ޓަގު ބޯޓު މައްސަލައިގެ ގާނޫނީ ފީ އަށް 2.9 މިލިއަން ރުފިޔާ!

ޓަގު ބޯޓެއް ބަނުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ސެންޓަ އެންޓަޕްރައިސަސްއާ ހަވާލުކުރި މަޝްރޫއުގައި ޖެހުނު މައްސަލަތަކުގައި އެމްޕީއެލްގެ ފަރާތުން ކޯޓުތަކުގައި ވަކާލާތުކުރުމުގެ ފީއަކަށް މެމްބަރު އިބްރާހިމް ރިޒާގެ ލޯ ފާމަށް 2.9 މިލިއަން ރުފިޔާ ދެއްކިކަމުގެ ލިޔުންތަކެއް ލީކްވެއްޖެ އެވެ.


ރައްޔިތުންގެ މަޖިލިހުގެ ގުރައިދޫ ދާއިރާގެ މެމްބަރު އަދި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައްޔިތުންގެ މަޖިލިހުން ކަނޑައަޅާފައި ހުންނަވާ ރިޒާގެ ލޯ ފާމަށް 2.9 މިލިއަން ރުފިޔާ އެމްޕީއެލް އިން ދޫކުރީ، އެ ކުންފުނީގެ "ޕޭމަންޓް އެޑްވައިސް" ގައިވާ ގޮތުން، މޭ 11، 2016ގަ އެވެ. އޭގައި ބުނެފައި ވަނީ އެއީ "ޕްރޮފެޝަނަލް ޗާޖަސް" ކަމަށެވެ.

އެމްޕީއެލްގެ ބައެއް ޝަރީއަތްތަކަށް ރިޒާ ވަޑައިގަތެވެ. އަދި އޭނާ އަށް ވަޑައިނުގެންނެވޭ ޝަރީއަތްތަކަށް އެ ފާމްގެ އެހެން ވަކީލުން ފޮނުވި ކަމަށް ވެ އެވެ.

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދު "މިހާރު" އަށް ވިދާޅުވީ ޓަގް ބޯޓުގެ މައްސަލައިގެ ގާނޫނީ ފީ އަށް 2.9 މިލިއަން ރުފިޔާ އަކީ ބޮޑު އަދަދެއް ކަމަށް އޭނާ ދެކެވަޑައިނުގަންނަވާ ކަމަށެވެ.

"ސަބަބަކީ މިއީ ވަރަށް ބޮޑު ކޭހެއް. މިހާރު ވެސް މިއުޅެނީ 160 މިލިއަން ރުފިޔާ ސެންޓަ އެންޓަޕްރައިސަސް އަށް ދައްކަން ޖެހިގެން. އެވަރުގެ އަދަދެއް ސަލާމަތް ކުރުމަށްޓަކައި ގާނޫނީ ފީ އަށް 2.9 މިލިއަން ކުންފުނިން ހޭދަކުރުމަކީ މައްސަލައެއް ކަމަކަށް އަޅުގަނޑު ނުދެކެން،" ޖުނައިދު ވިދާޅުވި އެވެ.

"މިހާވަރުގެ ބޮޑު މައްސަލައެއް ކުރިއަށް އޮތް ތަނުގައި ވެސް ގާނޫނީ ފީ އަށް ހޭދަކުރަން ޖެހިއްޖިއްޔާ އެކަން އެމްޕީއެލް އިން ކުރާނެ."

ޖުނައިދު ވިދާޅުވީ ރިޒާ އަށް ފައިސާ ދޫކުރީ އެމްޕީއެލްގެ އުސޫލުތަކާ އެއްގޮތަށް ކަމަށާއި ހުއްދަ ހޯދަން ޖެހޭ ފަރާތްތަކުގެ ހުއްދައާ ވެސް އެކު ކަމަށެވެ.

"މިކަމުގައި އުސޫލުން ބޭރުން އެއް ކަމެއް ވެސް ހިންގާފައި ނުވާނެ ކަމުގެ ޔަގީންކަން އެންމެންނަށް ދެން،" އޭނާ ވިދާޅުވި އެވެ.

