މަސްތުވާތަކެތި ގެންގުޅުނު މީހަކު ކުށްކުރިތާ އަށް އަހަރު ފަހުން ހުކުމް އައީ އުމުރަށް ޖަލަށްލާން

އައްޑު އަށް މަސްތުވާތަކެތި އެތެރެކުރި މީހަކު، އެ ކުށް ކުރިތާ އަށް އަހަރު ފަހުން އޭނާ އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.


ޑިސެމްބަރު، 2008 ގައި މަތިންދާބޯޓަކުން އައްޑު އަށް ދިޔައިރު ހެދުމުގެ ތެރޭގައި ފޮރުވައިގެން 17 ގްރާމްގެ މަސްތުވާތަކެތި ހިފައިގެން ދިޔަ މައްސަލައެއްގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް އައީ ސ. ހިތަދޫ ހަވާސާ، ހަސަން އަންވަރުގެ މައްޗަށެވެ.

މި ހާދިސާ ހިނގިތާ އަށް އަހަރު ފަހުން އޭނާ އުމުރަށް ޖަލަށްލާން ކޯޓުން ހުކުމްކުރީ މިދިޔަ އަންގާރަދުވަހު އެވެ. މައްސަލަ ކޯޓަށް ހުށަހަޅާފައި އޮތީ 2010 ވަނަ އަހަރުގަ އެވެ.

އެހެން ބައެއް ކުށްތަކުގެ ރެކޯޑް އޮންނަ އަންވަރު އެ ކުށްކުރިއިރު، އޭރު އަމަލުކުރަމުން އައި މަސްތުވާތަކެއްޗާ ބެހޭ ގާނޫނު ބުނާގޮތުން އެއް ގްރާމަށް ވުރެ ގިނައިން މަސްތުވާތަކެތި ގެންގުޅުމަކީ އުމުރަށް ޖަލަށްލެވޭ ކުށެކެވެ.

މިހާރު އަމަލުކުރަމުން އަންނަ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން އަންވަރަށް އަދަބު ނުދިނީ، މަސްތުވާތަކެތި ގެންގުޅުމުގެ އެ ކުށަށް އެ ގާނޫނުގައި އޮންނަނީ ކުރީގެ ގާނޫނުގައި އޮންނަ އަދަބަށް ވުރެ ބޮޑު އަދަބަކަށް ވުމުންނެވެ. ކުށް ކުރިއިރު އެ ކުށަކަށް އޮތް އަދަބަށް ވުރެ ބޮޑު އަދަބެއް ދިނުން ގާނޫނުއަސާސީ މަނާ ކުރެ އެވެ.

މިހާރު އަމަލުކުރާ މަސްތުވާތަކެތީގެ ގާނޫނު ބުނާގޮތުން ވަކި އަދަދަށް ވުރެ ގިނައިން މަސްތުވާތަކެތި ގެންގުޅެފި ނަމަ، އުމުރަށް ޖަލަށްލުމާ އެކު 100،000ރ. އާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.

މަސްތުވާތަކެތި ގެންގުޅުނު މައްސަލައެއްގައި ކުށްކުރިތާ ހަ އަހަރު ފަހުން އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން 2008 ގައި މީހަކަށް ހުކުމްކުރި އެވެ. އެ މައްސަލަ އިސްތިއުނާފް މަރުހަލާގައި ބެލުމަށް ފަހު ސުޕްރީމް ކޯޓުން 2015 ގައި ވަނީ ހެކި ނެތް ކަމަށް ނިންމައި، އޭނާ މިނިވަންކޮށްފަ އެވެ.