އިންތިހާބު ލަސްކުރާކަށް ލަފައެއް ނުދެން، ބޭނުންވަނީ ވީހާ ވެސް އަވަހަކަށް އިންތިހާބު ބާއްވަން: ޖޭޕީ

ލޯކަލް ކައުންސިލް އިންތިހާބު ލަސްކުރަން އިލެކްޝަންސް ކޮމިޝަނުގައި އެދިފައި ނުވާނެ ކަމަށާއި ބޭނުންވަނީ ވީހާވެސް އަވަހަކަށް އިންތިހާބު ބާއްވަން ކަމަށް ޖުމްހޫރީ ޕާޓީން މިއަދު ބުނެފި އެވެ.


ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ދެ މަހަށް ފަސްކުރަން ސިވިލް ކޯޓުން ކުރި އަމުރު އިސްތިއުނާފްކުރަން އިލެކްޝަންސް ކޮމިޝަނުން ހައި ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ނަގަން ގައުމީ ލަފާ ދޭ ކޮމެޓީން، އިލެކްޝަންސް ކޮމިޝަނަށް މިއަދު ވަނީ ލަފާދީފަ އެވެ. ކޮމިޝަނުން ބުނީ، އެ އިންތިހާބުގެ މައްސަލަ އިސްތިއުނާފުކުރަން ހުށަހެޅި މައްސަލަ އަނބުރާ ނެގުމަށްފަހު، އަލުން އިންތިހާބު ބާއްވާނެ ތާރީހެއް އިއުލާނުކުރަން ކޮމެޓީން ލަފާދީފައިވާ ކަމަށެވެ.

"މިހާރު"އާ ވާހަކަދައްކަވަމުން ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ، ސިޔާސީ ޕާޓީތަކާއި އިންތިހާބާ ގުޅޭ ދައުލަތުގެ މުއައްސަސާތައް ހިމެނޭ ގޮތަށް އެކުލަވާލާފައިވާ ގައުމީ ލަފާދޭ ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި ޖޭޕީގެ މަންދޫބަށް ބައިވެރިވެވަޑައިނުގެންނެވުނު ކަމަށެވެ. ނަމަވެސް އިންތިހާބު ލަސްކުރަން ޖޭޕީން ވެސް ލަފާދީފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ކަމަށާއި އެއީ ދޮގު މައުލޫމާތެއް ކަމަށް ސަމީރު ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީން އަބަދު ވެސް ކޯޓުގެ ހުކުމްތަކާއި ގާނޫނުތަކަށް އިހުތިރާމް ކުރާނެ ކަން ސަމީރު ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން އަބަދު ވެސް ތާއީދުކުރަމުން އައީ ގާނޫނުގައި ބުނާ މުއްދަތުގައި އިންތިހާބު ބާއްވަން. އަދި އިންތިހާބު ލަސްކުރަން ސިވިލް ކޯޓުން އަމުރު ނެރެފައި އޮއްވައި ވެސް އިލެކްޝަންސް އިން ބުނަމުން އައީ ޖެނުއަރީ 14 ވަނަ ދުވަހު އިންތިހާބު ބާއްވަން މަސައްކަތް ކުރަމޭ. އެއީ އަޅުގަނޑުމެން ގަބޫލުކުރާ ކަމެއް ނޫން. ކޯޓުތަކުގެ އަމުރަށް އިހުތިރާމްކުރަން ޖެހޭނެ،" ސަމީރު ވިދާޅުވި އެވެ.

ސަމީރު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބަށް ޖުމްހޫރީ ޕާޓީން އަންނަނީ ތައްޔާރުވަމުން ކަމަށާއި، އިންތިހާބު ފަސްކުރުމުން، އިންތިހާބާމެދު އާއްމުން ދެކޭގޮތް ބަދަލުވާނެ ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ފަރާތުން ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރަން 100 ކެންޑިޑޭޓުުންގެ ފޯމު އިލެކްޝަންސް އަށް ހުށަހެޅި ކަމަށާއި ނަމަވެސް ތަފާތު އެކި ސަބަބުތަކާހެދި، ހަތަރު ފޯމެއް އެ ކޮމިޝަނުން ބަލައިގެންފައިނުވާ ކަމަށް ސަމީރު ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ފަރާތުން ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވަން ޕްރައިމަރީއެއް ބާއްވާކަށް ނުޖެހެ އެވެ. އެއީ ޕްރައިމަރީއެއް ބާއްވަން ޖެހޭ ވަރަށް މީހުން ކުރިމަތިލާފައިނުވާތީ ކަމަށް ޖޭޕީން ބުންޏެވެ.