ފުވައްމުލަކަށް ޑްރަގް އެތެރެކުރި މީހަކު އުމުރަށް ޖަލަށްލާން ހުކުމްކޮށްފި

ފުވައްމުލަކަށް މަސްތުވާތަކެތި އެތެރެކުރި މީހަކު އުމުރަށް ޖަލަށްލައި، ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.


މއ. ކްލޯވާ މުހައްމަދު މަނިކުގެ މައްޗަށް އެ ހުކުމް އައީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި މާލެއިން ފުރައިގެން އޭނާ ފުވައްމުލަކަށް ދިޔައިރު ބޮކްސާ ތެރޭގައި މަސްތުވާތަކެތި ފޮރުވައިގެން ގެންދިޔަ މައްސަލައިގަ އެވެ. އޭނާ ފުވައްމުލަކު އެއާޕޯޓުން ހައްޔަރު ކުރިއިރު 74 ގްރާމްގެ މަސްތުވާތަކެތި ފެނުނެވެ.

ކޯޓުގެ ހުކުމުގައިވަނީ މަސްތުވާތަކެތި ގެންދިޔަ ކަމަށް މުހައްމަދު މަނިކު ކޯޓުގައި އެއްބަސްވެފައިވާތީ އެ ކުށުގެ އަދަބެއްގެ ގޮތުން އުމުރަށް ޖަލަށްލުމާ އެކު 100،0000ރ. އިން ޖޫރިމަނާކޮށް، ހުކުމްކުރީ ކަމަށެވެ. އަދި ޖޫރިމަނާ ފައިސާ އެއް މަސް ތެރޭގައި ދައްކަން ހުކުމުގައި ވަނީ އަންގައިފަ އެވެ.

ވަކި އަދަދަކަށް ވުރެ ގިނައިން މަސްތުވާތަކެތި ގެންގުޅުމަކީ އުމުރަށް ޖަލަށްލުމާ އެކު ބޮޑެތި ޖޫރިމަނާ އަންނަ ކުށެކެވެ.