ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލަނީ

އަންނަ އޭޕްރީލް އަށްވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވައިލާ ގޮތަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.


މިރޭ ބޭއްވި އެ ކޮމިޝަންގެ ނިއުސް ކޮންފަރެންސެއްގައި ބުނީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އަލުން މާދަމާ ހުޅުވައިލާނެ ކަމަށެވެ. އެހެންވެ، މިހާތަނަށް ފޯމު ހުށަހެޅި 900 އަށް ވުރެ ގިނަ މީހުން އަލުން ފޯމް ހުށަހަޅަން ޖެހެ އެވެ.

އީސީގެ ނައިބު ރައީސް އަމްޖަދު މުސްތަފާ ވިދާޅުވީ މި މަހުގެ 14 ގައި ކުރިން ބޭއްވުމަށް ހަމަޖެއްސި ލޯކަލް އިންތިހާބުގެ އިއުލާން ސިވިލް ކޯޓުގެ ހުކުމާ ގުޅިގެން ބާތިލުކުރުމަށް ފަހު، އަލުން އެ އިންތިހާބަށް ކުރިމަތިލުން މާދަމާ އިން ފެށިގެން އަންނަ ފެބްރުއަރީމަހުގެ ހަ ވަނަ ދުވަހާ ހަމައަށް ހުޅުވައިލާނެ ކަމަށެވެ.

"އަލުން އިއުލާންކުރުމާ ގުޅިގެން އިންތިހާބަށް ކުރިމަތިލާން އެދޭ ހުރިހާ ފަރާތްތަކުން ވެސް އެޕްލިކޭޝަން ހުށަހަޅަން ޖެހޭނެ. ނަމަވެސް އަޅުގަނޑުމެން ގައުމީ ލަފާދޭ ކޮމިޓީގައި ވެސް ދަންނަވާފައި ވާނެ ކެންޑިޑޭޓުންނަށް އަދި ޕާޓީތަކަށް ވެސް އަޅުގަނޑުމެންނަށް ދެވެން އޮތް ހުރިހާ ލުޔެއް ދެމުން ގެންދާނަމޭ،" އިންތިހާބާ ބެހޭ މައި މަރުކަޒުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި އޭނާ ވިދާޅުވި އެވެ.

އަމްޖަދު ވިދާޅުވި ގޮތުގައި ލޯކަލް އިންތިހާބަށް ކުރިމަތިލާ މީހުންގެ ފޯމްތައް ބަލައިގަންނާނީ، ބާ ޖަމާލުއްދީންގައި ހުޅުވާފައިވާ އިންތިހާބާ ބެހޭ މައި މަރުކަޒުންނެވެ. އެ ގޮތަށް ހަމަޖެއްސި މައިގަނޑު ސަބަބަކީ ރަށްރަށުން އެޕްލިކޭޝަން ފޯމް ބަލައިގަތުމުން ފޯމާއެކު ހުށަހަޅަން ޖެހޭ ލިޔުންތައް ނުލިބުމުގެ މައްސަލަ ދިމާވާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހުށަހަޅާއިރު އިގުރާރު ނޯވޭ، ނުވަތަ ކުށުގެ ރެކޯޑް ފޯމް ނެތި އެބައާދޭ. އެކަހަލަ ވަރަށް ބޮޑެތި ދަތިތަކެއް ދިމާވޭ،" އަމްޖަދު ވިދާޅުވި އެވެ.

އީސީގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ ކުރީގެ އިއުލާނާ ގުޅިގެން ފޯމް ހުށަހަޅާފައިވާ ކެންޑިޑޭޓުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން، އޭރު އެމީހުން ހުށަހަޅާފައިވާ ބައެއް ލިޔުންތައް ބޭނުންކުރެވޭ ގޮތަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ކުށުގެ ރެކޯޑާއި އަމިއްލަ ގޮތުން ކުރިމަތިލާ ކެންޑިޑޭޓުންގެ ހުށަހަޅާ ސޮޔާއި ލިޔުންތައް ހަވާލުކުރަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަކްރަމް ވިދާޅުވި ގޮތުގައި، ކުރިން ވެސް ކުރިއެކޭ އެއްގޮތަށް އޮބްޒާވަރުންނާއި މޮނިޓަރުންނަށް ވެސް އަލުން ކުރިމަތިލުމަށް ފުރުސަތު ދޭނެ އެވެ. އަދި މަންދޫބުންނަށް ވުމަށާއި ރީ-ރަޖިސްޓްރޭޝަނަށް ވެސް އަލުން ހުޅުވައިލަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިހާރު ރީ-ރަޖިސްޓާކޮށްފައިވާ ފަރާތްތަކުން އަލުން ރީ-ރަޖިސްޓާ ކުރައްވާކަށް ނުޖެހޭނެ އެބޭފުޅުން ވޯޓުލާ ތަން ބަދަލުނުވާ ނަމަ. ނަމަވެސް [ވޯޓުލާތަން] ބަދަލުވާ ނަމަ ވޯޓުލާ ތަން ބަދަލުކުރުމުގެ ފުރުސަތު އޮންނާނެ،" އަކްރަމް ވިދާޅުވި އެވެ.

އިންތިހާބުގައި ކެމްޕޭންކުރުމަށް ހަމަހަމަ ފުރުސަތުތަކެއް ނުލިބޭ ކަމަށް ކުރަމުން އަންނަ ޝަކުވާއާ ގުޅިގެން ސުވާލު ދެންނެވުމުން އޭނާ ވިދާޅުވީ އެފަދަ ކަމަކާ ގުޅޭ ގޮތުން ޝަކުވާއެއް އަތުވެއްޖެ ނަމަ، އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ދެވެން އޮތް ހުރިހާ އެހީތެރިކަމެއް ދޭނެ ކަމަށެވެ.

"އިލެކްޝަންސް ކޮމިޝަނުން ކޮށްދޭން ޖެހޭ އެއްވެސް ކަމެއްގައި އެއްވެސް ސިޔާސީ ޕާޓީއަކަށް ދައްޗެއް ނުވާނެ. އަޅުގަނޑުމެން ހުރިހާ ކަމެއް ވެސް ގެންދާނީ ހުރިހާ ސިޔާސީ ޕާޓީތަކަށް ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު،" އަކްރަމް ވިދާޅުވި އެވެ.

އިންތިހާބު ފަސްކުރުމަކީ، އެ އިންތިހާބުގެ ސައްހަކަން ގެއްލޭނެ ކަމެއްތޯ ދެންނެވުމުން އީސީގެ ނައިބު ރައީސް އަމްޖަދު ވިދާޅުވީ އިންތިހާބު ލަސްވީ ކޯޓުގެ ހުކުމަކާ ގުޅިގެން ކަމަށާއި އިންތިހާބެއް ލަސްވުމަކީ އެއީ ސައްހަކަން ގެއްލޭ ކަމެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

"އިންތިހާބެއް ލަސްވުމަކީ އެ އިންތިހާބަކީ ކާމިޔާބު ނޫން އިންތިހާބެއް ގޮތަށް ނުވަތަ ނާޖާއިޒު ކަންތައްތަކެއް ހިނގާނެ އިންތިހާބެއް ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އަޅުގަނޑުމެން ގަބޫލުކުރަނީ އަޅުގަނޑުމެން މި ބާއްވާ އިންތިހާބަކީ ފްރީ އެންޑް ފެއާ އިންތިހާބެއް ކަމުގައި. އެގޮތަށް އިންތިހާބު ކުރިއަށް ދާނީ ވެސް،" އޭނާ ވިދާޅުވި އެވެ.

ލޯކަލް އިންތިހާބަށް ކުރިމަތިލުމަށް އީސީ އިން އަލުން ހުޅުވައިލަން ނިންމިއިރު، ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހާ ގުޅިގެން، އެއްވެސް ޕާޓީއެއްގެ ޕްރައިމަރީގައި ވާދަކޮށްގެން ނާކާމިޔާބުވި މީހުން އެއްވެސް ގޮތަކުން ކުރިމަތިނުލެވޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.