އެކްސިޑެންޓުވި މީހާގެ ހާލު ވަރަށް ސީރިއަސް: އޭޑީކޭ

ހުޅުމާލޭގައި މިއަދު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ޒަހަމްވި މީހާގެ ހާލު ވަރަށް ސީރިއަސް ކަމަށް އޭނާ އަށް ފަރުވާ ދެމުން އަންނަ އޭޑީކޭ ހޮސްޕިޓަލުން ބުނެފި އެވެ.


އެ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ ޒަހަމްވި މީހާގެ ހާލު ސީރިއަސް ކަމަށާއި އޭނާ އަށް ފަރުވާ ދެމުން އަންނަ ކަމަށެވެ. އެކްސިޑެންޓުގައި އެންމެ ބޮޑަށް ޒަހަމްވީ އޭނާގެ ބޮލެވެ.

މި އެކްސިޑެންޓު ހިނގީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޕިކަޕް ކޮންޓްރޯލް ނުވެ، އެ ސަރަހައްދުން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ޖެހިގެންނެވެ. ބަނގްލަދޭޝްގެ އެ މީހާގެ ގައިގައި ޖެހުމަށް ފަހު ޕިކަޕް މަތަވީ މަގުގެ އެއް ފަރާތުގައި ހުރި ބޮޑު ފިތުރޯނު ގަހެއްގައި ޖެހިފަ އެވެ.

އެކްސިޑެންޓުވުމާ އެކު އޭނާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަ އެވެ. ނަމަވެސް ހާލު މާ ބޮޑަށް ސީރިއަސްވުމުން ހެނދުނު ވަނީ އޭޑީކޭ އަށް ގެނެސް ފަރުވާ ދޭން ފަށައިފަ އެވެ.