ފުލުހެއްގެ ގައިގައި ސައިކަލަކުން ޖައްސައި ޒަހަމްކޮށްލައިފި

މާލޭގައި މިރޭ ފޯރިމަރަމުން ދިޔަ ފުލުހެއްގެ ގައިގައި ސައިކަލަކުން ޖެއްސުމުން އޭނާގެ ފަޔަށް ސީރިއަސް ޒަހަމްތަކެއް ލިބިއްޖެ އެވެ.


ފުލުހުންގެ ތަރުޖަމާނަކު ވިދާޅުވީ މިރޭ 9:45 ހާއިރު ހިނގި މި ހާދިސާގައި، ބޮޑުތަކުރުފާނު މަގުން ކަޅުތުއްކަލާ ކޮށި ކައިރީގައި ޖަހާފައިވާ ޗެކްޕޮއިންޓަކަށް މަޑުކުރަން ސައިކަލެއްގައި ދުއްވާފައި ދިޔަ މީހަކަށް އިޝާރާތް ކުރުމުން މަޑު ނުކޮށް، އެ ތަނުގައި ހުރި ފުލުހެއްގެ ގައިގައި ޖައްސާފައިވާ ކަމަށެވެ. އޭނާ ވަގުތުން އެ ސަރަހައްދުން ފިލާފައިވާ ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ.

"އެ މީހާ ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން،" އޭނާ ވިދާޅުވި އެވެ.

މި ހާދިސާގައި ޒަހަމްވި ފުލުސް މީހާ ވަނީ އައިޖީއެމްއެޗަށް ގެންގޮސް، ފަރުވާ ދޭން ފަށައިފަ އެވެ.

އައިޖީއެމްއެޗުގެ ޕަބްލިކް ރިލޭޝަންސް އެންޑް މީޑިއާ ޔުނިޓްގެ ޑިރެކްޓަރު އަހުމަދު މައުސޫމް ވިދާޅުވި ގޮތުގައި އެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ އުމުރުން 26 އަހަރުގެ ފުލުސް މީހާގެ ހާލު މައިގަނޑު ގޮތެއްގައި ސީރިއަސްއެއް ނޫނެވެ. އެކަމަކު، އޭނާގެ ފައިގައި ރެނދެއް ލާފައިވާ ކަމަށް މައުސޫމް ވިދާޅުވި އެވެ.

"ފައި ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށް ޑޮކްޓަރުން ވިދާޅުވަނީ. އެހެންވެ، އިމަޖެންސީގައި ފަރުމާ ދެމުން އަންނަނީ،" އޭނާ ވިދާޅުވި އެވެ.