ކުޑަކުއްޖަކާ "ބެހުނު" މީހަކު ދޫކޮށްލުމުން ރައްޔިތުން އިހްތިޖާޖް ކުރަނީ

ގއ. ވިލިނގިލީގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވޭ މީހަކު ކޯޓުން ދޫކޮށްލުމުން އެ ރަށު ރައްޔިތުން އެކަމާ ދެކޮޅަށް މިއަދު އިހްތިޖާޖް ކުރަން ފަށައިފި އެވެ.

ވިލިނގިލިން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި، އުމުރުން 13 އަހަރުގެ ކުއްޖަކާ ބެހުނު ކަމުގެ ތުހުމަތު ކުރެވޭ 40 އަހަރުގެ އެ މީހާ މީގެ ދެތިން ދުވަސް ކުރިން ވިލިނގިލީ ކޯޓުން ދޫކޮށްލީ އޭނާގެ ބަންދުގެ މުއްދަތު އެއް ފަހަރު އިތުރުކޮށް، އެ މުއްދަތު ހަމަވާތީ ދެވަނަ ފަހަރު ކޯޓަށް ގެންދިއުމުންނެވެ. އެކަމާ ގުޅިގެން ވިލިނގިލީގެ ގިނަ ބަޔަކު ފުލުހުންނާއި ރަށު ކައުންސިލާ ވެސް ބައްދަލުކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.

"ފުލުހުންނާ ވެސް ބައްދަލުކުރިން އަޅުގަނޑުމެންގެ 150 ވަރަކަށް މީހުން. އެކަމަކު ފުލުހުން ބުނަނީ އަނިޔާ ލިބުނު ކުއްޖާގެ އާއިލާ އިން އެދިއްޖެ ނަމަ ލިޔުމުން އެކަމުގެ މައުލޫމާތު ދެވިދާނެއޭ. އެކަމަކު އާންމުންނަށް އެފަދަ މައުލޫމާތު ދޭގޮތަކަށް ނޯންނަ ކަމަށް،" ވިލިނގިލިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި މިދިޔަ މަހު ހިނގި އެ ހާދިސާގައި ހައްޔަރުކުރީ ވިލނގިލީ މީހަކާ ކައިވެނިކޮށް، ތިން ކުދިން ލިބިފައިވާ ހދ. މަކުނުދޫ މީހެކެވެ. މީގެ ކުރިން ވެސް އޭނާ ކުޑަކުއްޖަކާ ބެހުނު މައްސަލައެއްގައި ގއ. ދެއްވަދޫ އަށް އަރުވާލި ކަމަށް އެ މީހާ ބުންޏެވެ.

މި މައްސަލާގައި ފުލުހުންގެ ބަހެއް ލިބޭ ގޮތެއް އަދި ނުވެ އެވެ.