ސިިވިލް ކޯޓުން އެމްޕީއެލްގެ މައްޗަށް މިދިޔަ ހަފުތާގައި ހުކުމްކުރީ ސެންޓަ އެންޓަޕްރައިސަސް އަށް 160 މިލިއަން ރުފިޔާ ދެއްކުމަށެވެ. އެއީ، ނޮވެމްބަރު، 2008 ގައި އެމްޕީއެލްއަށް ޓަގު ބޯޓު ބަނުމަށް ސެންޓަ އެންޓަޕްރައިސަސްއާ ހަވާލުކުރުމުން އެ ކުންފުނިން ކުރި މަސައްކަތުގެ އަގުގެ ގޮތުގައި ދައްކަން ޖެހުނު 13 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރަށް ވުރެ ގިނަ ދުވަސް ވުމުން ޖޫރިމަނާ އާއި އެހެނިހެން ފީތަކުގެ ގޮތުގަ އެވެ.

ރާއްޖޭގެ މަޝްހޫރު ގާނޫނީ ބައެއް ވަކީލުން ދެކެވަޑައިގަންނަވާ ގޮތުގައި، ޓަގު ބޯޓު މައްސަލައިގެ ގާނޫނީ ފީގެ ގޮތުގައި އެމްޕީއެލް އިން ހޭދަކޮށްފައި ވަނީ ވަރަށް ބޮޑު އަދަދެކެވެ. އެއް ވަކީލަކު ވިދާޅުވީ އެފަދަ މައްސަލައަކާ އަޅާބަލާއިރު 2.9 މިލިއަން ރުފިޔާ އަކީ ރެކޯޑު އަދަދެއް ކަމަށެވެ.

ތިލަފުށީގައި އޮތް އެ ޓަގު ބޯޓު މިހާރު ވަނީ ބާ ދަގަނޑަށް ވެފަ އެވެ. އޭގެ އެއްވެސް ބޭނުމެއް އެމްޕީއެލް އަށް ހިފިފައެއް ނުވެ އެވެ.

އެމްޕީއެލް އިން ބުނެފައި ވަނީ ދަށު ކޯޓުގެ ހުކުމް އިސްތިއުނާފުކުރާނެ ކަމަށެވެ. އަދި ހުރިހާ ކޯޓަކުން މައްސަލަ ނިމެންދެން ރިޒާގެ ލޯ ފާމުން ވަކާލާތު ކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

ސެންޓަ އެންޓަޕްރައިސަސް އިން 2008 ގައި މަސައްކަތް ފަށައި ޓަގު ބޯޓުގެ ބައެއް ނިންމާފައި އޮއްވައި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ، ބޮޑެތި ތުހުމަތުތަކާ ގުޅިގެން، އެކަން ހުއްޓުވައިފަ އެވެ. އޭސީސީން އަންގާފައި ވަނީ ސެންޓަ އެންޓަޕްރައިސަސް އަށް ދޭން ޖެހޭނީ އެ ކުންފުނިން ކުރި މަސައްކަތެއްގެ އަގު ކަމަށެވެ. އެ ކުންފުނިން އުޅުނީ ނުކުރާ މަސައްކަތަށް އަގު ނަގަން ކަމަށް އޭސީސީން ބުނެ އެވެ.

