ދެ ކުދިންގެ މަރާ ގުޅިގެން އިތުރު ކުދިންތަކެއް ހައްޔަރުކޮށްފި

ދެ ކުދިންގެ މަރާ ގުޅިގެން މިހާތަނަށް ހަ ކުޑަ ކުދިންނާއި ބޮޑު މީހަކު ވަނީ ހައްޔަރުކޮށްފައި. ވައިކަންމައްޗާއި އީގަލްސް އަށް ނިސްބަތްވާ ގްރޫޕްގެ މެދުގައި މާރާމާރީ ހިންގީ އުފެދުނު ދެބަސްވުމަކާ ގުޅިގެން ކަމަށް ފުލުހުން ބުނޭ.

މިދިޔަ ހުކުރު ދުވަހު މާލޭގައި ހިންގި މާރާމާރީގައި 14 އަހަރުގެ ދެ ކުއްޖަކު މަރާލި މައްސަލައާ ގުޅިގެން އިތުރު ހަތަރު ކުއްޖަކާއި ބޮޑު މީހަކު ހައްޔަރުކޮށްފި އެވެ. އެހެންކަމުން ހައްޔަރުކުރި ޖުމްލަ އަދަދު މިހާތަނަށް ހަތަކަށް ވަނީ އަރައިފަ އެވެ.


ފުލުހުން ހާމަކުރި މައުލޫމާތުތަކަށް ބަލާއިރު މި މައްސަލާގައި މިހާތަނަށް ހައްޔަރުކޮށްފައި ތިބީ ހަ ކުޑަކުދިންނާއި ބޮޑު މީހެކެވެ.

ފުލުސް އޮފީހުން މިއަދު ބުނީ ހައްޔަރުކުރި ބައެއް ކުދިންގެ ބަންދުގެ މުއްދަތު ކޯޓުން މިހާރު އިތުރުކޮށްދީފައިވާ ކަމަށާއި ދެން ތިބި ކުދިންގެ ބަންދާ މެދު ގޮތެއް ނިންމުމުގެ މަރުހަލާ ވެސް މިހާރު ކުރިއަށް ދާ ކަމަށެވެ.

ހައްޔަރުކުރި ކުދިންގެ އިތުރުން މިހާތަނަށް ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 18 އަހަރުން މަތީ މީހާގެ ބަންދުގެ މުއްދަތަށް މިހާރު ވަނީ 10 ދުވަސް ޖަހައިދީފަ އެވެ.

ހުކުރު ދުވަހު ހަވީރު 5:30 ހާއިރު ހިންގި މާރާމާރީގައި ކަރަށް ވަޅި ހެރުމުން މަރުވީ، ކ. ކާށިދޫ އަހްމަދު އިރުޝާނެވެ. އޭގެ ތިން ގަޑިއިރު ފަހުން ބުރަކައްޓަށް ވަޅި ހެރުމުން ފަރުވާ ދެނިކޮށް މަރުވީ މާލެ އަށް ނިސްބަތްވާ ފާތިރު މުހައްމަދެވެ.

ފުލުހުން ބުނެފައި ވަނީ މާރާމާރީގައި މަރުވި ދެ ކުދިން ވެސް އަމަލީ ގޮތުން މާރާމާރީ ހިންގަން ބައިވެރިވި ކަމަށެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ޔާގޫތުގޭ ކައިރީގައި ހިންގި މާރީގައި މީހަކު ޒަހަމްވެ ލޭ ފޭބި ތަނުގައި ފުލުހުން ހަރަކާތްތެރިވަނީ --ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

ފުލުހުން ބުނި ގޮތުގައި ހުކުރު ދުވަހު ހަވީރު މާރާމާރީ ހިންގީ ވައިކަންމައްޗާއި އީގަލްސް ގްރޫޕުންނެވެ. ފުލުހުން ނޫސްވެރިންނަށް ދެއްކި ވީޑިއޯ އިން ފެންނަ ގޮތުގައި އީގަލްސް ގްރޫޕުން ހަމަލާ ފެށީ، ވައިކަންމަތީ ކުދިން މަޖީދީ މަގުގައި ޕާކުކޮށްފައި އޮތް ޕިކަޕެއްގެ ތެރޭގައި ތިއްބަ އެވެ. އެ މާރާމާރީގައި އިރުޝާންގެ ކަރަށް ފުންކޮށް ވަޅި ހެރުމުން އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ވައިކަންމަތީ ކުދިންނެވެ.

އިރުޝާންގެ މަރުގެ ބަދަލެއްގެ ގޮތުން ފާތިރަށް ހަމަލާ ދިނީ އެ ރޭ 9:30 ހާއިރެވެ. ފާތިރު ފޯނެއްގައި ހުރެ ގޭގެ ދޮރު ހުޅުވާލުމާ އެކު ދެ މީހަކު ގޭތެރެއަށް ވަދެ ވަޅިން ހަމަލާދިނީ އޭނާގެ އަރިކައްޓަށެވެ.

ފުލުހުން ބުނި ގޮތުގައި ދެ ކުއްޖަކު މަރާލީ ހުކުރު ދުވަހުގެ ހެނދުނު އެ ދެ ގްރޫޕްގެ ދެމެދުގައި ހިނގި ހަމަނުޖެހުމަކާ ގުޅިގެންނެވެ. ނަމަވެސް ހަމަނުޖެހުން އުފެދުނީ ސީދާ ކޮން ސަބަބަކާ ހުރެ ކަމެއް ފުލުހުން އަދި ނުބުނެ އެވެ.