އާ އުޅަނދުތަކެއް ގެނެސް، އެއާޕޯޓުގެ ރެސްކިއު ހިދުމަތް ވަރުގަދަކޮށްފި

ކަނޑުމަތީގައި ބޭނުންކުރާ ރެސްކިއު އުޅަނދުތަކެއް ގެނެސް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ރެސްކިއުގެ ހިދުމަތް ވަރުގަދަކޮށްފި އެވެ.


ކަނޑުގައި ދުއްވާ މި ދެ އުޅަނދު ދައްކައިލުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އޮތް ރަސްމިއްޔާތެއްގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވި ގޮތުގައި، އޭގެ ބޭނުމަކީ ސީ ޕްލޭންގެ ހިދުމަތްދޭއިރު، ދިމާވެދާނެ ހާދިސާއަކުން މީހުން ސަލާމަތްކުރުން ކަމަށެވެ.

އެގޮތުން އަލަށް ގެނައި ދެ ބޯޓުން އެއްފަހަރާ ގިނަ އަދަދެއްގެ ބަޔަކު ސަލާމަތް ކުރެވޭނެ ކަމަށާއި މިއީ ރެސްކިއު ސާވިސް އަށް ގެނައި މުހިންމު ބަދަލެއް ކަމަށް ވެސް އާދިލް ވިދާޅުވި އެވެ.

ކަނޑުމަތީގައި ބޭނުންކުރާ ރެސްކިއު އުޅަނދެއް. - ފޮޓޯ: މިހާރު

"ފަޔާ ރެސްކިއުގެ ހިދުމަތާ އެއްގޮތަށް ސީ ރެސްކިއު އަކީ ވެސް ދޭ ހިދުމަތެއް. އަޅުގަނޑުމެން ގަބޫލު ކުރަނީ މި ދެ ބޯޓުން އެއް ފަހަރާ 100 އެއްހާ މީހުންނަށް އެހީތެރިވެވޭނެ ކަމަށް،" އާދިލް ވިދާޅުވި އެވެ.

މީގެ އިތުރުން ގްރައުންޑް ހޭންޑްލިން އާއި ފަޔާ ރެސްކިއު ވަސީލަތްތަކުގެ އިތުރުން މެރިން ސްޓޭޝަނަށް ބޭނުންވާ ސާމާނު ގެނެސްފައިވާ ކަމަށް އާދިލް ވިދާޅުވި އެވެ.

ކަނޑުމަތީގައި ބޭނުންކުރާ ރެސްކިއު އުޅަނދުތައް މިއަދު ދައްކާލަނީ. - ފޮޓޯ: މިހާރު

އެމްއޭސީއެލުން ބުނި ގޮތުގައި، ކަނޑުމަތީގައި ދިމާވާ ހާދިސާތަކުގައި ހަރަކާތްތެރިވާނީ އެމްއެންޑީއެފާއި ބޭރުގެ ޓްރެއިނިން ސެންޓަރުތަކުން ތަމްރީންކޮށްފައި ތިބި އެމްއޭސީއެލްގެ މުވައްޒަފުންނެވެ. އަދި ކައިރި ސަރަހައްދެއްގައި ކަމެއް ދިމާވެއްޖެނަމަ އެކަމަށް ދެ އުޅަނދު ބޭނުންކުރެވޭނެ ކަމަށް އެ ތަނުން ބުންޏެވެ.

އެއާޕޯޓްގެ ރެސްކިއު ޓީމުން ވަނީ ކަނޑުމަތީގައި ހާދިސާއެއް ހިނގައިފިނަމަ، ހަރަކާތްތެރިވާނެ ގޮތް ދައްކާލައިފަ އެވެ. އެ ގޮތުން އުޅަނދެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ، އަލިފާން ނިއްވާ ގޮތާއި ބަޔަކު ކަނޑުވެއްޖެނަމަ، ސަލާމަތް ކުރާނެ ގޮތް ދައްކައިލި އެވެ.

އެއާޕޯޓުގެ ރެސްކިއު ހިދުމަތް ވަރުގަދަ ކުރިއިރު، އެ ހިދުމަތުގައި މީގެ ކުރިން ވެސް އުޅަނދުތަކެއް ބޭނުން ކުރެ އެވެ. އެކަމަކު ފަހުން ގެނައި ބޯޓުތަކަކީ ދުވެލި ބާރު، ފެންވަރު ރަނގަޅު ބޯޓުތަކެކެވެ.