީގައި ވާހަކަ ދައްކަމުން ބުނީ ތަހުގީގުގައި އިއުތިރާފްވި ގޮތަށް މިހާރު ވެސް އިއުތުރާފްވާ ކަމަށާއި އިތުރަށް ދައްކާނެ ވާހަކައެއް ނެތް ކަމަށެވެ. އަދި ދައުވާގައި، ސާލިމާ ދެކޮޅަށް ހުރި ހުރިހާ ވާހަކަތަކަށް އޭނާ އެއްބަސްވި އެވެ.
ދައުވާ ލިބޭ ފަރާތަށް އޮތް ހައްގުތައް އިސް ގާޒީ އަހްމަދު ޝަކީލް ސާފުކޮށްދެއްވުމުން ސާލިމް ބުނީ އަމިއްލަ އަށް ވަކީލެއް ހަމަޖައްސަން ފައިސާ ނެތް ކަމަށާއި ދައުލަތުން ހަމަޖައްސާފައިވާ ވަކީލާ އެކު ކުރިއަށް ދާން ބޭނުންވާ ކަމަށެވެ. މިގޮތަށް އެއްބަސްވަނީ އެއްވެސް މަޖުބޫރީ ހާލަތެއް އޮވެގެންތޯ އެހުމުން ބުނީ އޭނާ ކުށްތަކަށް އިއުތިރާފް ވަނީ އެއްވެސް މީހަކު އެގޮތަށް ބުނެގެން ނޫން ކަމަށާއި މިއީ އަމިއްލަ ނިންމުމެއް ކަމަށެވެ.
ސާލިމް (ހުދު ގަމީހެއްގައި) ގޮވައިގެން ފުލުހުން މިއަދު ދަނގެތީގެ މަގެއްގައި ހިނގާފައި ދަނީ.---ފޮޓޯ: ނިޝާން އަލީ/ މިހާރު
ސާލިމްގެ ދިފާއީ ވަކީލް މަޖީދު އަލީ ވިދާޅުވީ ސާލިމް އައީ ތަހުގީގު މަރުހަލާއިން ފެށިގެން ވެސް އިއުތުރާފްވަމުން ކަމަށާއި ސާލިމް ބޭނުންވާ ނަމަ އޭނާ ހުންނެވީ ޝަރީއަތުގައި ވެސް އޭނާ އަށް އެހީވާން ތައްޔާރަށް ކަމަށެވެ.
މި މައްސަލާގައި އިއުތިރާފް އެއްބަސްވުމެއް ހަދަން ހުށަހަޅާފައިވާ ވިޔަސް ދައުލަތުގެ ވަކީލް އައިޝަތު މުނާ ޝަމީމް ވިދާޅުވީ މިއީ މަރުގެ މައްސަލައެއް ކަމަށް ވާތީ އެކަމުގައި ވާރިސުންގެ ބަސް ހޯދި އިރު، ސާލިމްގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ މަރަށް މަރު ހިފަން ބޭނުންވާ ކަމަށް ހުރިހާ ވާރިސުން ވެސް ބުނެފައިވާ ކަމަށެވެ. އެހެން ސާލިމާ އެކު އިއުތިރާފްގެ އެއްބަސްވުމެއް ނުހަދަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.
ދިފާއީ ވަކީލް ވިދާޅުވީ މި މައްސަލާގައި ވެސް އިއުތިރާފް އެއްބަސްވުމެއް ހެދުމުގެ އިހްތިޔާރު އޮންނާނެ ކަމަަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އިއުތިރާފްވެ ސާލިމް ވަނީ އެއީ ޝައިތާނާ ބޮލަށް ވަދެގެން ކުރެވުނު ކަމެއްގެ ގޮތުގައި ދެކޭ ކަމަށާއި ކުރެވުނު ކުށް ގަބޫލުކޮށް މާފަށް އެދިފައި ކަމަށް ވަކީލް ވިދާޅުވި އެވެ.
