ރިޔާސީ ލޯންޗު ގޮއްވާލި މައްސަލައިގެ ހުކުމް މާދަމާ ރޭ

ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި ކުރާ ދެ ދައުވާގައި މާދަމާ ރޭ ހުކުމް ކުރަން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.


މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން ދަތުރުފުޅު ކުރައްވަނިކޮށް، "ފިނިފެންމާ" ލޯންޗްކޮޅުގައި އައިއީޑީއެއް ގޮއްވާލި މައްސަލާގައި ދައުވާ ކޮށްފައި ވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެ މަނިކުފާނުގެ ދެ ބޮޑީގާޑުން ކަމަށްވާ އަހުމަދު އާމިރާއި ހަސަން ރިކާޒްގެ މައްޗަށެވެ. އެ ތިން މީހުންގެ މައްޗަށް ވެސް ކުރަނީ ޓެރަރިޒަމްގެ ދައުވާ އެވެ.

އެ މައްސަލައިގެ އަޑުއެހުންތައް ވަނީ ނިންމާލާފަ އެވެ. އެންމެ ފަހު އަޑުއެހުން ބޭއްވީ ސިއްރު ކޮށްގެންނެވެ.

މީގެ އިތުރުން، ލޯންޗުކޮޅު ގޮއްވާލުމާ ގުޅިގެން އެހެން ދައުވާއެއް ވެސް އަދީބަށް ކުރެ އެވެ. އެއީ ގޮވާ އެތި ހަރުކުރުމަށް އޭނާ "ފިނިފެންމާ" ބޭނުންކުރި ކަމަށް ބުނެ ކުރާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި މާދަމާ ރޭ މި ދެ މައްސަލައިގައި ވެސް ހުކުމް ކުރަން ވަނީ ތާވަލް ކޮށްފަ އެވެ. އެ މަޖިލިސް އޮންނާނީ ރޭގަނޑު 11:00 ކަމަށް ވެ އެވެ. އެ މަޖިލިސް ބާއްވަނީ އާއްމުކޮށް ހުޅުވާލައިގެން ކަމެއް އަދި ނޭނގެ އެވެ.

ބޮޑެތި ތުހުމަތުތަކެއް ކޮށް މިދިޔަ އޮކްޓޯބަރު މަހު ހައްޔަރުކުރި އަދީބު ފިސްތޯލައެއް ގެންގުޅެގެން 10 އަހަރަށް ޖަލަށް ލާން މިދިޔަ ހަފުތާގައި ވަނީ ހުކުމް ކޮށްފަ އެވެ. މީގެ އިތުުރުން ވެސް އެ މަނިކުފާނުގެ މައްޗަށް ކޮރަޕްޝަނާއި އެ ނޫން ވެސް ސީރިއަސް ތުހުމަތުތަކެއް ކުރެ އެވެ.

އަދީބާއި އެ މަނިކުފާނާ ގުޅުން އޮންނަ ބޭފުޅުން ހިމެނިވަޑައިގަންނަވާ މައްސަލަތަކުގެ ވަކި ހިސާބަކުން ކޯޓުން ވަނީ އަޑުއެހުންތައް ސިއްރު ކުރަން ފަށާފަ އެވެ. ފިސްތޯލަ ގެންގުޅުނު މައްސަލައިގެ ފަހުކޮޅު ބޭއްވި އަޑުއެހުންތަކުގެ އިތުރަށް ހުކުމް ކުރަން ބޭއްވި މަޖިލިސް ސިއްރު ކުރި އެވެ.