ޖޯން: ބައެއް މީހުން ގަބޫލުކުރަނީ ދިވެހި ބަޔަކު އޭނާ އަށް ލަނޑުދިނީ ކަމަށް

ޕާސްޕޯޓު ނެތި ހުޅުމާލޭގައި ދިރިއުޅޭތީ އަދަބު ލިބޭނެ ކަން، އެމެރިކާގެ ރައްޔިތެއް ކަމަށްވާ ޖޯން ސޭފާޓް އަށް މާ ކުރިން ވެސް އެނގެ އެވެ. އެހެންވެ އެހީއަށް އެދި މުއައްސަސާތަކަށް ވެސް ދިޔަ އެވެ. އެކަމަކު އެހީ ނުލިބި އުޅެނިކޮށް، އެންމެ ފަހުން ކުށްވެރިވެ، ބަންދުކުރީ ވެސް އޭނާ އެވެ.


ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި 70 އަހަރުގެ ޖޯން ހައްޔަރުކުރީ މިދިޔަ ހޯމަ ދުވަހުގެ ރެ އެވެ. އޭނާ މިހާރު ހުރީ އިމިގްރޭޝަނުގެ ބެލުމުގެ ދަށުގަ އެވެ. އޭނާއާ ގުޅޭ ގޮތުން، ފުލުހުން އަދި އިމިގްރޭޝަނުން ވެސް މާ ގިނަ ވާހަކައެއް ނުދެއްކި އެވެ.

އެކަމަކު ޖޯން ވަނީ އޭނާ އަށް ބަޔަކު "ޖެއްސި ހާލު"ގެ ވާހަކަ އެތައް ބަޔަކަށް ކިޔައިދީފަ އެވެ. އެއީ، ދިވެހިންނަށް ވެސް ލަދުވެތި ވާހަކަތަކެކެވެ. އޭނާ ބުނާ ގޮތުގައި ގަވާއިދާ ޚިލާފަށް ހުޅުމާލޭގައި އުޅެން އޭނާ އަށް މަޖުބޫރުވީ ސިޔާސީ ގޮތުންނާއި ވިޔަފާރީގެ ގޮތުން ވެސް ނުފޫޒު ގަދަ ބައެއްގެ ޝިކާރައަކަށް ވުމުންނެވެ.

ޖޯންގެ ކުށެއް ނެތް ކަން ހާމަކޮށް، ވަގުތުން ދޫކޮށްލުމަށް އޭނާގެ ހަގީގަތް އެނގޭ މީހުން ސޯޝަލް މީޑިއާގައި ގޮވާލަމުން އަންނަނީ އެހެންވެ އެވެ.

ހުޅުމާލޭގައި ހިންގި ސަގާފީ ހަރަކާތެއްގައި ޖޯން ބައިވެރިވަނީ.

ލަނޑުދީ، ޕާސްޕޯޓު ވެސް ވަގަށް ނެގީ!

ޖޯންއާ ގާތް ގުޅުމެއް އޮންނަ ބައެއް މީހުން ކިޔައިދިން ގޮތުގައި، މީގެ ހައެއްކަ އަހަރު ކުރިން ޖޯން ހުޅުމާލެ އަށް ބަދަލުވީ ގެސްޓު ހައުސްޓް ވިޔަފާރި ހިންގާށެވެ. ހުޅުމާލޭގައި އޭނާ އެ ވިޔަފާރި ފެށީ، ސްރީ ލަންކާ އިން ދިމާވި ދިވެހި ފިރިހެނަކާ ގާތް ގުޅުމެއް އުފެދި، ދެ މީހުން ހިއްސާވާ ގޮތަށެވެ. އެއީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރެއްގެ އަނބިކަނބަލުންގެ އާއިލާ މީހެކެވެ.

ގެސްޓު ހައުސް އިމާރާތްކޮށް ނިމި، ވިޔަފާރި ހަމައަކަށް އެޅެންދެން ރިސޯޓެއްގައި ވެސް އޭނާ ވަޒީފާ އަދާކުރި ކަމަށް ވެ އެވެ.

