ހައުސިން މިނިސްޓްރީގެ ކޮރަޕްޝަންތައް އޭސީސީން ތަހުގީގު ކުރަނީ

އޮޑިޓް އޮފީހުން ތައްޔާރު ކުރި ހައުސިން މިނިސްޓްރީގެ 2014 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައި ހުރި ކޮރަޕްޝަންގެ ބައެއް މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަން ފަށައިފި އެވެ.


އޭސީސީގެ ނައިބު ރައީސް މުއައްވިޒް ރަޝީދު މިއަދު ވިދާޅުވީ މަގު ހެދުމުގެ މަސައްކަތްތަކެއް ކޮރަޕްޝަން ހިމެނޭ ގޮތަށް ހަވާލުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވާތީ އެ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

ހައުސިން މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން، ބައެއް މަޝްރޫއުތައް ހަވާލުކޮށް، ފައިސާ ހޭދަކޮށްފައި ވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށެވެ. އަދި ދައުލަތުގެ ބަޖެޓުން މިނިސްޓްރީ އަށް ކަނޑައެޅި ފައިސާ ހޭދަ ކުރުމުގައި މާލިއްޔަތު ގާނޫނާއި ގަވާއިދަށް ބެލުމެއް ނެތެވެ. ދަރުބާރުގެ ކުއްޔަށް ދީގެން ދައުލަތަށް ލިބެން ޖެހޭ ފައިސާތައް ވަނީ ނުލިބި އެވެ. ތިޖޫރީގެ ހިސާބު ވެސް ބަލަހައްޓާފައެއް ނުވެ އެވެ.

އެ މައްސަލަތަކާ ގުޅޭގޮތުން ހައުސިން މިނިސްޓްރީން މިހާތަނަށް އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

ހައުސިންގެ ރިޕޯޓުގައި އޮޑިޓަ ޖެނެރަލް ފާހަގަކުރެއްވި މައްސަލަތައް:

- ހަތް ރަށެއްގެ މަގު ހަދަން ގަވާއިދާ ހިލާފަށް 120 މިލިއަން ރުފިޔާ ބަޔަކަށް ދިނުމާއި ބަޖެޓުގައި ހިމަނާފައި ނުވާ ޕްރޮޖެކްޓަކަށް 12 މިލިއަން ރުފިޔާ ހަރަދުކޮށްފައިވުން. - ދަރުބާރުގެ ކުއްޔަށް ދީގެން 2014 ގެ ނިޔަލަށް ދައުލަތަށް ލިބެން ޖެހޭ 1.5 މިލިއަން ރުފިޔާ ހޯދާފައި ނުވުން. - މިނިސްޓްރީގެ ތިޖޫރީގައި ހުންނަން ޖެހޭ ފައިސާގެ ސައްހަ އަދަދު ކަށަވަރު ނުކުރެވުން. - އެއްބަސްވުން ތައްޔާރުނުކޮށް، މާލިއްޔަތު ގަވާއިދާ ހިލާފަށް 500،000 އަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވުން. - ސިވިލް ސާވިސްގެ ގަވާއިދާ ހިލާފަށް މުވައްޒަފަކު ގެންގުޅެ، މުސާރަ އާއި އެހެނިހެން އެލަވަންސްގެ ގޮތުގައި 52،000 އަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވުން. - އެ މިނިސްޓްރީ އަށް ކަނޑައެޅި ބަޖެޓުން ހަރަދުކުރި ގޮތާއި ލިބުނު އާމްދަނީ އާއި ހަރަދުގެ ހިސާބު މާލިއްޔަތު ގާނޫނާ އެއްގޮތަށް އޮޑިޓް އޮފީހަށް ހުށަހަޅާފައި ނުވުން. - މިނިސްޓްރީގެ ހަރު މުދަލާއި ހަރު މުދަލުގެ ރެކޯޑުތައް ގަވާއިދާ އެއްގޮތަށް ބަލަހައްޓާފައި ނުވުން.

އޮޑިޓް އޮފީހުގެ މެނޭޖަ ޓެކްނިކަލް މުހައްމަދު ނަސީމް "މިހާރު" އަށް އިއްޔެ ވިދާޅުވެފައި ވަނީ ހައުސިން މިނިސްޓްރީގެ އޮޑިޓުން ފާހަގަވެފައި ވަނީ ވަރަށް ސީރިއަސް މައްސަލަތަކެއް ކަމަށެވެ. އެހެންވެ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އާއި ފިނޭންސް މިނިސްޓްރީގެ ތެރެއިން، އެ އޮންނަ އުސޫލާ އެއްގޮތަށް ހައުސިން މިނިސްޓްރީން ޖަވާބުދާރީވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.