ފްލެޓްތަކުގެ ފެންވަރު ދަށް ކަމަށް ބުނެ ގިނަ ބައެއްގެ ޝަކުވާ

ކުރީގެ އަރަބިއްޔާ ސްކޫލާއި ގާކޮށި ހުރި ބިމުގައި އިންޑިއާގެ ޓާޓާ ހައުސިން އިން އިމާރާތްކުރި ފްލެޓްތައް ލިބުނު މީހުންނަށް އެ ތަންތަން ފުރަތަމަ ފަހަރަށް ދައްކާލައިފި އެވެ. އެކަމަކު ގިނަ މީހުން ބުނަނީ ފްލެޓްތަކުގެ ފެންވަރު ހީކުރި ވަރަށް ވުރެ ދަށް ކަމަށެވެ.


މިހާރު މުޅިން ނިމިފައިވާ މި ފްލެޓްތައް މީހުންނަށް ދައްކާލަމުން ދަނީ ކޮންމެ ދުވަހަކު ވެސް ވަކި ބަޔަކަށެވެ. ފްލެޓްތައް ލިބުނު މީހުންނަށް، އެ މީހުންގެ ފްލެޓް ދައްކާލި އިރު ގިނަ ބަޔަކު ބުނަނީ އެ ތަން ހަދާފައިވަނީ ބާޒާރުން ލިބެން ހުރި އެންމެ އަގު ހެޔޮ އެއްޗެހި ބޭނުންކޮށްގެން ކަމަށެވެ.

"މި ތަނުގައި ދިރިއުޅެން ފަށާތާ މާގިނަ ދުވަހެއް ނުވެ، ފާހާނައިގައި ހުރި ތަށިމުއްޓާއި ތައްޓާއި ޝަވަރު ކަހަލަ އެއްޗެހި ބަދަލު ކުރަން ޖެހޭނެ. ބަލައިލާއިރު ހީވަނީ މިއީ ބާޒާރުގައި ހުރި އެންމެ އަގު ހެޔޮ ތަކެތި ހެން،" ފްލެޓް ލިބުނު މީހަކު ބުންޏެވެ.

ޓާޓާ ފްލެޓެއްގެ ފާހާނާ ތެރެ: މިތަނުގެ ފެންވަރު ދަށް ކަމަށް ބުނެ ބައެއް މީހުން ދަނީ ޝަކުވާ ކުރަމުން

އެހެން މީހަކު ބުނި ގޮތުގައި އިމާރާތުގެ ބެލްކަނި ތަންކޮޅެއް ތިރި އެވެ. އަދި އެއީ އެ ތަނުގައި ދިރިއުޅޭ ކުޑަކުދިންނަށް އެންމެ ރައްކާތެރި ގޮތަށް ނުވެދާނެ ކަމަށާއި އެކަން، ގިނަ ބަޔަކު ފާހަގަ ކުރި ކަމަށް އޭނާ ބުންޏެވެ.

"އެހެންވެ އުހުން ފްލެޓް ލިބުނު މީހުން ބޭނުންވި ތިރިން ލިބުނު މީހުންނާ ފްލެޓް ބަދަލު ކުރަން ވެސް. އަޅުގަނޑުމެން އުއްމީދު ކުރަން މި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދީފައި ނޫނީ ފްލެޓް ހަވާލު ނުކުރާނެ ކަމަށް،" އޭނާ ބުންޏެވެ.

އެންމެ ކުޑަ އިންޓަރެސްޓާ އެކު ވެސް، ޓާޓާ ފްލެޓަކަށް 20 އަހަރުގެ ތެރޭގައި އިންޓަރެސްޓާ އެކު 3.4 މިލިއަން ރުފިޔާ ދައްކަން ޖެހެ އެވެ.

ފްލެޓްގެ އެތެރެ އާއި ބެލްކަނި: ބެލްކަނި މާ ތިރި ކަމަށް ބައެއް މީހުން ބުނާއިރު ފްލެޓް އިމާރާތް ކުރުމަށް ބޭނުން ކޮށްފައިވާ ތަކެތީގެ ފެންވަރު ދަށް ކަމަށް ބައެއް މީހުން ބުނޭ

މިހާރު ގިނަ ބައެއްގެ ޝަކުވާއަކަށް ވެފައި އޮތީ ފްލެޓް ހޯދުމަށް ނަގަން ޖެހޭ ލޯނު ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނުނެގިދާނެ ކަމުގެ އެވެ. ލޯނުގެ ކަންކަން ހަމަޖެއްސިކަމުގެ ލިޔުން އަންނަ މަހުގެ 26ގެ ކުރިން ހުށަހަޅަން ޖެހޭ އިރު ލޯނު ނެގެނީ ޑައުންޕޭމަންޓުގެ ގޮތުގައި ހަތަރު ލައްކަ ރުފިޔާ ދައްކައިގެންނެވެ.

އެކަމަކު އެ ހަތަރު ލައްކަ ރުފިޔާ، ކުރު މުއްދަތެއްގެ ތެރޭގައި ނުހޯދޭނެ ކަމަށް ބުނެ ފްލެޓް ލިބުނު ގިނަ ބަޔަކު އަންނަނީ ޝަކުވާ ކުރަމުންނެވެ. އަދި ފައިސާ ދެއްކުމަށް ފަސޭހަ ގޮތެއް ހޯދައިދިނުމަށް އެދި، ސަރުކާރުގެ ހަތަރު އިދާރާއެއްގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަނަށް އެ މީހުން ވަނީ ޕެޓިޝަނެއް ހުށަހަޅާފަ އެވެ.

ފްލެޓް ލިބި އެކަމަކު ޑައުންޕޭމަންޓު ނުދެއްކޭތީ ފްލެޓް ދޫކޮށްލަން ޖެހިދާނެ ކަމުގެ ބިރު ހީވެފައިވާ ބަޔަކު އެ މީހުންގެ އަޑު އުފުލަނީ

ފްލެޓް ލިބުނު މީހަކު ބުނީ އިމާރާތްކޮށްފައިވާ ގޮތަށް ބަލާ އިރު، އިންޓަރެސްޓާއެކު ތިން މިލިޔަން ރުފިޔާ އަށް އެ ފްލެޓް އެކަށީގެން ނުވާ ކަމަށެވެ.

"ވެދާނެ މިއީ މާލޭގެ ޕްރައިމް ސަރަހައްދެއްގައި ހުރި އަގު ބޮޑު ފްލެޓެއް ކަމަށް. ބޭރުން ބަލާލަން އިމާރާތް ވަރަށް ރީތި. އެކަމަކު ސޯޝަލް ހައުސިން ސްކީމެއްގެ ދަށުން، މި ވަރުގެ ބޮޑު ލޯނެއް ބޮލުގައި އަޅައިގެން ދިރިއުޅޭހާ ފެންވަރު ރަނގަޅުކޮށެއް ނޫން މި ތަން ހަދާފައި ވަނީ،" ފްލެޓާ ގުޅޭ ގޮތުން ޝަކުވާ ކުރި އަންހެނަކު ބުންޏެވެ.