ހުޅުމާލޭގައި އެންމެ ފުރަތަމަ ހުޅުވި ގެސްޓު ހައުސްތަކުގެ ތެރޭގައި ހިމެނޭ އެތަން ހަދާފައި ވަނީ ޖޯން އާއި އޭނާގެ ރަހުމަތްތެރިޔާއާ ދެ މީހުން ހަމަހަމަ އަށް ހިއްސާވާ ގޮތަށެވެ. ޕެންޝަންގެ ގޮތުގައި ޖޯން އަށް ލިބިފައި ހުރި ފައިސާ ވެސް ހިމަނައިގެން ގެސްޓު ހައުސް އިމާރާތްކުރަން ބޮޑު ހޭދައެއް އޭނާ ކުރި ކަމަށްވެ އެވެ.

"އެތަން އިމާރާތްކުރުމާއި ހުޅުވުމާއި ހުރިހާ ކަމެއްގައި އިސްކޮށް އުޅުނީ ވެސް ޖޯން،" ނަން ނުޖަހާ ގޮތަށް "މިހާރު" އާ ވާހަކަ ދެއްކި އެކަކު ބުންޏެވެ.

ހުޅުމާލޭގައި ގެސްޓު ހައުސް ވިޔަފާރީގައި ހާސްކަމެއް ނެތި ޖޯން އުޅުނީ، ބިޒްނަސް ވިސާގަ އެވެ. ވިސާ ހަމަޖައްސައިދޭން ރަހުމަތްތެރިޔާ ގާތު އެދުމުން ވަރަށް ފަސޭހަ އިން އިމިގްރޭޝަނުން އެކަން ހަމަޖައްސައި ބިޒްނަސް ވިސާ ލިބިފައިވާ ކަމުގެ ލިއުން ވެސް ޖޯން އަށް ދިން ކަމަށްވެ އެވެ. އެކަމަކު އެއީ، ފޯޖުކޮށްފައިވާ ޑޮކިއުމެންޓެއް ކަން ފަޅާއެރީ، ދެ މީހުންގެ ދޭތެރޭގައި މައްސަލަ އުފެދި ޕާސްޕޯޓު ވެސް ވަގަށް ނެގި ހިސާބުން ކަމަށް، ބައެއް މީހުން ބުނެ އެވެ.

އޭރު ގެސްޓު ހައުސްގައި އޮތް އޭނާގެ 50 ޕަސެންޓް ހިއްސާ ވެސް އަތުލާފައިވާ ކަމަށް ވެ އެވެ.

"ވަކި ހިސާބަކުން ޕާޓްނަރު އޭނާއާ މެދު ހިތްހަމަނުޖެހުނީ ކަމަށް ވަނީ. ޕާސްޕޯޓް ވެސް ވަގަށް ނަގާފައި އޭނާއާ ދިމާލަށް ބުނި ކަމަށް ވަނީ މުސްކުޅި މީހާ ގަނޑަށް ކުރެވޭނެ އެއް ކަމެއް ވެސް ނޯންނާނެޔޭ،" ޖޯންއާ ހަވާލާދީ އޭނާގެ ގާތް މީހަކު ކިޔައިދިނެވެ.

ޖޯން: އޭނާގެ ގާތް ބައެއް މީހުން ބުނާ ގޮތުގައި އޭނާގެ ޕާސްޕޯޓު ވަނީ ވަގަށް ނަގާފައި

ޖޯން އާއި އޭނާގެ ރަހުމަތްތެރިޔާއާ ދެމެދު ޖެހުނު މައްސަލައިގެ މާ ބޮޑު ތަފްސީލެއް އެހާ ގިނަ ބަޔަކާ އޭނާ ހިއްސާކޮށްފައެއް ނުވެ އެވެ. އެކަމަކު، އެ ގެސްޓުހައުސް ވިޔަފާރިން ޖޯން ބޭރުކޮށްލުމުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން އޭނާ އަށް ފައިސާ ދޭން ކޯޓުން އަމުރުކޮށްފައިވާ ކަމަށްވެ އެވެ.

