ކައުންސިލްތަކުގެ އިންތިހާބުގެ ތާރީހު އިއުލާން ކުރެވޭނީ ގާނޫނީ ކަންކަން ސާފުކޮށްފައި: އީސީ

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވާނެ ތާރީހު އިއުލާން ކުރެވޭނީ ގާނޫނީ ގޮތުން ސާފުކުރަން ހުރި ކަންކަން ސާފު ކުރުމަށް ފަހު ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.


ކައުންސިލްތަކުގެ އިންތިހާބު އަންނަ މަހުގެ 14 ގައި ބާއްވަން ނިންމާފައި ވަނިކޮށް ސިވިލް ކޯޓުން ވަނީ އިތުރު ދެ މަހަށް އިންތިހާބު ފަސްކުރަން އަމުރުކޮށްފަ އެވެ. ޕީޕީއެމުން ހުށަހެޅި މައްސަލައަކާ ގުޅިގެން ކުރި އެ ހުކުމް އިސްތިއުނާފް ކުރަން ހުށަހެޅުމަށް ފަހު، އިލެކްޝަންސް ކޮމިޝަނުން ވަނީ އިސްތިއުނާފް މައްސަލަ އަނބުރާ ގެންގޮސްފަ އެވެ.

އިންތިހާބު އަލުން ބާއްވާނެ ދުވަހެއް އިއުލާން ކުރެވޭނީ ކޯޓުގެ ހުކުމާ ގުޅިގެން ސާފުކުރަން ޖެހޭ ކަންކަން ސާފު ކުރުމަށް ފަހު ކަމަށް އިލެކްޝަންސް ކޮމިޝަނުން މި ބުނީ އިންތިހާބު ބާއްވާނެ ތާރީހު އިއުލާން ނުކުރާތީ އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.

"ސިވިލް ކޯޓުގެ ހުކުމާ ގުޅިގެން ގާނޫނީ ގޮތުން ސާފުކުރަން ހުރި ކަންތައްތައް ސާފު ކުރުމަށް ފަހު، އިންތިހާބުގެ ތާރީހު އަލުން އިއުލާން ކުރާނެ،" ކޮމިޝަންގެ އެދުމުގެ މަތިން "މިހާރު"ން ލިޔުމުން ފޮނުވި ސުވާލަށް އެ ކޮމިޝަނުން މިއަދު ފޮނުވި ޖަވާބުގައިވެ އެވެ.

އިސްތިއުނާފް މައްސަލަ އަނބުރާ ނެގިޔަސް، ހުކުމާ ގުޅިގެން ގާނޫނީ ގޮތުން ސާފުކުރަން ޖެހޭ ކަންކަން ސާފުކުރަން ކޯޓަށް ދާނެ ކަމަށް ކޮމިޝަނުން ކުރިން ވަނީ ބުނެފަ އެވެ.

އިންތިހާބު ފަސްކުރަން ކޯޓުން އަމުރު ކުރީ ޕީޕީއެމްގެ އެތެރޭގެ މައްސަލަތަކާ ހެދި ތައްޔާރުވެވިފައި ނުވާ ކަމަށް ބުނެ އިންތިހާބު ފަސްކުރަން ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ހުށަހެޅުމުންނެވެ.