ދަރިފުޅު ބަލައި ފުލުހުން ދިއުމުން ހިމަންދޫގައި ހަމަނުޖެހުން ހިންގަނީ

ކޯޓުގެ އަމުރަށް ދަރިފުޅު މަންމައާ ހަވާލުކުރަން އުޅުމުން ބޮޑު ހަމަނުޖެހުމެއް، ބައްޕަ ހައްޔަރުކޮށްފި

ބައްޕައާ އެކު އއ. ހިމަންދޫގައި ދިރިއުޅެމުން ދިޔަ ދެ އަހަރުގެ ފިރިހެން ދަރިފުޅު މަންމައާ ހަވާލުކުރަން ފެމިލީ ކޯޓުން ކުރި އަމުރު ތަންފީޒުކުރަން ފުލުހުން އެ ރަށަށް ދިއުމުން އިއްޔެ ހިނގި ހަމަނުޖެހުމާ ގުޅިގެން ބައްޕަ ހައްޔަރުކޮށްފި އެވެ.


ފުލުހުން އިއްޔެ ހިމަންދު އަށް ގޮސް ދަރިފުޅު މާލެ ގެންދަން އުޅުމުން ބައްޕަ އާއި އާއިލާގެ އިތުރު ބަޔަކު އެކަމަށް ހުރަސްއެޅުމުން ފުލުހުންނާ ދެމެދު ބޮޑު ކުރިމަތިލުމެއް ވަނީ ހިނގައިފަ އެވެ. އެ ހަމަނުޖެހުން ކޮންޓްރޯލްކުރަން ފުލުހުން ވަނީ ބާރުގެ ބޭނުން ވެސް ކޮށްފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ފުލުހުން ހިމަންދު އަށް ދިޔައީ، ކޯޓުގެ ހުކުމް ތަންފީޒުކުރަން ކަމަށެވެ. ދަރިފުޅުގެ ބައްޕަ ރޭގެ ވަގުތެއްގައި ހައްޔަރުކުރީ އެ މަސައްކަތަށް ހުރަސްއަޅައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ހިމަންދޫގައި އިއްޔެ ހިނގި ހަމަނުޖެހުމާ ގުޅޭ ވީޑީއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާއްމުކޮށްފަ އެވެ. އެ ވީޑިއޯ އިން ފެންނަ ގޮތުގައި، ފުލުހުން ދަރިފުޅު ގެންދަން އުޅުމުން ބައްޕައާ އެކު އިތުރު ބަޔަކު ވަނީ އެކަމަށް ހުރަސްއަޅައި ފުލުހުން ހުއްޓުވައިފަ އެވެ. ފުލުހުންނަށް ހުރަސްއެޅި މީހުން ދުރުކޮށް ކުޑަކުއްޖާ ގޮވައިގެން ދާން މަސައްކަތް ކުރުމުން ފުލުހުންނާއި އެއްވެފައި ތިބި މީހުންނާ މެދު ކުރިމަތިލުމެއް ހިނގައި ބައެއް މީހުން ބިންމައްޗަށް ވެއްޓި އަނިޔާވެގެން އުޅުނު މަންޒަރު ވީޑިއޯ އިން ފެނެ އެވެ.

ދަރިފުޅު ބަލައި ފުލުހުން ދިއުމުން ހިމަންދޫގައި ހަމަނުޖެހުން ހިންގަނީ.

އެ ހަމަނުޖެހުމުގެ ތެރެއިން، ފުލުހުންނާ އެކު ނުދާންވެގެން ކުޑަކުއްޖާ ބާރަށް ރޮއި ހަދަ އެވެ. އެކަމަކު ބާރުގެ ބޭނުންކޮށްގެން ހަމަނުޖެހުން ކޮންޓްރޯލްކޮށް ފުލުހުން ވަނީ އެ ކުއްޖާ މާލެ ގެނެސްފަ އެވެ. ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ފުލުހުން ވަނީ ޕެޕަ ސްޕްރޭ ޖަހައިފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހިމަންދޫގައި ފުލުހުންގެ މަސައްކަތަށް ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިވި ބަޔަކާ ދެކޮޅަށް ބާރުގެ ބޭނުންކުރި ކަމަށެވެ. އެކަމަކު އެ މައްސަލާގައި ދަރިފުޅުގެ ބައްޕަ ނޫން މީހަކު ހައްޔަރުކުރި ކަމެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

އެނގިފައިވާ ގޮތުގައި ދަރިފުޅު މަންމައާ ހަވާލުކުރަން ކޯޓުން ކުރި އަމުރު ތަންފީޒުކުރަން މީގެ ކުރިން ވެސް ފުލުހުން ހިމަންދު އަށް ދިޔަ އެވެ. ދެ ވަނަ ފަހަރަށް އިއްޔެ، ދިޔައީ އެ ފަހަރު އެ ކުއްޖާ ގެންނަން ކުރި މަސައްކަތް ކާމިޔާބު ނުވުމުން ކަމަށް ވެ އެވެ.