ޖޯންގެ ޕާސްޕޯޓް ވަގަށް ނެގި ކަމަށް ވަނީ ގެސްޓު ހައުސްގެ ކޮޓަރިއެއްގައި އޭނާ ދިރިއުޅެމުން ދަނިކޮށެވެ. ޕާސްޕޯޓް ވަގަށް ނެގީ ކޮން ބައެއްކަން ބައެއް މީހުންގެ ގާތު އޭނާ ބުނެފައިވެ އެވެ. ޕާސްޕޯޓު ވަަގަށް ނެގުމަށް ފަހު އޭނާ އަށް ހުތުރު ބަހުން މުހާތަބުކޮށް ކޮށްފައިވާ މެސެޖުތަކެއް ވެސް ބައެއް ރަހުމަތްތެރިންނަށް ޖޯން ދައްކާފައިވެ އެވެ.

ޖޯން އަށް އިންޒާރު ދިނީ، އަދި ގެސްޓުހައުސް ވިޔަފާރީގައި ހިމެނެނީ ކޮން ބައެއް ކަން "މިހާރު" އަށް ބައެއް މީހުން ކިޔައިދިނަސް، އަބުރު ރައްކާތެރިކުރުމާއި ހިޔާލުފާޅުކުރުމުގެ ގާނޫނާ ހެދި އެ ނަންތައް ހާމަކުރެވޭކަށް ނެތެވެ.

ޖޯންގެ ކަންކަން އެނގޭ ބައެއް މީހުން ބުނީ، އޭނާގެ ޕާސްޕޯޓް ވަގަށް ނެގި މައްސަލާގައި، ރާއްޖޭގައި ހުންނަ އެމެރިކާ ސެންޓަރާއި އިމިގްރޭޝަނަށް ވެސް ދިޔަ ކަމަށެވެ. އެކަމަކު އޭނާ މައްސަލަ ހައްލު ނުވެ ދިގުލައިގެން ދިޔަ ސަބަބެއް މުޅިން ސާފެއް ނުވެ އެވެ.

ޖޯން ރާއްޖޭގެ ރަށެއްގައި ކުނިތަކެއް އަންދަނީ: އޭނާ މިހާރު ހުރީ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި

އޭނާގެ އަތުގައި ޕާސްޕޯޓް ނެތް ވާހަކަ އާއި މަރުގެ އިންޒާރު ދޭ ވާހަކަ ވެސް ބައެއް މީހުންގެ ގާތު ބުނެފައިވެ އެވެ. ހައްޔަރުކުރިއިރު އޭނާ ދިރިއުޅެމުން ދިޔައީ، ހުޅުމާލެ އިން ކޮޓަރިއެއް ކުއްޔަށް ހިފައިގެންނެވެ. އެތަނަށް ކުލި ދައްކަނީ އެމެރިކާގައި ހުންނަ ޖޯންގެ ދައްތަ ފޮނުވާ ފައިސާ އާއި ބައެއް މަސައްކަތްތައް ކޮށްދީގެން އަމިއްލަ އަށް ހޯދާ ފައިސާ އިން ކަމަށްވެ އެވެ.

"މަރުގެ އިންޒާރާއި އެކި ކަހަލަ އިންޒާރު ދީ ފޮނުވާފައި ހުރި މެސެޖުތަކެއް ވެސް ދެއްކި،" އެކަކު ކިޔައިދިނެވެ.

އެ އިންޒާރުތަކާ ހެދި، ހުޅުމާލެ އިން އެހެން ރަށަކަށް ދިއުމާ މެދު ވެސް ޖޯން ބައެއް މީހުންގެ ގާތުން ހިޔާލު ހޯދާފައިވެ އެވެ. ޖޯންގެ ބައެއް އެކުވެރިންނާ ފޯނުންކޮށްފައިވާ މުއާމަލާތްތަކުގެ ސްކްރީން ޝޮޓްތަކެއް ވެސް "މިހާރު" އަށް ލިބިފައިވެ އެވެ.

ދިވެހިން ދެކެ ވަރަށް ލޯބިވޭ!

ހުޝާމް މުހައްމަދު (އަސްލު ނަމެއް ނޫން)އާ ޖޯންއާ ދިމާވީ ވަރަށް ވިއްސާރަ ދުވަހެއްގައި ހުޅުމާލޭ ބީޗުގައި ދިވެހި ދިދައެއް ނަގަން އުޅެނިކޮށެވެ. އޭނާ ބުނިގޮތުގައި ޖޯން އެ ދުވަހު އުޅުނު ގޮތް ފެނުނު ކޮންމެ މީހަކު ވެސް އޭނާއާ މެދު ޝައުގުވެރިވާނެ އެވެ.

