ގައުމީ ލަފާ ދޭ ކޮމެޓީގެ ކުއްލި ބައްދަލުވުމެއް މިއަދު ބާއްވަނީ

ލޯކަލް ކައުންސިލް އިންތިހާބަށް އެކުލަވާލާފައިވާ ގައުމީ ލަފާ ދޭ ކޮމެޓީގެ ކުއްލި ބައްދަލުވުމެއް މިއަދު ހެނދުނު ބާއްވާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.


ސިޔާސީ ޕާޓީތަކާއި އިންތިހާބާ ގުޅޭ ދައުލަތުގެ މުއައްސަސާތައް ހިމެނޭ ގޮތަށް އެކުލަވާލާފައިވާ ގައުމީ ލަފާދޭ ކޮމެޓީގެ ބައްދަލުވުން ފަށަން ހަމަޖައްސާފައި ވަނީ ހެނދުނު 10:00 ގަ އެވެ.

މި ބައްދަލުވުން ބާއްވާ ސީދާ ސަބަބެއް އަދި ނޭނގެ އެވެ. އެކަމަކު މި ބައްދަލުވުން މި ބާއްވަނީ، މި މަހު 14 ގައި ބާއްވަން ކުރިން ނިންމި އިންތިހާބު ދެ މަހަށް ފަސްކުރަން ސިވިލް ކޯޓުން ކުރި އަމުރުގައިވާ ކަންކަން ސާފުކުރަން އިންތިހާބީ ޝަކުވާއެއްގެ ގޮތުގައި ހައި ކޯޓަށް ހުށަހެޅި މައްސަލަ އެތަނުން ބަލައިނުގަތުމަށް އިއްޔެ ނިންމާފައި ވަނިކޮށެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒް ވިދާޅުވީ ލަފާ ދޭ ކޮމެޓީގެ ކުއްލި ބައްދަލުވުމަށް ދައުވަތު ފޮނުވާފައި ވަނީ ވެސް ކުއްލިއަކަށް ކަމަށެވެ. މި ބައްދަލުވުމަށް އިލެކްޝަނުން ފޮނުވި އެސްއެމްއެސް އޭނާ އަށް ލިބުނީ ރޭގެ ދަންވަރުގެ ވަގުތެއްގައި ކަމަށް ވެސް ނިޔާޒް ވިދާޅުވި އެވެ.

ސިވިލް ކޯޓުގެ ހުކުމްގައި ބައެއް ކަންކަން ސާފުނުވާ ކަމަށް ބުނެ އިންތިހާބުގެ ތާރީހް އިއުލާންކުރުން އިލެކްޝަނުން ލަސްކުރަމުންދާތީ ސިޔާސީ ޕާޓީތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ ހުކުމް އޮތަސް، އިލެކްޝަނަށް އިންތިހާބު އިއުލާންކުރަން ހުރަހެއް ނެތް ކަމަށް ގާނޫނީ ބައެއް ވަކީލުން ވެސް ދެކެވަޑައިގަންނަވަ އެވެ.

ސިވިލް ކޯޓުން ދެ މަހަށް އިންތިޚާބު ފަސްކުރީ ޕީޕީއެމްގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ހުށަހަޅައިގެންނެވެ.

އެ ހުކުމުގައި ބުނެފައި ވަނީ ޕީޕީއެމަކީ ރާއްޖޭގެ އެންމެ ބޮޑު ޕާޓީ އަށް ވާއިރު، އެ ޕާޓީ އަށް ދިމާވި މައްސަލަތަކުގެ ސަބަބުން އިންތިހާބަށް ތައްޔާރުވުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށެވެ.

ޕީޕީއެމަށް ބައިވެރިނުވެވޭ ފަދަ ގޮތަކަށް އިންތިހާބު ބޭއްވުމަކީ ޑިމޮކްރަސީގެ އުސޫލުތަކާ ހިލާފް ކަމެއް ކަމަށާއި އޭގެ ސަބަބުން ދައުލަތުގެ އާންމު މަސްލަހަތަށް ގެއްލުންވުމުގެ ފުރުސަތު އޮތް ކަމަށް ވެސް ހުކުމުގައިވެ އެވެ.

ޕީޕީއެމް ދެ ބައި ވީ، ރައީސް ޔާމީނާއި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެމެދު އުފެދުނު ބޮޑު ޚިޔާލު ތަފާތުވުމެއްގަ އެވެ.