"ހީވާގި ކަނބަލުން" ގެ މައުރަޒުގައި ބައިވެރިވުމަށް 500 އަށް ވުރެ ގިނަ ފޯމް

އަންހެނުންގެ ތަފާތު ހުނަރު ދައްކައިލުމަށް ފަސްޓް ލޭޑީ ފާތިމަތު އިބްރާހިމް ބާއްވަވާ "ހީވާގި ކަނބަލުން"ގެ ފެސްޓިވަލްގައި ބައިވެރިވުމަށް 500 އަށް ވުރެ ގިނަ ފޯމް މިހާތަނަށް ހުށަހަޅާފައިވާ ކަމަށް މި ހަރަކާތް އިންތިޒާމުކުރާ ފަރާތުން މިއަދު ބުނެފި އެވެ.


ޖަނަވަރީ މަގުގައި ހުންނަ، ފަސްޓް ލޭޑީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން، މައުރަޒުގެ އެޑްމިނިސްޓްރޭޓިވް ހެޑް އާމިނަތު މާޝާ ވިދާޅުވީ އުމުރުން 15 އަހަރުން މަތީގެ ކޮންމެ އަންހެނަކަށް ވެސް މައުރަޒުގައި ބައިވެރިވެވޭނެ ކަމަށެވެ. މައުރަޒުގައި ބައިވެރިވުމުގެ އެންމެ ފަހުގެ ތާރީހަކީ އަންނަ ހަފުތާގެ އާދިއްތަދުވަހެވެ.

"ހީވާގި ކަނބަލުން" ގެ މައުރަޒު އޮންނާނީ އަންނަ މަހުގެ 23-27 އަށް ދަރުބާރުގޭގަ އެވެ. އަދި އެ މައުރަޒުގައި ބައިވެރިވާން ހުށަހަޅާ ތަކެތި އަންނަ މަހުގެ 10-14 ގައި ހަވާލުކުރަންޖެހޭނެ ކަމަށް ވެސް މި ހަރަކާތް އިންތިޒާމް ކުރާ ފަރާތުން ބުނެ އެވެ. ނަމަވެސް ކޭކު ފަދަ ތަކެތި ހުށަހަޅަން ޖެހޭނީ އަންނަ މަހުގެ 21 ވަނަ ދުވަހުގެ ކުރިންނެވެ.

މައުރަޒުގެ އެޑްމިނިސްޓްރޭޓިވް މެމްބަރު އާޝިޔާ ސޯލިހު ވިދާޅުވީ މި ހަރަކާތުގައި ބައިވެރިވުމަށް ގިނަ އަދަދެއްގެ ބަޔަކު ނަން ނޯޓު ކޮށްފައިވާ ކަމަށެވެ. މިހާރު ފޯމް ހުށަހަޅާފައިވާ މީހުންގެ ތެރޭގައި ވެސް ޖަމިއްޔާތަކާއި އަންހެނުންގެ ކޮމެޓީތައް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި 500 ފޯމަކީ ޖުމްލަ 500 މީހުންނެއް ނޫން. އޭގެ ތެރޭގައި ހިމެނޭނެ ޖަމިއްޔާތަކާއި އަންހެނުންގެ ކޮމެޓީތައް ވެސް،" އާޝިޔާ ވިދާޅުވި އެވެ.

ފެސްޓިވަލްގައި ބައިވެރިވެވޭނެ ދާއިރާތައް؛

ކްލަބް ޖަމިއްޔާތައް

އަންހެނުންގެ ކޮމެޓީތައް

ހާއްސަ އެހީ އަށް ބޭނުންވާ އަންހެނުން

ވަކިވަކި އަންހެން

މި ފެސްޓިވަލްގައި ތަފާތު ހަތަރު ކެޓަގަރީން ޖުމްލަ 21 ދާއިރާއަކުން އެއްޗެހި ހުށަހެޅޭ ގޮތަށް ކުރިން އޮތް ނަމަވެސް މިހާރު އެ ދާއިރާތައް ވަނީ 25 އަށް އިތުރުކޮށްފަ އެވެ. ފަހުން އިތުރުކުރި ދާއިރާތަކަކީ:.

- ތަފަތު ގޮތްތަކަށް ކޭކު އެޅުން

- ނާށީގެ މަސައްކަތްތައް

- ލިޔެލާގެ މަސައްކަތްތައް

- އުފައްދަ ތަކެތީގައި އަންހެނުން ހިއްސާ ކުރާ މިންވަރު 50 ޕަސެންޓަށް ވުރެ އިތުރުވާ އުފެއްދުންތައް

މި މައުރަޒުން ގަދަ ތިން ވަނަ ހޮވާނެ އެވެ. އެގޮތުން އެއް ވަނަ އަށް ހޮވޭ މީހަކަށް 100،000 ރުފިޔާ، ދެ ވަނަ އަށް 75،000 ރުފިޔާ އަދި ތިން ވަނަ ލިބޭ މީހަކަށް 50،000 ރުފިޔާ ވަނީ ހުށަހަޅައިފަ އެވެ. މީގެ އިތުރުން ކޮންމެ ކެޓަގަރީއަކުން ވެސް ވަނަތައް ހޮވާނެ އެވެ. މި ވަނަތައް ހޮވާނީ، ތަފާތު އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ފަންނީ ކޮމެޓީއަކުންނެވެ.

މައުރަޒު އޮންނަ ވަގުތު ލައިވް މިއުޒިކާއި ލައިވްކޮށް ކެއްކުން ފަދަ ހަރަކާތްތައް އޮންނާނެ ކަމަށް ވެސް "ހީވާގި ކަނބަލުން" ގެ ފެސްޓިވަލް އިންތިޒާމް ކުރާ ޓީމުން ބުންޏެވެ.