ލޭގެ ޓެސްޓުގެ ނަތީޖާ ލިބެންދެން ދެމަފިރިންގެ ހަށިގަނޑު މޯޗަރީ އަށް

މާލޭގެ ގެއެއްގެ ކޮޓަރިއެއްގެ ތެރޭގައި މަރުވެފައި ތިއްބައި މިއަދު ފެނުނު ދެމަފިރިންގެ މަރުގެ ތަހުގީގަށް ހަދާފައިވާ ލޭގެ ޓެސްޓެއްގެ ނަތީޖާ ލިބެންދެން އެ ދެމަފިރިންގެ ހަށިގަނޑު މޯޗަރީ އަށް ލައިފި އެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލަކު "މިހާރު"އާ ވާހަކަދައްކަވަމުން ވިދާޅުވީ އެ ދެ ހަށިގަނޑު ވަޅުލުމުގެ ކަންތައް ކުރިޔަށް ގެންދާނެ އިރެއް މުޅިން ކަށަވަރު ނުވާކަމަށެވެ. އަދި އެ ދެ ހަށިގަނޑު ބެލި ބެލުމުން ބޭރުފުށުން އެއްވެސް ޒަހަމެއް ފެންނަން ނެތް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އެ ދެމަފިރިންގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންދިއުމަށް ފަހު ސީޓީ ސްކޭނެއް ހަދައި އެކްސްރޭ ވެސް ވަނީ ނަގައިފަ އެވެ. ނަމަވެސް ތަހުގީގަށް ބޭނުންވާ އިތުރު ޓެސްޓެއް ހަދާފައިވާތީ އެ ޓެސްޓުގެ ނަތީޖާ ލިބެންދެން ދެ ހަށިގަނޑު މޯޗަރީ އަށް ލީ، އެނގިފައިވާ ގޮތުގައި، ގިނަ އިރު ވުމުން ކުނިވެދާނެތީ އެވެ.

ކޯރުކެނޑި މަގުގައި ހުންނަ މ. ލައިޓް ސިގްނަލް ގޭގެ ފަސް ވަނަ ބުރީގައި، ތިން ދަރިންނާ އެކު، ދިރިއުޅެމުން އައި އުމުރުން 50 އަހަރުގެ ގާސިމް ޝާހިދާއި 40 އަހަރުގެ ރަޒީނާ އިބްރާހިމް ރޭ ނިދަން ވަން ގޮތަށް މިއަދު ހެނދުން ސުރެ ޚަބަރެއް ނުވުމުން، އެ ގޭގައި އުޅޭ އާއިލާގެ މީހުންގެ ފަރާތުން ފުލުހުންނަށް ރިޕޯޓް ކުރީ މިއަދު މެންދުރު 12:45 ހާއިރު އެވެ.

ފުލުހުންގެ އޮފިޝަލް ވިދާޅުވީ އެ ދެމަފިރިން މަރުވެފައި ވަނީ ކޮން ސަބަބަކާ ހެދި ކަމެއް އަދި ނޭނގޭ ކަމަށެވެ. އަދި އެ މަރުގެ ހަގީގަތް ހޯދުމަށް ޕޯސްޓްމޯޓަމް ހެދުމާ މެދު ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވި އެވެ.

ޝާހިދާއި ރަޒީނާގެ ތިބީ ފިރިހެން ދެ ކުދިންނާއި އަންހެން ކުއްޖެކެވެ. އޭގެ ތެރެއިން އެންމެ ދޮށީ ފިރިހެން ކުއްޖާ ވަޒީފާ އަދާކުރަނީ އައިލެންޑް އޭވިއޭޝަންގަ އެވެ. އަނެއް ދެ ކުދިންގެ އުމުރުން އަދި 18 އަހަރު ވެސް ނުވެ އެވެ.

މާލެ އަށް ދިރިއުޅުން ބަދަލުކުރީއްސުރެ ޝާހިދުގެ އާއިލާ ދިރިއުޅެމުން އަންނަނީ ލައިޓް ސިގްނަލްގައި ކަމަށްވެ އެވެ. މަރުވި ޝާހިދު ވަޒީފާ އަދާކުރީ ކުރުނބާ މޯލްޑިވްސް ހިންގާ ޔުނިވާސަލް އެންޓަޕްރައިސަސްގެ ޗެއާމަން މުހައްމަދު އުމަރު މަނިކުގެ ލޯންޗްކޮޅުގެ ކެޕްޓަނެއްގެ ގޮތުގަ އެވެ. އެ ތަނުގައި އޭނާ ވަޒީފާ އަދާކުރާތާ 20 އަހަރެއްހާ ދުވަސްވެއްޖެ އެވެ.

އެ ރިސޯޓުގެ އޮފިޝަލަކު ވިދާޅުވީ ޝާހިދަކީ އެ ރިސޯޓުގެ އެންމެ ސީނިއާ ލޯންޗް ކެޕްޓަން ކަމަށެވެ. އެހެންވެ އޭނާ ހަމަޖައްސާފައި ހުންނަނީ ޗެއާމަންގެ ލޯންޗް ކެޕްޓަންގެ ގޮތުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އޭނާއަށް ވުރެ މި ސަރަހައްދުގެ އެތެރެވަރީގައި ލޯންޗް ދުއްވަން ކުޅަދާނަ ކެޕްޓަނުން މަދުވާނެ. އިއްޔެ ވެސް އަޅުގަނޑުމެންނާ އެކު އޮތް މީޓިންއެއްގައި ވެސް ބައިވެރިވި. ވަރަށް ހިތްހެޔޮ މީހެއް އެއީ. އެއްވެސް ބައްޔެއް ވެގެން އުޅޭ ކަމެއް އެނގިފައެއްނުވޭ،" އެ އޮފިޝަލް ވިދާޅުވި އެވެ.