އިސްތިއުނާފް މައްސަލަ ނަގައި، އިންތިހާބުގެ ތާރީޚު އަލުން އިއުލާންކުރަން ލަފާ ދީފި

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ދެ މަހަށް ފަސްކުރަން ސިވިލް ކޯޓުން ކުރި އަމުރު އިސްތިއުނާފްކުރަން އިލެކްޝަންސް ކޮމިޝަނުން ހައި ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ނެގުމަށް ފަހު އިންތިހާބު އޮންނާނެ ތާރީހެއް އަލުން އިއުލާންކުރަން، ގައުމީ ލަފާ ދޭ ކޮމެޓީން، މިއަދު އިލެކްޝަންސް ކޮމިޝަނަށް ލަފާދީފި އެވެ.


އޭގެ އިތުރުން ކުރިން އިންތިހާބު ބާއްވަން އޮތް ތާރީޚު ކަމަށްވާ ޖެނުއަަރީ 14 ގައި އެ އިންތިހާބު ނުބޭއްވޭނެ ކަމަށް ކޮމިޝަނުން މިއަދު ވަނީ ސިޔާސީ ޕާޓީތަކަށް އަންގައިފަ އެވެ. ސިވިލް ކޯޓުގެ އަމުރު އެގޮތަށް އޮތަަސް މީގެ ކުރިން އެ ކޮމިޝަނުން ބުނަމުން އައީ އެ ތާރީޚުގައި އިންތިހާބު ބާއްވާނެ ކަމަށެވެ.

އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ބުނީ، ޖެނުއަރީ 14 ގައި އިންތިހާބު ނުބޭއްވޭނެ ކަމަށް ކޮމިޝަނުން ބުނަނީ، ކެންޑިޑޭޓުންގެ ނަންތައް އިއުލާކޮށް، ކެމްޕޭންކުރަން 28 ދުވަސް ދޭން ޖެހޭނެ ކަމަށް ގާނޫނުގައި ބުނާ މުއްދަތު ނުދެވި، ގާނޫނީ އިތުރު މައްސަލަތަކެއް ދިމާވެދާނެތީ ކަމަށެވެ.

ކައުންސިލްތަކުގެ އިންތިހާބު ފަސްކުރަން ސިވިލް ކޯޓުން އަމުރުކުރީ ޕީޕީއެމްގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ބޭނުންވެގެން ކޯޓަށް ހުށަހަޅައި މައްސަލައެއްގަ އެވެ.

އެ އަމުރު އިލެކްޝަންސް ކޮމިޝަނުން އިސްތިއުނާފްކުރިޔަސް އެތައް ބައެއްގެ ހައްގާ ގުޅިފައިވާ މި މައްސަލައިގެ އިސްތިއުނާފްގެ އަޑުއެހުންތައް ހައި ކޯޓުގައި އަދި ނުފަށަ އެވެ. ހައި ކޯޓު މިހާރު އޮތީ ރިސެސްގަ އެވެ. އެކަމަކު މުހިންމު މައްސަލަތައް ކޯޓުތަކުގައި ކުރިއަށް ގެންދެ އެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވީ ސިޔާސީ ޕާޓީތަކާއި އިންތިހާބާ ގުޅޭ ދައުލަތުގެ މުއައްސަސާތައް ހިމެނޭ ގޮތަށް އެކުލަވާލާފައިވާ ގައުމީ ލަފާދޭ ކޮމެޓީއާ އެކު ކޮމިޝަނުން މިއަދު ބޭއްވި ބައްދަލުވުމުގައި، އިންތިހާބު ނުބާއްވައި ދިގުލައިގެންދާ މައްސަލާގައި އެ ކޮމެޓީން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ. އެކަމަށް ހައްލެއް ހޯދަން، ހައި ކޯޓުގެ މައްސަލަ އަނބުރާ ނެގުމަށް ފަހު އިންތިހާބުގެ ތާރީހު އަލުން އިއުލާންކޮށްދޭން ކޮމެޓީން އެދިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިލެކްޝަންސް ކޮމިޝަނުން އިންތިހާބުގެ ހުރިހާ ކަމެއް މި ގެންދަނީ ގައުމީ ލަފާ ދޭ ކޮމެޓީގެ މަޝްވަރާއާ އެކު. ބައްދަލުވުމުގައި އަޅުގަނޑުމެން ދެންނެވިން އެ ހުށަހެޅުމަށް ކޮމިޝަނުން ވިސްނައި ގޮތެއް ނިންމާނެ ކަމަށް،" އަކްރަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސިވިލް ކޯޓުގެ ހުކުމުގައި ސާފުނުވާ ކަންކަން ހުރި ކަމަށް އިލެކްޝަންސް ކޮމިޝަނުން އިސްތިއުނާފްކުރި މައްސަލާގައި ވެސް ފާހަގަކޮށްފައިވާނެ އެވެ. އެ އަމުރުގައި ސާފުނުވާ ކަންކަމަށް ގާނޫނީ ހައްލެއް ހޯދައިގެން އިންތިހާބު އަލުން އިއުލާންކުރަން ލަފާ ދީފައިވާ ކަމަށާއި އެކަންކަމާ މެދު ކޮމިޝަނުގެ ބައްދަލުވުމެއްގައި ގޮތެއް ނިންމާނެ ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.

ކައުންސިލްތަކުގެ އިންތިހާބު ލަސްކުރާ މައްސަލާގައި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ކައުންސިލްތަކުގެ އިންތިހާބު ލަސްކުރަން ކުރި ކޯޓުގެ ހުކުމުގައި ވަނީ ޕީޕީއެމަކީ ރާއްޖޭގެ އެންމެ ބޮޑު ޕާޓީ އަށް ވާއިރު، އެ ޕާޓީ އަށް ދިމާވި މައްސަލަތަކުގެ ސަބަބުން އިންތިހާބަށް ތައްޔާރުވުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށެވެ.

ޕީޕީއެމަށް ބައިވެރިނުވެވޭ ފަދަ ގޮތަކަށް އިންތިހާބު ބޭއްވުމަކީ ޑިމޮކްރަސީގެ އުސޫލުތަކާ ހިލާފް ކަމެއް ކަމަށާއި އޭގެ ސަބަބުން ދައުލަތުގެ އާންމު މަސްލަހަތަށް ގެއްލުންވުމުގެ ފުރުސަތު އޮތް ކަމަށް ވެސް ހުކުމުގައިވެ އެވެ.