ރައީސްގެ އެދިވަޑައިގަތުމަކަށް ފިނޭންސް މިނިސްޓަރު މުނައްވަރު ވ. އަތޮޅުގައި

ރައީސް އަބްދުﷲ ޔާމީންގެ ހާއްސަ އެދިވަޑައިގަތުމަކަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވ. އަތޮޅަށް ކުރައްވާ ދަތުރެއް ފައްޓަވައިފި އެވެ.


ފިނޭންސް މިނިސްޓްރީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ މިނިސްޓަރު މުނައްވަރު ވ. އަތޮޅަށް ކުރައްވާ ތިން ދުވަހުގެ ދަތުރުގައި، އެ އަތޮޅުގެ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެ ކަމަށެވެ. އެގޮތުން މިއަދާ ހަމަޔަށް ތިން ރަށަކަށް މިނިސްޓަރު ވަޑައިގެންފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ދަތުރުފުޅުގެ މައިގަނޑު ބޭނުމަކީ އެ އަތޮޅުގެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައްޔިތުންގެ ހާލު ބައްލަވައި، ކަންބޮޑުވާ ކަންތައް އޮޅުން ފިލުވުން. އިތުރު އެހެން ކަމަކާ މަޝްވަރާކުރާކަށް ހަމަޖެހިފައެއް ނުވޭ،" ރާއްޖޭގެ އެންމެ އާބާދީ ކުޑަ އަތޮޅަށް ފިނޭންސް މިނިސްޓަރު ކުރައްވާ ދަތުރާ ބެހޭ ގޮތުން އޮފިޝަލް ވިދާޅުވި އެވެ.

މިނިސްޓަރު މުނައްވަރު މިހާރު ވަނީ ފުލިދު އާއި ތިނަދޫ އަދި ފެލިދު އަށް ވަޑައިގެންފަ އެވެ. މި ދަތުރުގައި ރަށްރަށުގެ ރަށު ކައުންސިލްތަކާއި ޖަމިއްޔާތަކާއި ބައްދަލުކުރައްވަމުން ގެންދަވާ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

ވ. އަތޮޅު ކައުންސިލްގެ މެމްބަރަކު "މިހާރު" އަށް ވިދާޅުވީ މިނިސްޓަރު މުނައްވަރު ރަށްރަށަށް ވަޑައިގެން ކައުންސިލްތަކާ ބައްދަލުކުރައްވައި، ދިމާވެފައިވާ މައްސަލަތައް އޮޅުންފިލުވައި މަޝްވަރާ ކުރައްވާކަން އެނގިވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް ވ. އަތޮޅުގެ މީހުން އެހެން ތަނަކަށް ބަދަލުކުރުން ފަދަ ކަމަކާ މަޝްވަރާ ކުރެއްވި ކަމެއް އެނގިވަޑައިގެންފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވ. އަތޮޅުގެ ބައެއް ރަށްރަށުގެ މީހުން އެހެން ރަށަކަށް ބަދަލުކުރަން އުޅޭ ވާހަކަ ފެންމަތިވެގެން އުޅޭތާ ދުވަސްކޮޅެއް ވެއްޖެ އެވެ.