އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލެއްވީ ހަސަން ލަތީފް އެކަނި

އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު އިއްޔެ ހަމަވި އިރު، އެ މަގާމަށް ކުރިމަތިލެއްވީ ކުރީގެ ޔޫތު މިނިސްޓަރު ހަސަން ލަތީފް އެކަނި ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.


ރާއްޖޭގެ އެންމެ ބޮޑު އެއް ޕާޓީގެ ޗެއާޕަސަން ކަމުގެ މަގާމް ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި އަދި މިހާރު އިނގިރޭސި ވިލާތުގައި ދިރިއުޅުއްވަމުން ގެންދަވާ އަލީ ވަހީދު އިސްތިއުފާ ދެއްވުމުންނެވެ.

އެމްޑީޕީން ބުނީ ހަސަން ލަތީފް އެކަނި ކުރިމަތިލެއްވިޔަސް ފެބްރުއަރީ 5، 2017 ގައި އިންތިހާބު އޮންނާނެ ކަމަށެވެ. އެއީ ޗެއާޕާސަންގެ މަގާމަށް އިންތިހާބުވާނީ ވަކި ވަރަކަށް ވޯޓު ލިބިގެން ކަމަށް ވާތީ އެވެ.

"މިހާރު"އާ ވާހަކަ ދައްކަވަމުން ހަސަން ލަތީފް ކުރިން ވިދާޅުވެފައިވާ ގޮތުގައި ޗެއާޕާސަންގެ މަގާމަށް ކުރިމަތިލެއްވީ އެމްޑީޕީގެ ލީޑާޝިޕާ އެކީގައި ވީހާ ވެސް ކައިރިން މަސައްކަތް ކުރެއްވުމުގެ ޝައުގުވެރިކަން ހުރީމަ އެވެ.

މަގާމަށް އިންތިހާބުވެވަޑައިގެންފި ނަމަ، ޕާޓީގެ އިދާރީ އެންމެހާ ކަންކަން ފުރިހަމަކޮށް، ސިޔާސީ ކަންކަން ހިންގުމަށް މަގު ފަހިކޮށްދިނުމަކީ އަމާޒެއް ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

ރައީސް މުހައްމަދު ނަޝީދު ސަރުކާރުގައި މިނިސްޓަރުކަން ކުރެއްވި ހަސަން ލަތީފަކީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރެވެ. އަދި އެ ޕާޓީގެ އިސްތިއުނާފު ފަނޑިޔާރު މަޖިލީހުގެ މެމްބަރުކަމުގެ އިތުރުން އިދިކޮޅު އިއްތިހާދުގެ ހިޔަނި ކެބިނެޓުގެ ސިވިލް ރައިޓްސް މިނިސްޓަރަކީ ވެސް އޭނާ އެވެ.

ހަސަން ގާނޫނީ ރޮނގުން މަތީ ތައުލީމް ހާސިލްކުރެއްވީ އިނގިރޭސި ވިލާތުގަ އެވެ. ރައީސް ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ވެސް އޭނާ ހިމެނިވަޑައިގަންނަވަ އެވެ.