ބްރިޖުގެ މަސައްކަތް ރައީސް ޔާމީން ބައްލަވާލައްވައިފި

ހުޅުލެ އާއި މާލެއާ ދެމެދު އަޅާ ބްރިޖުގެ މަސައްކަތް ކުރަމުން އަންނަ ސަރަހައްދަށް ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން މިއަދު ހަވީރު ވަޑައިގެން، އެ މަސައްކަތް ހިނގާ ގޮތް ބައްލަވާލައްވައިފި އެވެ.


މިއީ "ޗައިނާ-މޯލްްޑިވްސް ފްރެންޑްޝިޕް ބްރިޖު"ގެ މަސައްކަތް މިދިޔަ އަހަރު ފެށި ފަހުން، އެ މަސައްކަތް ބައްލަވާލެއްވުމަށް ރައީސް ޔާމީން އެ ތަނަށް ވަޑައިގަތް ފުރަތަމަ ފަހަރެވެ.

ރައީސް ޔާމީންގެ ދެކަނބަލުންނާ އެކު ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި ސަރުކާރުގެ ކުންފުނިތަކުގެ ވެރިން ވެސް ވަޑައިގަތެވެ.

ބްރިޖުގެ މަސައްކަތް ބައްލަވާލެއްވުމަށް ރައީސް ވަޑައިގަތް އިރު، އެ މަޝްރޫއުގައި ހިމެނޭ އެންމެ އުނދަގޫ މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ. ބްރިޖުގެ މަސައްކަތް ކުރާ ޗައިނާގެ ސީސީސީސީ ކުންފުނިން ކުރިން ބުނެފައިވާ ގޮތުގައި، އެންމެ އުނދަގޫ މަސައްކަތަކަށް ވާނީ ބްރިޖުގެ ހަތް ތަނބުގައި ހުންނަ ބިޔަ 35 ހޮޅި ޖެހުމެވެ. އެ މަސައްކަތް މި މަހުގެ މެދު ތެރޭގައި ވަނީ ނިންމައިފަ އެވެ.

ބްރިޖުގެ މަޝްރޫއަށް 200 މިލިއަން ޑޮލަރު ހަރަދުވާ އިރު، އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އިތުރު 72 މިލިއަން ޑޮލަރު ލޯނު އެހީގެ ގޮތުގައި ޗައިނާ އިން ދޭ އިރު، ދައުލަތުގެ ބަޖެޓުން 12 މިލިއަން ޑޮލަރު އެ މަޝްރޫއަށް ހަރަދު ކުރެ އެވެ.

ބްރިޖުގެ މަސައްކަތް ކުރިއަށް ދަނީ ކަނޑައެޅިފައިވާ ޝެޑިއުލަށް ވުރެ ބާރަށެވެ. އަންނަ މަހު ނިންމަންޖެހޭ ބައެއް މަސައްކަތްތައް ވެސް މިހާރު ވަނީ ނިމިފަ އެވެ. ބްރިޖުގެ ހުރިހާ މަސައްކަތެއް ނިންމަން ޖެހެނީ ސެޕްޓެމްބަރު 2018 ގެ ނިޔަލަށް ކަމަށް ވިޔަސް، އޭގެ ކުރިން ޖުލައި 2018 ގައި ބްރިޖުގެ މަސައްކަތް ނިމި، ހުޅުވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ބްރިޖުގެ މަސައްކަތް ނިމެންވާއިރަށް، އެ ބްރިޖާއި ހުޅުމާލެއާ ގުޅުވާލާ މަގުގެ މަސައްކަތް މިހާރު ވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ހަވާލުކޮށްފަ އެވެ. އެ މަގުގެ މަސައްކަތް އޭޕްރީލް 2018 ގައި ނިންމާނެ ކަމަށް ސަރުކާރާއި އެޗްޑީސީން ވަނީ ބުނެފަ އެވެ.