ދެމަފިރިންގެ މަރުގެ ހަގީގަތެއް އަދިވެސް ނޭނގެ!

ދެމަފިރިން އެއްފަހަރާ މަރުވެފައި ތިއްބައި ފެނުން ވީ ރާއްޖޭގައި ހިނގި ވަރަށް އާދަޔާ ހިލާފު ކަމަކަށެވެ؛ މ. ލައިޓް ސިގްނަލް ގޭގެ ފަސްވަނަ ބުރީގެ ކޮޓަރިއެއްގެ ތެރޭގައި މަރުވެފައި ތިއްބާ ފެނުނު ތ. ވިލުފުށީ، ގާސިމް ޝާހިދު 50، އާއި ރަޒީނާ އިބްރާހީމް، 40، މަރާ ގުޅޭ ގޮތުން އަދިވެސް އެކި ގޮތްގޮތަށް ވާހަކަ ދައްކަނީ އެހެންވެ އެވެ.


ދެމަފިރިންގެ މަރަށް ހަފުތާއަކަށްވުރެ ގިނަ ދުވަސްވީއިރު ވެސް ހަގީގަތެއް ނޭނގެ އެވެ. އެއީ ގުދުރަތީ މަރެއްތޯ ނުވަތަ އެހެން ސަބަބެއް މެދުވެރިވީތޯ ކުރާ ސުވާލުތަކަށް ޖަވާބެއް ނުލިބެ އެވެ.

ތިން ދަރިންނާ އެކު ދިރިއުޅެމުން ދިޔަ ތ. ވިލުފުށީ ދެމަފިރިން މަރުވެފައި ތިއްބާ ފެނުނީ، ރޭގަނޑު ނިދަން ވަން ގޮތަށް އަނެއް ދުވަހުގެ މެންދުރުވިއިރު ވެސް ހަބަރެއް ނުވެގެން ބެލުމުންނެވެ. މަރުވެފައި ތިބިއިރު، މާބޮޑު ޒަހަމެއް ބޭރުފުށުން ފެންނަން ނެތަސް ދެ މީހުންގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންގޮސް ޓެސްޓުތަކެއް ހެދި އެވެ.

މޯޗަރީ އަށް ދެމަފިރިންގެ ހަށިގަނޑު ލީ ޓެސްޓުތަކުގެ ނަތީޖާ ލިބެންދެންނެވެ. އެކަމަކު، ޖެހިގެން އައި ދުވަހު ދެމަފިރިން ވަޅުލީ ނަތީޖާ ލަސްވާތީ އާއި ގިނައިރު ވަޅުނުލައި ބާއްވަން އާއިލާ އިން ބޭނުން ނުވުމުންނެވެ.

ދެމަފިރިންގެ މަރުގެ ހަގީގަތް ދެނެގަތުމަށް ހެދި ޓެސްޓުތަކުގެ ނަތީޖާ ފުލުހުން އަދިވެސް އާއިލާއާ ހަވާލެއް ނުކުރެ އެވެ. އޭގެ ސަބަބާ ގުޅޭގޮތުން ފުލުހުން ވާހަކައެއް ވެސް ނުދެއްކި އެވެ.

އާއިލާ އިން ބޮޑަށް ލަފާކުރަނީ، އެއީ ގުދުރަތީ މަރެއް ކަމަށެވެ. އެކަމަކު ޓެސްޓުތަކެއް ހަދާފައިވާތީ، އޭގެ ނަތީޖާ ބޭނުންވާ ކަމަށް އާއިލާ އިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

"އަޅުގަނޑުމެން އެދިފައި ވަނީ ނަތީޖާ ހަވާލުކޮށްދޭން، އެކަމަކު އަދިވެސް ނުލިބޭ،" އޭނާ ބުންޏެވެ.

ދެމަފިރިންގެ މަރުވި ސަބަބާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި، އެކި މީހުން ހިޔާލުތަފާތެވެ.

އެތައް ބައަކަށް ސިހުން ލިބުނު އެ މަރަކީ، ގުދުރަތީ މަރަކަށް ވެދާނެ ކަމަށް އެއް ބަޔަކު ލަފާކުރާއިރު، ދެމަފިރިން އެކުގައި މަރުވި އެހެން ސަބަބެއް އޮވެދާނެ ކަމަށް ވެސް ބައެއް މީހުން ގަބޫލުކުރެ އެވެ.

ދެމަފިރިންނާ ގުޅޭ ގޮތުން ކޮމެންޓްކުރި އެކަކު ބުނެފައި ވަނީ، އޮކްސިޖަން ނުލިބިގެން ނުވަތަ ވިހަ ގޭހެއްގެ އަސަރުކޮށްގެން ވެސް މަރުވުން އެކަށީގެންވާ ކަމަށެވެ. އެހެން މީހަކު ބުނެފައި ވަނީ، ދެމަފިރިން ވަޅުލަން ޖެހޭނީ، މަރުގެ ހަގީގަތް ޝައްކެއް ނެތް މިންވަރަށް ކަށަވަރުކޮށްފައި ކަމަށެވެ.

ޓެސްޓުތަކުން ކަށަވަރު ނުވާ ނަމަ ޕޯސްޓްމޯޓަމް ވެސް ހަދަން ޖެހެ އެވެ. އެކަމަކު، މަރުގެ ހަގީގަތް ދެނެގަތުމަށް ޕޯސްޓްމޯޓަމް ނުހަދައި ވަޅުލި ސަބަބެއް އާއިލާ އިން ވެސް ސާފެއް ނުވި އެވެ.

އާއިލާ އިން ކުރިން ބުނެފައިވާ ގޮތުގައި ދެމަފިރިން މަރުވިއިރު ސިއްހީ ބޮޑު ބައްޔަކަށް ފަރުވާ ހޯދަމުން ވެސް ނުދެ އެވެ. ދެމަފިރިންގެ މަރުގެ ހަގީގަތް މުހިއްމު ވަނީ މި ސަބަބުތައް ހުރުމުންނެވެ.