ޓަގް ބަނުމުގެ މަސައްކަތް ހުއްޓުމަކަށް އައީ ސެންޓަ އެންޓަޕްރައިސަސް އާއި ސަބް ކޮންޓްރެކްޓަރާ ދެމެދު ޖެހުނު ފައިސާގެ މައްސަލައެއްގަ އެވެ. ސަބް ކޮންޓްރެކްޓަރު ކުރި މަސައްކަތުގެ ފައިސާ ސެންޓަ އެންޓަޕްރައިސަސް އިން ނުދޭ ކަމަށް ސަބް ކޮންޓްރެކްޓަރު ބުނެ އެވެ. މައްސަލަ އުފެދި މަސައްކަތް ހުއްޓުމަކަށް އައީ އެ ހިސާބުންނެވެ. އެމްޕީއެލް އާއި ސެންޓަ އެންޓަޕްރައިސަސް އިން އެއްބަސްވީ، ޓަގްގެ ކޮންމެ މަސައްކަތެއް ވެސް ނިމުމުން، އެ މަސައްކަތެއްގެ އަގު ދިނުމަށެވެ. އެންމެ ފަހުން ސިވިލް ކޯޓުގައި ސެންޓަ އެންޓަޕްރައިސަސް އިން ދައުވާކުރީ ނިންމާފައިވާ މަސައްކަތަށް ޖެހޭ 13 މިލިއަން ރުފިޔާ ނުލިބި ތިން އަހަރަށް ވުރެ ގިނަ ދުވަސް ހޭދަވެއްޖެ ކަމަށް ބުނެ، އެ ފައިސާ އާއި ޖޫރިމަނާ ހޯދާށެވެ. އެމްޕީއެލްގެ މައްޗަށް 160 މިލިއަން ދައްކަން ހުކުމްކޮށްފައިވާއިރު، މިއީ މިހާ ބޮޑު އަދަދެއް ސަރުކާރު ކުންފުންޏަކުން ދައްކަން ރާއްޖޭގެ ކޯޓަކުން ހުކުމްކުރި ފުރަތަމަ ފަހަރެވެ.

ގާޒީ މުހައްމަދު ހަލީމް، ވަކިވަކިން އިއްވެވި ދެ ހުކުމުގައިވާ ގޮތުން 160 މިލިއަން ރުފިޔާ ހަ މަސް ތެރޭގައި އެމްޕީއެލް އިން ކޯޓަށް ދައްކަން ޖެހެ އެވެ. އޭގެ ތެރެއިން 138.9 މިލިއަން ރުފިޔާއަކީ ފައިސާ ނުދައްކާ އޮތް މުއްދަތުގެ ޖޫރިމަނާ އެވެ. ބާކީ 21.1 މިލިއަން ރުފިިޔާއަކީ މަސައްކަތުގެ އަގުގެ ގޮތުގައި ދައްކަން ޖެހޭ 13 މިލިއަން ރުފިޔާ އާއި ސާޗާޖުގެ ގޮތުގައި 6.3 މިލިއަން ރުފިޔާ އާއި ޖީއެސްޓީގެ ގޮތުގައި އަށް ލައްކަ ރުފިޔާ އެވެ.

ކޯޓުގެ ހުކުމުގައިވާ ގޮތުން އިންވޮއިިސްއަށް ފައިސާ ނުދައްކާ އޮތް މުއްދަތުގެ ޖޫރިމަނާގެ ގޮތުގައި 277 މިލިއަން ރުފިޔާ އަސްލު އަރަ އެވެ. އެކަމަކު އެހެން ބައެއް ގައުމުތަކުގައި އަމަލުކުރާ އުސޫލުތަކަށް ބެލުމަށް ފަހު، 277 މިލިއަން ރުފިޔާގެ ދެބައި ކުޅަ އެއް ބައި ކަމަށްވާ 138 މިލިއަން ރުފިޔާ އަށް ޖޫރިމަނާ ދަށްކުރީ ކަމަށް ހުކުމުގައިވެ އެވެ.

އެގްރިމެންޓް ބުނާ ގޮތުން ފައިސާ ދައްކަން އޮންނަ މުއްދަތުގައި ނުދައްކާ ކޮންމެ ދުވަހަކަށް މުޅި އަދަދުގެ ދެ ޕަސެންޓް ޖޫރިމަނާއަށް އަރަ އެވެ. ސެންޓަ އެންޓަޕްރައިސަސް އިން ހުށަހެޅި 13 މިލިއަން ރުފިޔާގެ ބިލްގެ ދެ ޕަސެންޓަކީ ދުވާލަކަށް 260،000ރ އެވެ.