ދައުވާގައި ބުނެފައި ވަނީ ސާލިމް މަހްމޫދު މަރާލީ ވަޅިންނާއި ކޮޅު ތޫނުކޮށްފައިވާ ދެ ދަގަނޑުބުރިން މަހްމޫދުގެ މެޔާއި ކަރަށް ހަމަލާދީގެން ކަމަށެވެ. މަހްމޫދުގެ ހަށިގަނޑުގެ ބޮލާއި ފަޔަށް ގޯންޏެއް ލައްވައިގެން ގެންގޮސް ފެންވަޅަކަށް ބޯކޮޅުވަތަށް ވައްޓާލި ކަމަށެވެ. މި ކަންކަމަށް ސާލިމް އިއުތިރާފް ވިޔަސް ދައުލަތުން އެދުނީ މިއީ މަރުގެ މައްސަލައަކަށް ވާތީ ހެކި ހުށަހަޅަން ބޭނުންވާ ކަމަށެވެ. ދައުލަތުގެ މި ހުށަހެޅުމާ ގުޅިގެން ސާލިމްގެ ވަކީލް ވިދާޅުވީ ކުށަށް އިއުތިރާފް ވުމުން އަމަލުކުރާނެ ގޮތް ޖިނާއީ އިޖުރާއާތުގެ ގާނޫނުގައި އެބަ އޮތް ކަމަށާއި އެހެންވެ ދެން ބާއްވަން ޖެހޭނީ އަވަސް ނިއާގެ ޝަރީއަތެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. ސާލިމް އިއުތިރާފުން ރުޖޫއަވާ ހާލަތުގައި ދެން އަމަލުކުރެވޭނެ ގޮތް ވެސް އެބަ އޮތް ކަމަށާއި އެހެންވެ އިއުތިރާފުވުމުން ވެސް ހެކި ހުށަހަޅައިގެން ކުރިއަށް ގެންދިއުން އެއީ ގާނޫނުގައި ނެތް ކަމެއްގެ ތެރެއަށް ވަނުން ކަމަށެވެ.
މައްސަލަ ބައްލަވާ ގާޒީ ޝަކީލް ވެސް ވިދާޅުވީ ދެން މި މައްސަލަ ކުރިއަށް ގެންދަން ޖެހޭނީ އަވަސް ނިއާގެ މައްސަލައެއްގެ ގޮތުގައި ކަމަށެވެ. އެހެންވެ މި މަހުގެ 26 ވަނަ ދުވަހުގެ ހެނދުނު 9:30 އަށް ޝަރީއަތުގެ އަޑުއެހުމެއް ހަމަޖެއްސެވުމަށް ފަހު މިއަދުގެ އަޑުއެހުން ނިންމަވާލެއްވީ އެވެ.
ފުލުހުން ބުނެފައިވަނީ، ދަނގެތީގައި އުމުރުން ދުވަސްވީ މީހަކު ބަލަން ގެނެސް ހުރި ސާލިމް، މަހްމޫދަށް ހަމަލާދީ މަރާލީ އޭނާ އަތުން ފައިސާ ހޯދަން އުޅުމުގެ ތެރޭގައި ކަމަށެވެ. މަރާލުމަށް ފަހު ހަށިގަނޑު އެއްލާލާފައި އޮތީ ފަޅު ގެއެއްގައި ހުންނަ ވަޅެއްގެ ތެރޭގަ އެވެ. މަހްމޫދު މަރާލީ ސާލިމް އުޅޭ ގެޔަށް ރޭނގަނޑުގެ ވަގުތެއްގައި ގެންގޮސް، ވަޅިން ހަމަލާ ދީގެންނެވެ. އޭނާގެ ހަށިގަނޑު ވަޅަށް ވައްޓާލާފައި އޮތީ ގޯންޏަކަށް ލުމަށް ފަހުގަ އެވެ. މި ހުރިހާ ކަމެއް ވެސް ސާލިމް ކުރީ އެކަނި ކަމަށާއި މި ކަމުގައި އިތުރު މީހެއްގެ ބައިވެރިވުން އޮތްކަން އެނގެން ނެތް ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
Copyright © 2022 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝަފީރު
20 January 2022
މީނަ ރަށުގައިއުޅުނުއިރު ޝައިތާނާގެ ވަސްވާހުގައި ޖެހިގެން ކިތައް މީހުންމަރާލިބާ
އެމްސް
20 January 2022
މިފަހަރުވެސް ބޮންދު ދޫވަނީބާ، ޝައިޠޯނާއަށް ޙުކުމް އައިއްސަ!
ހަަންކެޑޭ
20 January 2022
އަދިވެސް މަހްމޫދު އަތުން ފައިސާ ބޭނުންވީ ކީއްވެކަމެއް ނޭންގެ.
ރަޔާން
19 January 2022
ހިސާބު ބައްލަވާ ދުވަހުވެސް ކަލެއަށް ތިހެން ބުނެލާފަ ރައްކާ ވެވިދާނެތަ؟ ދަންނާށޭ ދަންނާށޭ ، ބަންގާޅީ ދަންނާށޭ ، ގެއްލި ނިމޭ ގޮތް ހެއްލުން ޝައިތާނީ ހައިވާނީ ، އޭދަންނާށޭ ދަންނާށޭ.
