ޑީޑޮސް ހަމަލާތަކާ ދެކޮޅަށް ގައުމީ ފެންވަރުގައި ފިޔަވަޅު އަޅަނީ

ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ދޭ ކުންފުނިތަކުގެ ނެޓްވޯކަށް އެކި ފަރާތްތަކުން ދެމުން އަންނަ ޑީޑޮސް ހަމަލާތަކާ ގުޅިގެން ގައުމީ ފެންވަރުގައި ފިޔަވަޅުތަކެއް އެޅުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ކޮމިއުނިކޭޝަން އޮތޯރިޓީން މިއަދު ބުނެފި އެވެ.


އެ އިދާރާގެ ޗީފް އެޒްޒެކްޓިވް އިލްޔާސް އަހުމަދު "މިހާރު" އަށް ވިދާޅުވީ ރާއްޖޭގައި ބޭނުންކުރާ ހުރިހާ އިންޓަނެޓް ނެޓްވޯކަކަށް ވެސް ދޭތެރެ ދޭތެރެ އިން ހަމަލާ ދެމުން އަންނަ ކަމަށެވެ. އެހެންވެ، އެ މައްސަލަ އަށް ގައުމީ ފެންވަރުގައި ހައްލެއް ހޯދަން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ދަނީ އޮޕަރޭޓަރުންނަށް އަބަދު ވެސް އަންގަމުން ހިދުމަތް މެދުކެނޑިގެން ނުދާނެ ގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން. އެހެން ނަމަވެސް، މައްސަލައިގެ ބާވަތުން ވަރަށް ގިނަ އުނދަގޫތަކާ އެބަ ކުރިމަތިވޭ. އެ މައްސަލަތައް ހައްލުކުރަން އޮޕަރޭޓަރުން ކެނޑިނޭޅި މަސައްކަތް ކުރަމުން ދޭ،" އިލްޔާސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދިރާގުގެ އިންޓަނެޓް ނެޓްވޯކަށް ދިމާވެގެން އުޅޭ މައްސަލައާ ގުޅިގެން އެ ކުންފުނިން އެ މައުލޫމާތު އެ އޮތޯރިޓީއާ ހިއްސާކޮށްފައިވާ ކަމަށެވެ. ނަމަވެސް، މައްސަލައިގެ ބާވަތުން އެކަން މުޅިން ހައްލުވާނެ އިރެއް އަދިވެސް ނޭނގޭ ކަމަށް އިލްޔާސް ވިދާޅުވި އެވެ.

އެންމެ ފުޅާ ދާއިރާއެއްގައި އިންޓަނެޓްގެ ހިދުމަތް ދޭ ކުންފުނީގެ ނެޓްވޯކަށް ބަޔަކު ދޭ ޑިސްޓްރިބިއުޓެޑް ޑިނަޔަލް އޮފް ސާވިސް (ޑީޑޮސް) ހަމަލާތަކާ ގުޅިގެން ދޭތެރެ ދޭތެރެ އިން މޮބައިލް ޑޭޓާ އަދި ބްރޯޑްބޭންޑް އިންޓަނެޓްގެ ހިދުމަތް މެދުކެނޑުމުގެ މައްސަލަ ކުރިމަތިވެ އެވެ. އެ މައްސަލަ ހައްލުކުރަން ދިރާގުގެ އިންޖިނިއަރުންގެ ޓީމުން މެދުނުކެނޑި މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.