ހުޅުމާލޭގައި 73 ހައުސިން ޔުނިޓް އަޅަން ޖައުސާއާ ހަވާލުކޮށްފި

ހުޅުމާލޭގައި 73 މިކްސްޑް ރެސިޑެންޝަލް ހައުސިން ޔުނިޓް އިމާރާތް ކުރުމަށް ޖައުސާ އިންވެސްޓްމަންޓާ މިއަދު ހަވާލުކޮށްފި އެވެ.


ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގައި ބޭއްވި ރަސްމިއްޔާތެއްގައި، މި އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން އެވެ. ޖައުސާ އިން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ޖައުސާގެ ވެރިޔާ ޖައުފަރު އީސާ އާދަމްގެ ދަރިފުޅު އަހުމަދު ޖަހުދާން ޖައުފަރެވެ. މި ރަސްމިއްޔާތުގައި ޖައުފަރު ވެސް ބައިވެރިވެވަޑައިގަތެވެ.

މި ފްލެޓްތައް އެޅުމަށް ނިންމާފައިވާނީ ސެންޓްރަލް ޕާކުގެ ހުޅަނގު ފަރާތުގަ އެވެ.

އެޗްޑީސީން ބުނީ މި މަޝްރޫއުގެ ދަށުން، އަޅާ ހައުސިން ޔުނިޓުތަކުގައި ވިޔަފާރީގެ އުސޫލުން އެއްބައި ބޭނުން ކުރެވޭ އިރު މީހުން ދިރިއުޅޭ ގޮތަށް ވެސް ފްލެޓްގެ ބައެއް ތަރައްގީ ކުރާނެ ކަމަށެވެ. އަދި 26 މަސް ތެރޭގައި ފްލެޓްތަކުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެތަނުން ބުންޏެވެ.

ހުޅުމާލޭގައި ގިނަ ފްލެޓްތައް އެޅުމަށް މިދިޔަ އަހަރުގެ ތެރޭގައި ވެސް ގިނަ ބަޔަކާ ވަނީ ހަވާލުކޮށްފަ އެވެ. އޭގެ ތެރޭގައި އެކި ފަންތީގެ ފްލެޓްތައް އެޅުމަށް ބެޗް ކޮންސްޓްރަކްޝަނާއި ދަމާސް އާއި އެޕޯލޯ ހޯލްޑިންގްސްގެ އިތުރުން އިންޑިއާގެ ކުންފުންޏެއް ވެސް ހިމެނެ އެވެ.