"އޭނާ ދިވެހި ދިދަ ދެކެ ވާ ލޯބިން ކުރި ކަމެއް ކަމަށް ބުނީ. ބީޗުގައި ހުރި މުރަކަ ގާތަކެއް ދައްކާފައި ވެސް ބުނަނީ ނާޒުކް ތިމާވެށި ހަލާކެއް ނޫންހޭ ވާނީ، މިގޮތަށް ގާތައް ނެގީމަ. އެހެން ކިޔާފައި، އެ ގާތައް އަދި ހެދޭނެއޭ ކިޔަމުން ގޮސް މޫދަށް އަލުން ލީ،" ހުޝާމް ބުންޏެވެ.

ވިއްސާރަ ދުވަހެއްގައި ހުޅުމާލޭ ބީޗުގައި ޖޯން ދިވެހި ދިދައެއް ނަގަނީ --ފޮޓޯ: ކިޔުންތެރިއެއް

ދިވެހިންނާއި ދިވެހި ދިދަ ދެކެ ޖޯން ލޯބިވާ ކަމަށް ދެއްކި ވާހަކަތައް ހުޝާމަށް ގަބޫލުކުރެވުނީ، އޭނާ ނެގި ދިވެހި ދިދައިގެ ފޮޓޯއެއް ޖޯން އިންސްޓަގްރާމް ކުރުމުންނެވެ.

"އަހަރެން ނެގި ފޮޓޯއެއް ކްރެޑިޓް ނުދީ އިންސްޓަގްރާމް ކުރީމަ ބުނިން ކީއްވެހޭ އެހެން ހެދީ. ދެން ބުނީ ދިވެހި ދިދަ ރީތި ކަމުން އިންސްޓަގްރާމްކުރީއޭ. މައްސަލައަކަށް ވަންޏާ މި ރިމޫވްކުރަނީއޭ ފޮޓޯ،" ހުޝާމް ބުންޏެވެ.

ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ދިވެހިންގެ ސަގާފީ އެކި ކަންކަމުގައި ވެސް ޖޯން ބައިވެރިވެފައިވެ އެވެ. އޭނާ ހައްޔަރުކުރުމާ އެކު އެ ފޮޓޯތައް ވެސް ވަނީ އާއްމުވެފަ އެވެ.

ހުޅުމާލޭގައި އުޅޭ ގިނަ ބަޔަކަށް އޭނާ ފާހަގަވާނީ، ހުޝާމް ބުނިގޮތުގައި، "ހެލޯ، ހައި" ބުނާ މީހާގެ ގޮތުގަ އެވެ

"ވަރަށް ގިނަ މީހުންނަށް އެނގޭނެ ޖޯން، ކޮންމެ މީހަކު ފެނުނަސް ހައި ޖަހާލާނެ،" ހުޝާމް ބުންޏެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އިމިގްރޭޝަންގެ ބަންދުގައި ބޭތިއްބުމަށް ފަހު އާއްމުކޮށް ޑީޕޯޓްކުރަނީ އެވެ؛ ޖޯންއާ މެދު ވެސް އަމަލުކުރާނީ އެ އުސޫލުން ކަމަަށް ބެލެވެ އެވެ.

އެމެރިކާ ސަރުކާރުން މިހާރު ވަނީ މި މައްސަލައިގެ ތެރެއަށް ވަދެފަ އެވެ. ސްރީ ލަންކާގައި ހުންނަ އެމެރިކާގެ އެމްބަސީން ނެރުނު ބަޔާނެއްގައި ބުނީ ބޭރު ގައުމުތަކުގައި އުޅޭ އެމެރިކާ ރައްޔިތުން ހިމާޔަތްކުރުމަށް ވުރެ އިސް އެއްވެސް ކަމެއް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓަށް ނޯންނާނެ ކަމަށެވެ.

އެކަމަކު ޒާތީ ބައެއް ކަންކަމަށް ބަލަން ޖެހޭތީ މި މައްސަލާގައި އިތުރު މައުލޫމާތެއް ހާމަކުރެވެން ނެތް ކަމަށް ވެސް ބުނެފައިވެ އެވެ.