"ފިނިފެންމާ"ގައި އެއްޗެއް ގޮއްވާލި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި

ރިޔާސީ ލޯންޗްކޮޅި "ފިނިފެންމާ" ގައި އައިއީޑީއެއް ގޮއްވާލި މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އިތުރު ބަޔަކަށް ދައުވާކުރާ މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން މިއަދު ނިންމާލައިފި އެވެ.


މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން ދަތުރުފުޅު ކުރައްވަނިކޮށް، ލޯންޗްކޮޅުގައި ގޮއްވާލި މައްސަލާގައި އަދީބުގެ އިތުރުން ދައުވާކުރަނީ އޭނާގެ ދެ ބޮޑީގާޑުން ކަމަށްވާ އަހުމަދު އާމިރާއި ހަސަން ރިކާޒްގެ މައްޗަށެވެ. އެ ތިން މީހުންގެ މައްޗަށް ވެސް ކުރަނީ ޓެރަރިޒަމްގެ ދައުވާ އެވެ.

މައްސަލައިގެ ޚުލާސާ ބަޔާން ހުށަހެޅި އަޑުއެހުން މިއަދު ކުރިއަށް ގެންގޮސްފައިވަނީ އާންމުކޮށް ހުޅުވާ ނުލައި، ސިއްރުކޮށްގެންނެވެ. އަޑުއެހުންތައް ނިންމާލިޔަސް ހުކުމް ކުރާނެ ދުވަހެއް އިއުލާނެއް ނުކުރެ އެވެ.

ފިސްތޯލައެއް ގެންގުޅުނު މައްސަލާގައި 10 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާ އަދީބުގެ މައްޗަށް އެ ހާދިސާއާ ގުޅިގެން އިތުރު ދައުވާއެއް ވެސް ކުރެ އެވެ. އެއީ ގޮވާ އެތި ހަރުކުރުމަށްޓަކައި އޭނާ "ފިނިފެންމާ" ބޭނުންކުރި ކަމަށް ބުނެ ކުރާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އެވެ.