ވަރައް ސާފު
19 January 2022
މީހުންމެރުންވެސް ގޯސް. ހިސާބު ބައްލަވާދުވަހު އެކަންކުރާ މީހުންގެ ފާފަތައް ނުފުހެވިއްޖާ ސަލާމަތެއްނުވާނެ. މީހުން ނުމަރާމީހުނައްވެސް އެދުވަހުން ސަލާމަތް ނުވެވޭނެ ބައިވަރު ކަންކަންހުރޭ. އެދުވަހުން ސަލާމަތް ނުވެވޭނެ ކަންކަން އެދުވަހުގަ ކުޑަކަމަކައްވެސް ނުވާނެ އެކަމަކީ ދުނިޔެމަތީގަ ވަރައް ކުޑަކަމެއްކަމައް ނުވަތަ އެއްވެސް ކަމެއްނޫންކަމައް މީހުނައް ހީވާކަމެއްވިޔަސް.
ޣުއި ފާތުމަ
19 January 2022
ޒަމް އޭނާގެ ބޮލުން ސައިތޯނު ނެރެދީބަލަ
ވަރައް ހެއްވާ
19 January 2022
ފުލުހުންނަކީ ވަރައްމޮޅު ގަދަބައެއް. ފުލުހުންދެކެ އެންމެ ރުޅިއަންނަމީހާ މާދަމާ ކަނޑުވިޔަސް ސަލާމަތްކުރަންވެސް އެމީހުންދާނެ. އެކަމް ބޮޑެތި ކަންކަން ތަހުގީގުކޮއް ކަންކަމުގެ ހަގީގަތް ހޯދާގޮތާމެދު ސުވާލު އުފެދޭ. ފުލުހުން އެކިމައްސަލަތަކުގަ ދައްކާފަހުރި ވާހަކަތަކުން ވެސް އެކަން އެނގޭނެ.
އަސްލަމްބާއީ
19 January 2022
އެއްބަސްވުމެެއް ނަހަދާ ކަމަކު ނުދާނެ. މިހާރުގެ ޓްރެންޑަކީ ކުށްވެރިންނާ އެކު އެއްބަސްވުން ހެދުން. ދުވަސްކޮޅެއް ކޮށްލައިފާ ދޫކޮށްލައި އަނެކަކު މަރާލަން ބަހައްޓަން ވާނީ. އަނެއްކާ ހިއުމަންރައިޓްސް ކޮމިޝަން ކޮބައިބާ؟ ވާރިސުންގެ ނިންމުން ބަދަލު ކުރަން ނުބުނާނެބާ؟
2ވަނަފަހަރު
19 January 2022
ޝައިތޯނާ ބުނެގެން ކަމެއް ކުރި ކަމަށް މިއީ މީހަކު ބުނި 2 ވަނަ ފަހަރު ފަހަކަށް އައިސް. ޝައިތޯނާ މާ ބޮޑަށް އެކްޓިވްވަނީހެން ހީވަނީ މިހާރު.
ކޮބާތަ
19 January 2022
މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ދައުވާގެ މާނައަކީ ކޮބައިތަ؟
ބައި
19 January 2022
މަރުވެފައި އޮތް މީހެއްގެ ކަށް، ގޯންޏަކަށް ލައިގެން ވަޅަށްލުން. އެއީ މަރުވެފައި އޮންނަ މީހާގެ ބޭނުން ނުހަމަ ގޮތުގަައި ހިފުން.
ޏަތިސް
19 January 2022
ޢެއީ މިހަކު މަރާލުމަށް މައްޔިތާއަށް ކުރާ ކަންކަން. ރާއްޖޭގައި އެކަން އޮންނަ ގޮތެއް ނޭންގޭ
ނިކަމެތިރައްޔިތުމީހާ
19 January 2022
އަދި ވެސް ޖަވާބު ނުލިބޭ ސުވާލެއް އެބައޮތް! ކީއްކުރަންތޯ މަހުމޫދު ސާލިމު އުޅުނު އެކަނިވެރި ގެޔަށް ރޭގަނޑު އެގަޑީގަ ދިޔައީ؟ މަހުމޫދު ދިޔައީ ސާލިމަށް ދޭންޖެހޭ ފައިސާއެއް ދޭންތޯ؟ ނުވަތަ ރައްޓެއްސަކަށް ވީމަ ވާހްކަ ދައްކާލަންތޯ؟
ދުރުމި
19 January 2022
އެންމެ މުހިންމު ސުވާލު ތިޔައީ.