އެކުގައި މަރުވި ދެމަފިރިން އެއް ވަޅެއްގައި ވަޅުލައިފި

މ. ލައިޓް ސިގްނަލް ގޭގެ ފަސްވަނަ ބުރީގެ ކޮޓަރިއެއްގެ ތެރޭގައި މަރުވެފައި ތިއްބައި އިއްޔެ ފެނުނު ދެމަފިރިން މިއަދުގެ މެންދުރު ނަމާދަށް ފަހު އާ ސަހަރާގައި ވަޅުލައިފި އެވެ. އެކުގައި މަރުވެފައި ތިބި ދެމަފިރިން ވަޅުލީ ވެސް އެއް ވަޅެއްގަ އެވެ.


ތިން ދަރިންނާ އެކު ދިރިއުޅެމުން އައި އުމުރުން 50 އަހަރުގެ ގާސިމް ޝާހިދާއި 40 އަހަރުގެ ރަޒީނާ އިބްރާހިމް އާދިއްތަ ވިލޭރޭ ނިދަން ވަތް ގޮތަށް ޚަބަރެއް ނުވުމުން އާއިލާ އިން ފުލުހުންނަށް ރިޕޯޓު ކުރީ އިއްޔެ މެންދުރު 12:45 ހާއިރެވެ. ދެ މީހުން މަރުވި ސަބަބެއް އަދި ނޭނގެ އެވެ.

ޝާހިދާއި ރަޒީނާގެ ޖަނާޒާގައި ގިނަ އަދަދެއްގެ އާއްމުން ބައިވެރިވި އެވެ.

ދެމަފިރިންގެ ހަށިގަނޑު އިއްޔެ އައިޖީއެމްއެޗަށް ގެންގޮސް ވަނީ ޓެސްޓުތަކެއް ހަދައިފަ އެވެ. ޓެސްޓުތަކުގެ ނަތީޖާ އާއިލާ އާއި ފުލުހުން ވެސް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުން ޝާހިދު (ކ) އާއި އޭނާގެ އަންހެނުން ރަޒީނާ.

ޝާހިދާއި ރަޒީނާގެ ތިބީ ދެ ފިރިހެން ކުދިންނާއި އަންހެން ކުއްޖެކެވެ. އޭގެ ތެރެއިން އެންމެ ދޮށީ ފިރިހެން ކުއްޖާ ވަޒީފާ އަދާކުރަނީ އައިލެންޑް އޭވިއޭޝަންގަ އެވެ. އަނެއް ދެ ކުދިންގެ އުމުރުން އަދި 18 އަހަރު ވެސް ނުވެ އެވެ.

މާލެ އަށް ދިރިއުޅުން ބަދަލުކުރީއްސުރެ ޝާހިދުގެ އާއިލާ ދިރިއުޅެމުން އަންނަނީ ލައިޓް ސިގްނަލްގައި ކަމަށް ވެ އެވެ. މަރުވި ޝާހިދު ވަޒީފާ އަދާކުރީ ކުރުނބާ މޯލްޑިވްސް ހިންގާ ޔުނިވާސަލް އެންޓަޕްރައިސަސްގެ ޗެއާމަން މުހައްމަދު އުމަރު މަނިކުގެ ލޯންޗުގެ ކެޕްޓަނެއްގެ ގޮތުގަ އެވެ. އެ ތަނުގައި އޭނާ ވަޒީފާ އަދާކުރާތާ ވިއްސަކަށް އަހަރު ވެއްޖެ އެވެ.