އިސްލާމީ މަރުކަޒުގައި މާބުލް ޖެހި ސަރަހައްދު ރައީސް ހުޅުވާދެއްވައިފި

އިސްލާމީ މަރުކަޒު ސަރަހައްދުގައި އެއްފަހަރާ 20،000 މީހުންނަށް ނަމާދު ކުރެވޭ ގޮތަށް، މިސްކިތް ހިމެނޭ ސަރަހައްދުގައި މާބުލް ޖަހައި ތަރައްގީކުރުމަށް ފަހު އެތަން މިރޭ ރައީސް އަބްދުﷲ ޔާމީން ހުޅުވައިދެއްވައިފި އެވެ.


އެތަން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މި ގެނައި ބަދަލާ އެކު އެތައް ހާސްބަޔަކަށް އެއްފަހަރާ ނަމާދުކޮށް އަދި ދީނީ ހަފުލާތައް ބޭއްވޭނެ ކަމަށެވެ.

ހައުސިން މިނިސްޓްރީން ބުނިގޮތުގައި މާބުލް ޖަހައި ތަރައްގީކުރި 5،000 އަކަމީޓަރުގެ ސަރަހައްދުގައި އެއްފަހަރާ 20،000 މީހުންނަށް ނަމާދުކުރެވޭނެ އެވެ. އެކަމަށް ޗައިނާ ސަރުކާރުން 1.1 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ދިން ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

އިސްލާމީ މަރުކަޒުގައި މާބުލް ޖަހާފައިވާ ސަރަހައްދު ހުޅުވައިދެއްވުމަށްފަހު ރައީސް ޔާމީން މިރޭ އެތަން ބައްލަވާލައްވަނީ. ފޮޓޯ: ހައުސިން މިނިސްޓްރީ

މިނިސްޓަރު މުއިއްޒު ވިދާޅުވީ އެތަނުގައި ކުރެވުނީ ވަރަށް ބުރަ އަދި ބޮޑު މަސައްކަތެއް ކަމަށެވެ. އަދި ރައީސް ޔާމީން ބޭނުންފުޅުވީ އެތަން ތަރައްގީކޮށް ރޯދައަށް ނިންމަން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މިތަނުގައި ޖުމްލަ 8،300 ގަނޑު މާބުލް ޖަހާފައިވޭ. މިކަމަށް ހޭދަވީ ޖުމްލަ 16 ދުވަސް،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެ މަސައްކަތް ރޯދައަށް ނިންމުމަށްޓަކައި ބައެއް މަގުތައް ބަންދުކޮށް އަދި އެތަނުގައި މާބުލް ޖެހުމަށް އެ މިނިސްޓްރީގެ މުވައްޒަފުން 24 ގަޑިއިރު މަސައްކަތްކުރި ކަމަށެވެ.

އިސްލާމީ މަރުކަޒު ސަރަހައްދުގައި މާބުލް ޖެހުމަށްޓަކައި އަމީރު އަހުމަދު މަގުން ބަޔަކާއި މެދުޒިޔާރަތްމަގުގައި ހުރި ޖުމްހޫރީ ބިނާ ނަގައި އެ މަގުން ބައެއް ވަނީ ބަންދުކޮށްފަ އެވެ.